ރައީސް އަބްދުﷲ ޔާމީން

"ރިސޯޓު ހަދަން ދޫކުރި ރަށްތަކުން ދައުލަތައް 3.3 ބިލިއަން ރުފިޔާ ލިބޭނެ"

  • 16 ރަށެއްގެ ބަނދަރު ވަނީ ނިމިފައި
  • 45 ބަނދަރެއްގެ މަސައްކަތް ކުރެވެމުންދޭ
  • 23 ބަނދަރުގެ މަރާމާތުގެ މަސައްކަތް ވަނީ ނިމިފައި

ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތައް ދެ އަހަރު ދުވަހުގެ ތެރޭގައި ނިމުމުން ދައުލަތަށް 3.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިސޯޓު ހަދަން ދޫކުރި ޕްރޮޕަޓީ ހަދާ ކެޕިޓަލް އިންވެސްޓްމަންޓަކީ ދެ ބިލިއަން އެމެރިކާ ޑޮލަރު ކަމަށާއި މި ރަށްތަކުން ސަރުކާރަށް އެކަނި ޓެކްސްތަކުން މި ރިސޯޓުތައް ހަދާ ނިމުނީމަ އަހަރު 3.3 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށެވެ.

"މި 60 ޕްރޮޕަޓީން އެކަނި 27،000 ވަޒީފާ އުފެދޭނެ. ގައުމުގެ ދުވެލި ދާންވާނީ ކުރިއަށް. އަޅުގަނޑުމެންގެ މަސައްކަތް ދާންވާނީ ކުރިއަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެއާޕޯޓް ތަރައްގީކޮށް އެއާޕޯޓުން ދަތުރުކުރާ މީހުންގެ އަދަދު ދެގުނަ އިތުރު ކުރުން ކަމަށެވެ.

"މި މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ކުރެހުންތަކާ ހުރިހާ ފީޒިބިލިޓީއާ ހުރިހާ މަސައްކަތެއް މާތްﷲ އިރާދަކުރެއްވިއްޔާ ވަނީ ނިމިފައި. މި އެއާޕޯޓުގެ ފަސޭހަކަން ވެސް 2018 ވަނަ އަހަރު ހުސްވުމުގެ ކުރިިން ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ ޔޫތު ސިޓީއާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ޒުވާނުންގެ ސިޓީ ކަމަށާއި މިއީ ޒުވާނުންނަށް ވަޒީފާ އާއި ވިޔަފާރީގެ ފުރުސަތުތައް ހުޅުވާލުމަށް ސަރުކާރުގެ ވިސްނުން ދައްކުވައިދޭ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

"މި މަޝްރޫއުގައި ކުރެވެނީ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރެވޭ މައިގަނޑު މަސައްކަތް. ބައެއް މަގުތައް ހެދުން.އިރާދުކުރެއްވިއްޔާ 2016 ވަނަ އަހަރު ޝޯވްޕްރޮޑެކްޝަންގެ މަސައްކަތް ނިމިގެންދާނެ. އެއަަހަރުގެ ތެރޭގައި ބޮޑެތި މަގުތައް ހެދިގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަތޮޅުތެރޭގެ 16 ބަނދަރެއްގެ މަސައްކަތް އެއްކޮށް ނިމި، 45 ބަނދަރުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

"ތޭވީސް ބަނދަރުގެ މަރާމާތުގެ މަސައްކަތް ވަނީ ނިންމާފައި. ބިން ބޮޑުކޮށް ދިނުމުގެ މަސައްކަތް ކަމަށްވާނަމަ ފަސް ރަށުގެ ބިން ހިއްކުން ނިންމާފައި. ނުވަ ރަށުގެ ބިން ބޮޑު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މަގު ހެދުމުގެ މަސައްކަތައް ބަލާނަމަ ތިން ރަށުގެ މަސައްކަތް ނިންމައި. ވިހި ރަށުގެ މަސައްކަތް ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ލ. އަތޮޅުގެ ބޮޑު މަގު "ލ. ލިންކް" ގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށެވެ.

"ފެނުގެ މަޝްރޫއު ނުވަ ރަށުގައި ވަނީ ނިންމައިދީފަ. ފަސް ރަށުގެ މަސައްކަތް ދަނީ ހިނގަމުން. ފަނަރަ ރަށުގެ ނަރުދަމާގެ މަސައްކަތް ވަނީ ނިމިފައި. ދިހަ ރަށުގައި މަސައްކަތް ދަނީ ކުރިއަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ތައުލީމީ ދާއިރާގައި 48 އިމާރާތެއްގެ މަސައްކަތް ނިންމަމުންދާ ކަމަށެވެ.

"ސިއްހީ ދާއިރާގައި 169 މަޝްރޫއު ވަނީ ނިންމާފައި. އަޅުގަނޑު މިދިޔަ އަހަރު ދެނެވިން މި އަހަރުގެ ރިޔާސީ ބަޔާން އިއްވާއިރު ހުރިހާ ރަށެއްގައި ބޭސް ފިހާރަ ހުޅުވިފައިވާ ކަމަށް. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 185 ފާމަސީ އެބަހުރި،" ރައީސް ވިދާޅުވި އެވެ.