އައްޑޫގައި ކޮވިޑް 19 އަށް ފަރުވާ ދިނުމަށް ކޮންމެހެން ބޭނުންވާ ވަރަށް ބޭހާއި ޑޮކްޓަރުން އެބަ ހުރި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "އަވަަސް" އަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ ނިޒާރު މިވަގުތު މެނޭޖުކުރެވޭ ވަރަށް ބޭހާއި ޑޮކްޓަރުން އެބަތިބި ކަމަށާއި ނަމަވެސް އައްޑޫގެ ކޮވިޑް ފެސިލިޓީގެ ވަސީލަތްތައް ރަނގަޅުކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ސާމްޕަލް ނެގޭ އަދަދު އިތުުރުކޮށް ދުވާލަކު 500 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޓެސްޓްކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިތުރު ކޭސްތައް އަދިވެސް އައްޑޫން ފެނުމުގެ ކަންބޮޑުވުން ނިޒާރު ފާޅުކުރެއްވި އެވެ. އެއީ މިހާރުވެސް 514 ޑައިރެކްޓް ކޮންޓެކްޓުން ތިބުމާއެކު އިތުރު މީހުން ޕޮޒިޓިވްވުމުގެ ފުރުސަތު އޮތުމުންނެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ހިދުމަތްތައް މިވަގުތު މެދުކެނޑިފައިވާތީ އޮންލައިންކޮށް ހިދުމަތް ދިނުމަށް ކައުންސިލުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ނިޒާރު ވިދާޅުވީ ސިޓީ ކައުންސިލްގެ ހިދުމަތްތައް މެދުކަނޑާލަން ޖެހުނީ އެ ކައުންސިލްގެ މުނިސަޕަލް ސާވިސްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ.
ސިޓީ ކައުންސިލްގެ ހިދުމަތްތައް މެދުކަނޑާލިއިރު އެ ކައުންސިލުގެ ދަށުން ހިންގަމުންދާ އަވަށު އޮފީސްތަކުގެ ހިދުމަތްތައްވެސް ވަނީ މެދުކަނޑާލާފަ އެވެ.
ނިޒާރު ވިދާޅުވީ ސިޓީ ކައުންސިލްގެ މަސައްކަތް އޮންލައިންކޮށް ދިނުމަށްޓަކައި ސެޓަޕް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ދެ ދުވަސްތެރޭ ހިދުމަތް ދެވޭވަރު ވާނެ ކަމަށެވެ.
އައްޑޫ ސިޓީން ކޮވިޑް ޖެހިފައިވާ 201 މީހުން މިހާތަނަށް ފެނިފައިވާއިރު މިވަގުތުވެސް 163 އެކްޓިވް ކޭސް އެބައުޅެ އެވެ. އެންމެ ގިނަ އެކްޓިވް ކޭސް އުޅެނީ ހިތަދޫގަ އެވެ. އެއީ 92 ކޭސް އެވެ. އަދި ހުޅުދޫގައި 41 ކޭސް ރެކޯޑްކޮށްފައިވެ އެވެ.
އައްޑޫ ކޮވިޑް ފެސިލިޓީގައި ހަ މީހަކަށް ފަރުވާ ދެމުންދާއިރު އުމުރުން ދުވަސްވީ މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.
ކޭސްތަކާ ގުޅިގެން މިހާރުވެސް އައްޑޫ ސިޓީ އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އެ ހާލަތުން ނެގޭނެ ދުވަހެއް ލަފާކުރަން ނޭނގޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކުވެސް ފެނޭ ކޭސް ކޮންމެ ރަށަކުން. ދެން ނެގޭ ރެންޑަމް ސާމްޕަލްއަށް ފަހު ލިބޭ ނަތީޖާއަށް ފަހު ނޫނީ މޮނީޓަރިންއިން ނުނެގޭނެ" ނިޒާރު ވިދާޅުވި އެވެ.
އެ ސިޓީ ގައި މިހާރު އަންނަނީ 12 ގަޑިއިރު ކާފިއު ވެސް ހިންގަމުންނެވެ. އެގޮތުން ހަވީރު ހަތަރަކުން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، އެއް ރަށުން އަނެއް ރަށަށް އަދި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް މި މުއްދަތުގައި މަނާކޮށްފައިވެ އެެވެ.
"ދެން އޭގެ އިތުރުން ފުލުހުންނާ ގުޅިގެން އަޅުގަނޑުމެން އިތުރަށް ހަރުދަނާ ކުރިން މީހުންގެ މޫވްމަންޓް މަދުކުރެވޭތޯ. އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރާ ކޯޑިނޭޓްކޮށްގެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން މިދަނީ. ދެން ކަނޑުމަގުން އަންނަ ބޯޓު ފަހަރުތައް މޮނީޓާކޮށް އިތުރަށް ބޯޓު ފަހަރުން ނުފޭބޭނެ ގޮތް ހަދައިފައި ވާނީ. އެހެން ނަމަވެސް ދަތުރުފަތުރު ނުހުއްޓޭނެ ކަމުގެ ޔަގީންކަން ދެން" ނިޒާރު ވިދާޅުވި އެވެ.