ޓެކްނޯލޮޖީ

ކުރީގެ ޕީއެސް ޝަރީފް، ސްޓޭޓް މިނިސްޓަރަކަށް

May 23, 2021
1

މިނިސްޓާ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެ މަގާމަށް އައްޔަންކުރެއްވި ބޭފުޅަކީ ހ. ޔެލޯރޯޒް، މުހައްމަދު ޝަރީފް އެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަސިޓީން އިލެކްޓްރޯނިކް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިން ވިތު މެނޭޖްމަންޓުން މާސްޓާސް ހާސިލްކުރައްވާފައިވާ ޝަރީފް އެންމެ ފަހުން ހުންނެވީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގަ އެވެ.

ނަމަވެސް މިމަހުގެ ފަސްވަނަ ދުވަހު ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލުމާ ގުޅިގެން ޝަރީފްގެ މަގާމު ވަނީ ގެއްލިފަ އެވެ.

މުހައްމަދު ޝަރީފަކީ 2020 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ހިންގާ ބޯޑުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ ތަމްސީލް ކުރައްވާ ބޭފުޅެކެވެ. މީގެއިތުރުން ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމާއި އަމިއްލަ ކޮލެޖެއް ކަމުގައިވާ ސައިރިކްސް ކޮލެޖުގެ ރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވާފައިވެ އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގައި މުހައްމަދު ޝަރީފްއާއި އެކު ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ފަސް ބޭފުޅަކު އެބަތިއްބެވި އެވެ. އަދި ހަ ޑެޕިއުޓީ މިނިސްޓަރުން ވެސް އެ މިނިސްޓްރީގައި އެބަތިއްބެވި އެވެ.