ކުލަބު އީގަލްސްގެ ޒުވާން ފޯވަޑް އަންސާރު އިބްރާހީމާއި ވެލެންސިއާގެ މިޑްފީލްޑަރު އަހުމަދު ވިސާމް (ޖެރާޑް) ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ހޯދައިފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ހޮންކޮންއާ ދެކޮޅަށް ކުޅެން ގައުމީ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް ނެގި 23 ކުޅުންތެރިންގެ ސްކޮޑުން މި ދެ ކުޅުންތެރިން ޖާގަ ހޯދީ މުޅިން އަލަށެވެ. ސްކޮޑުން ބާކީކުރި ނަމަވެސް އަލުން ޓީމަށް ގެނައި ކުޅުންތެރިންނަކީ ނިއުގެ އަލީ ފާސިރު (ސެންޓޭ) އާއި މަހިބަދޫގެ ސަމޫހް އަލީ އެވެ. މާދަމާގެ މެޗަށް ޓީމުން ބާކީކޮށްފައިވަނީ ވެލެންސިއާގެ އަކުރަމް އަބުދުލްގަނީ އާއި މާޒިޔާގެ މުހައްމަދު އުމޭރާއި ނިއުގެ ކެޕްޓަން އަސްއަދު އަލީ (އަޑޭ) އެވެ. މީގެ ތެރެއިން އުމޭރަށް އަނިޔާވެފައިވާއިރު އަޑޭ އަށް ވަނީ ދެ ރީނދޫ ކާޑު ހަމަވެފަ އެވެ.
އުމުރު ފުރާތަކުގެ ގައުމީ ޓީމުތަކުން ފާހަގަ ކުރެވިފައިވާ އަންސާރު ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދިއިރު އޭނާއަކީ ނިމިދިޔަ އަހަރު އަހަރަބިއްޔާގެ ސްކޫލުގެ އެންމެ މޮޅު ދަރިވަރެވެ. އަދި 2011 ވަނަ އަހަރު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް އަރަބިއްޔާ އަށް ހޯދައިދިނ ކެޕްޓަންވެސްމެ އެވެ. ކުލަބު ކެރިއަރުގައި މިހާތަނަށް ހަމައެކަނި އީގަލްސްއިން ފެނިފައިވާ ކުޅުންތެރިޔާ ގައުމީ ޓީމުން ޖާގަ ހޯދުމުން އެ ކުލަބުގެ ކޯޗު އިހުސާން އަބުދުލްގަނީ ވެސް ވަނީ އަންސާރަށް މަރުހަބާ ކިޔައިފަ އެވެ.
ވެލެންސިއާގެ ޖެރާޑަކީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ އަށް މި ފަހަރު ސްކޮޑުން ޖާގަ މި ލިބުނީ ވޯލްޑް ކަޕް ކޮލިފައިންގައި ބޫޓާނާއި ގަތަރާ ދެކޮޅަށް ކުޅެން ނެގި ޓީމާއެކު ފަރިތަކުރި ނަމަވެސް އެންމެ ފަހު ވަގުތު ޓީމުން ބާކީވުމަށްފަހު އެވެ.
ހޮންކޮންއާ ދެކޮޅަށް ގައުމީމ ޓީމު ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 15:50ގަ އެވެ.