ނަޝީދަށް އަމާޒު ކުރި ހަމަލަ

ތަހުގީގުގައި އެކަށީގެންވާ ކުރިއެރުން ލިބިއްޖެ: އިމްރާން

މި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާރު ކުރިއަށް ގެންދާ ތަހުގީގުގައި އެކަށީގެންވާ ކުރިއެރުންތައް ލިބިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން އެހެން ވިދާޅުވީ މިއަދު މަޖިލީހުގަ އެވެ. އޭނާ މަޖިލީހަށް ހާޒިރުކުރީ ތ. ތިމަރަފުއްޓާއި އެއަތޮޅު ވޭމަންޑޫގައި ފުލުހުންގެ މަރުކަޒު ގާއިމު ކުރެވޭނެ ތާރީހާ ގުޅޭ ގޮތުން ސުވާލު ކުރަން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ބޭނުންފުޅު ވެގެނެވެ.

އެ ފުރުސަތުގައި ގިނަ މެމްބަރުންގެ ސުވާލުތައް ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން އިމްރާނަށް އަމާޒު ކުރެއްވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ނަޝީދުގެ ތަހުގީގަށް މިހާރު ވެސް 450 އެއްހާ މެމްބަރުން ހާއްސަ ކޮށްފައިވާ ކަމަށާއި އަދި ތަހުގީގަށް އެކަށީގެންވާ ކުރިއެރުން ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގުގެސްޕީޑް ލަސްވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ވިދާޅުވީ ތަހުގީގްގެ ސްޕީޑް ލަސް ވަނީ ހައްޔަރު ކޮށްފައި ތިބި ހަތަރު މީހަކާއި ތަހުގީގުގައި ބައިވެރިވާ ވަރަށް ގިނަ އޮފިސަރުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ކަމަށެވެ. ނަމަވެސް ތަހުގީގުގައި ފުލުހުންގެ މަސައްކަތްތަކަށް އިމްރާން ތައުރީފު ކުރެއްވި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ އިރު ޓެރަރިޒަމާ ދެކޮޅަށް މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި 14 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ނަޝީދު އަވަހާރަަ ކޮށްލަން ހަމަލާއެއް ދިނީ އެމަނިކުފާނު ގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެނެވެ. ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އެވެ. އަދި ހަތަރު ސާޖަރީއެއް ހެއްދެވި އެވެ. އެމަނިކުފާނު ފަހުން ވަނީ ޖަރުމަނުގެ ހޮސްޕިޓަލެއްގައި އިތުރު ފަރުވާ ވެސް ހޯއްދަވައިފަ އެވެ.