ވާހަކަ

ވޭންތަކުން ދިން

(17 މެއި 2021)

"ހައްހައްހާ. ކީކޭ ބުނާނީ ދޯ؟ މި ހުރީ މި އުޅޭ މިނިސްޓަރުންގެ ފެންވަރު." ހެމުން ހެމުން ފައިސަލް ބުނެލިއެވެ. ކެމެރާއަށް ކަޅި ހުއްޓައިލައިގެން ފައިސަލް އޮތް އިރު، އޭނާގެ ހިތަށް ދިޔައީ ވަރަށް ގިނަ ކަންތައްތައް ސަވާރު ވަމުންނެވެ.

***

ހެނދުނުގެ ނާސްތާއަށް އިންސާފު ކުރުމަށްފަހު، ނާއިކު އަވަސްވެ ގަތީ ޑިއުޓީއަށް ދިޔުމަށެވެ.

"ޑިއުޓީ ނިމޭ ގޮތަށް އަންނާނަން. މިރޭ ވާނެ ދޯ ޑިނާރ އަކަށް ދާން." އައިޝާގެ ނިތަށް ބޮސްދިނުމަށްފަހު، ގެއިން ނުކުންނަމުން ނާއިކު ބުނެލިއެވެ. ލުއި ހިނިތުން ވުމަކާ އެކު ބޯ ޖަހައިލަމުން، އައިޝާ ވަނީ ކޮޓަރިއަށެވެ.

***

ކޮޓަރީގެ ބިތަށް ޖެހިފައިވާ ޖަންނަތުގެ ހިތާއި ސިކުނޑި އަށް ވަނީ ވަރަށް ބޮޑަށް އުނދަގޫ ވެފައެވެ. ހަދާނެ ނުހަދާނެ ގޮތެއް ޖަންނަތަކަށް ނޭނގެއެވެ. އިތުރު ވާ ކޮންމެ ދުވަހަކީ ބަނޑުގައި ޖަހަމުންދާ ކުޑަކުޑަ ވިންދަށް ލިބޭނެ ފުރުޞަތެއްކަން ޖަންނަތަށް ޔަޤީންވެއެވެ. ދަރިފުޅަށް ގެއްލުމެއް ދިނުމުގެ ވިސްނުން ކުރިން ނެތަސް، މިހާރު ޖަންނަތުގެ ސިކުނޑީގައި ވާ ކަމަކީ ހަމަ އެކަނި އެ ޚިޔާލެވެ. ދަރިފުޅު ވައްޓައިލަން ޖަންނަތު ހުރީ ނިކަން ބޭނުން ވެފައެވެ. އެކަމަށް ފެން ބޮވައިގެންފައެވެ.

ޖަންނަތު އޭނާގެ ފޯނު ނެގީ، އެނެއްކާ ވެސް ދެ ފިކުރެއްގައި އިނދެއެވެ. ރާފިލަށް މިވާހަކަތައް ކިޔައިދިނުން ނޫން އިތުރު ގޮތެއް އެބައޮތް ބާއޭ އެތައް ފަހަރަކު އޭނާގެ ހިތް ގެންދިޔައީ ޖަންނަތަށް ސުވާލު އުފައްދަމުންނެވެ. ޖަންނަތަށް ދިމާވާ ދަތި ޙާލަތް ތަކުގައި ރާފިލް އޭނާގެ ގާތުގައި ހުންނާނެ ކަމުގެ ޔަޤީންކަން ޖަންނަތަށް ލިބެއެވެ. ނަމަވެސް އެ ދެމީހުންގެ މެދުގައި ގިނަ ދުވަސް ތަކެއް، އެއްވެސް ޚަބަރެއް ނުވެ ތިބުމުން ޖަންނަތު ފަސްޖެހެނީ އެވެ. ކަމުގެ ބޮޑު ކަމުންނެވެ.

ފޯނުން އެތައް އިރަކު ރަޝީދާއާ ވާހަކަދެއްކުމަށްފަހު، އައިޝާ ފޯނު ބޭއްވިއެވެ. މިއީ އައިޝާގެ އާދައެކެވެ. މާލޭގައި، މަންމައާ ދުރުގައި ހުންނަން ޖެހުނަސް، ކޮންމެ ދުވަހަކު ވެސް ރަޝީދާއަށް ގުޅާނެއެވެ. ފަހަކަށް އައިސް އައިޝާ އާއި ޖަންނަތުގެ ގުޅުން ވެސް ރަނގަޅެވެ. އައިޝާ އާއި ރަޝީދާ ވެސް ޤަބޫލު ކުރީ ޖަންނަތަށް ލިބިގެން ދިޔައީ ރަނގަޅު، ހެޔޮ ބަދަލެއް ކަމަށެވެ.

***

ވަގުތުކޮޅެއްގެ ހިމޭންކަަމަކަށް ފަހު، ޖަންނަތު ފުންކޮށް ނޭވާއެއް ދޫކޮށްލިއެވެ. އަދި ފޯނަށް ބަލައިލީ ޖެހިލުންވުމާ އެކުގައެވެ. އަނެއްކާ ވެސް ފުންކޮށް ޖަންނަތު ނޭވާއެެއް ދޫކޮށްލަމުން ގުޅައިލީ ރާފިލަށެވެ.

"ހަލޯ. ޖަންނަތު. އަހަރެން އަދި މިއުޅެނީ ގުޅަންށޭ!" ފޯނު ނެގި ގޮތަށް ވާހަކަދައްކަން ފެށީ ރާފިލެވެ. ކަރުކެހިލަމުން ޖަންނަތު ހިންދިރުވައިލިއެވެ.

"ރާފިލް.. އަހަރެން ވަރަށް ބޮޑު ވާހަކަ އެއް ބުނަން ވެގެން.." ޖަންނަތު ވާހަކަދެއްކީ ވަރަށް މަޑުންނެވެ.

"ބުނެބަލަ! ކިހިނެއްތަ ވީ އަނެއްކާ؟ ކިޔާ ބަލަ!" ރާފިލް ވަރަށް އަވަސްކޮށް އަހައިލިއެވެ. ދެލޯ މަރައިލަމުން ޖަންނަތު ހިތްވަރުކޮށްލިއެވެ. އަދި ސިއްރު ސިއްރުން ޖަންނަތު، އޭނާއަށް ވެގެން އުޅޭ ގޮތް ކިޔައި ދޭން ފެށިއެވެ. ޖަންނަތުގެ ވާހަކަތަކުން ރާފިލް ހައިރާން ވިއެވެ. ޖަންނަތާއި ޒަހީންގެ ވާހަކަ ތަކަކީ ރާފިލަށް އައު ވާހަކަ ތަކަކަށް ނުވިޔަސް، ޖަންނަތުގެ އެހެން ވާހަކަތަކުން ރާފިލަށް ލިބުނީ ބޮޑު ޝޮކެކެވެ.

"އަހަރެން މިކަމާ ވިސްނާ ވިސްނާ ބޯ ހަލާކު ވެއްޖެ! އެހެންވެ ގޮތް ހުސް ވެގެން ރާފިލް ގާތު މި ބުނީ.. އަހަރެން ބޭނުމެއް ނޫން ބޭޒާރު ވާކަށް.. އަހަރެން މިކަމުން ސަލާމަތް ކޮށްދީ.." ވާހަކަ މި ހިސާބަށް ދިޔައިރު، ޖަންނަތުގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ.

"ޖަންނަތު.. އަހަރެންނަށް ފެންނަނީ ތީ، ތި ވަރަށް ވިސްނަން ޖެހޭނެ ކަމެއް ނޫން ކަމަށް.." ރާފިލްގެ ރާގު ވަގުތުން ބަދަލުވެގެން ދިޔައީ ޖަންނަތަށް ނަޞޭހަތްތެރި ވުމަށެވެ.

"ވިސްނާލަ ބަލަ!" ރާފިލް ވާހަކަދައްކަމުން ދިޔައިރު، ޖަންނަތު ހިމޭނުން އިނީއެވެ.

"އަހަރެންނަށް ފެންނަނީ ލަބީބަށް ތި ވާހަކަތައް ކިޔާ ދޭން.. ލަބީބު ޤަބޫލު ކުރާނެ. ގެރެންޓީ.." ރާފިލް ބުނެލީ ޖަންނަތު އުއްމީދު ކޮށްގެން ހުރި ވާހަކައެއް ނޫނެވެ.

"ނޫން. ނުކުރާނެ ޤަބޫލެއް. އޭނަ އަހަރެން ކުރާނީ ވަރި.. އަހަރެން މުޅި ރަށަށް ފަޞީހަތް ވާނެ. އެންމެންގެ މަލާމާތް އޭރުން އަމާޒު ވާނީ އަހަންނަށް.." ޖަންނަަތުގެ އަޑުގައި ވަނީ ރާޅު ކަމެވެ.

"އެކަމު ދޯ؟ ޖަންނަތު ވިސްނާލަ ބަލަ! މިހާރު ޖަންނަތު ތި އުޅެނީ ކިހާ ހެޕީ ލައިފެއްގަ؟" ރާފިލް އެހެން ބުނުމާ އެކު، ކަންފަތުގެ ފޯނު ޖަހައިގެން އިން ޖަންނަތު ކޮޅަށް ތެދުވިއެވެ.

"ނޫން ރާފިލް.. މީ ހެޕީ ލައިފެއް ނޫން. އަހަރެން ބޭނުމެއް ނޫން މިހެން އުޅޭކަށް. އަހަރެން ލޯތްބެއް ނުވެއޭ ލަބީބު ދެކެ. މި ހުރީ ދުވަހު ވެސް، އަހަރެންނަށް ނުވެވުނޭ ލަބީބު ދެކެ ލޯތްބެއް. ލަބީބަށް އަހަރެން ލޯބިވާކަށް ދެއްކި އިރެއް ވިއްޔާ، އެކަން ވެސް އޮންނާނީ ހަމައެކަނި ފޭކު ކޮށް. އެެއީ އަސްލެއް ނޫނޭ." ޖަންނަތު އެހެން ބުނުމުން ރާފިލް ގޮވައިލީ ޖަންނަތަށެވެ.

"އެހެންވީމަ ބޭނުން ވަނީ ހަމަ އެބޯރޝަން ދޯ؟" ރާފިލް އެހެން އަހައިލީ ވައި އަޑަކުންނެވެ. ޖަވާބުގެ ދިނުމުގެ ގޮތުން ޖަންނަތު އާނއެކޭ ބުނެލީ، އޭނާގެ ބޯ ވެސް ޖަހައިލަމުންނެވެ.

"އޯކޭ.. އަހަރެން ބަލާނަން ބޭހެއް ލިބޭތޯ. އޯކޭ. ޓޭކް ކެއަރ އިނގޭ!" ރާފިލް ފޯނު ބޭއްވުމުން، ޖަންނަތު މަސައްކަތް ކޮށްލީ ހަމަޖެހުމުގެ ނޭވާއެއް ލެވޭތޯއެވެ.

***

މަސައްކަތުގައި އިން ނާއިކަށް ކުއްލިއަކަށް ބަލައިލެވުނީ އެނާގެ ފޯނަށެވެ. ގުޅަމުން ދިޔައީ ނުދަންނަ ނަމްބަރަކުން ވުމުން، ނާއިކު އެ ކޯލަށް އެއްވެސް ސަމާލު ކަމެއް ނުދިނެވެ. އަނެއްކާ ވެސް މަަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

ކުޑަ އިރުކޮޅެއް ނުވަނީސް އަނެއްކާ ވެސް ފޯނު ރިންގު ވާން ފެށިއެވެ.

"ކާކު އެ ވަރަށް އެ ގުޅަނީ؟" ނާއިކުގެ ގާތުގައި އިން ދާއިން ބަލައިލީ އޭނާގެ ފޯނަށެވެ.

"ނޭނގެ! ނުދަންނަ ނަމްބަރެއް.." އެހެން ބުނެ ނާއިކު އޭނާގެ ފޯނު ނެގިއެވެ. މިފަހަރު ފޯނު ޖަވާބު ދޭނީ އޭ ހިތާ ނާއިކު ފޯނަށް ޖަވާބު ދިނެވެ.

"ކާކުތީ؟" ނާއިކު އެހެން އަހައިލުމާ އެކު އެކޮޅުން ޖަހައިލީ ވަރުގަދަ ހިނިގަނޑެކެވެ. އެއާއި އެކު އެމީހާ ފޯނު ކަނޑައިލިއެވެ.

"ހެހެ. ހަމަ މީހެއް ހެނެއް ހީއެއް ނުވޭ.." ނާއިކު ހީނލަމުން، އަނެއްކާ ވެސް މަސައްކަތް ކުރަން ފެށިއެވެ.

***

މާޒީގެ ޞަފުހާގެ ތެރެއަށް 2 ދުވަސް ވަދެއްޖެއެވެ. ރިސޯޓުން އައި ފެރީއިން ލިބުނު ބޭސް ކޮތަޅު ހިފައިގެން ޖަންނަތު ގެއަށް އައިސް ވަނީ ވަރަށް ސިއްރުންނެވެ. ކުރަން އުޅޭ ކަމުގެ ބޮޑު ކަމުގެ ބިރުވެރިކަން އެއްވެސް ޙާލެއްގައި ޖަންނަތުގެ ސިކުނޑީގައި ނެތް ކަހަލައެވެ. ލަބީބު ގޭގައި ނެތުމާ އެކު، ވަގުތުން ބޭސް ބޭނުން ކުރަން ޖަންނަތު ބޭނުން ވިއެވެ. ކޮޓަރީގައި އިން ލައިބާ ގެންގޮސް ރަޝީދާއާ ހަވާލުކޮށްފައި، ޖަންނަތު ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.

ވަގުތުކޮޅަކު ބޭސްތަކަށް ބަލަން އިނުމަށްފަހު، އެތަނުން އެއްގުޅަ ނަގައި ޖަންނަތު އަނގަޔަށް ލިއެވެ. ބޭސް ގުޅަ ދިރުވައިލިތާ 3 މިނެޓް ނުވަނީސް، ޖަންނަތުގެ ބޮލަށް އަރައިގަތީ ތޫނު، ދިލަ ތަދެކެވެ. އެއާއި އެކު، ހިތަށް އަރައިގެން ކުއްލި ތަދަކާ އެކު، ޖަންނަތު ހުރި ތަނަށް ވެއްޓުނެވެ. (ނުނިމޭ)