ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް ހުޅުވާލި ފުރުސަތުގައި ލޯނު ލިބުނު 417 ދަރިވަރުންގެ ނަން ހިމެނޭ ވަގުތީ ލިސްޓެއް އާންމުކޮށްފި އެވެ.
ލޯނު ސްކީމާއި ބެހޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ވަގުުތީ ލިސްޓެއް ނެރުމުގެ ބޭނުމަކީ ދަރިވަރުންނަށް ލިބިފައިވާ ނަތީޖާ އާއި މެދުު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުގެ ބޭނުމުގައި ކަމަށެވެ. ކުރިއަށް އޮތް ޖޫން މަހުގެ ފުރަތަމަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ލޯނު ލިބުނު ދަރިވަރުގެ ފައިނަލް ލިސްޓް ނެރެން ހަމަޖެހިފައި ވަނީ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ސްކީމަށް ކުރިމަތިލުމަށް 770 ފުރުސަތު މިނިސްޓްރީން ހުޅުވާލި އެވެ. އެ ފުރުސަތުގައި 1،176 ދަރިވަރަކު ވަނީ ކުރިމަތިލާފަ އެވެ. ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނު ދޭން ނިންމާފައި ވަނީ ޝަރުތު ހަމަވާ 417 ދަރިވަރަކަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އެމްބީބީއެސް ކިޔަވާ ދަރިވަރުންނާއި ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާ ކަމަށެވެ. އެއީ އެމްބީބީއެސް ކިޔަވާ 65 ދަރިވަރުންނާއި ޕައިލެޓް ކަން ކިޔަވާ 16 ދަރިވަރުންނެވެ.
މި އަހަރު އަލަށް ކޯސްތައް ފަށާ ދަރިވަރުންނަށް ހުޅުވާލި ލޯނުގެ ފުރުސަތުުތަކުގެ ތެރެއިން އެމްބީބީއެސް ކިޔަވާ ދަރިވަރުންނާއި ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ އިތުރުން ޕީއެޗްޑީ ދަރިވަރުން ނޫން އެހެން ހުރިހާ ދާއިރާތަކުން ލޯނަށް ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދީފައި ވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ލޯނު ސްކީމަށް ހުޅުވާލިއިރު ފުރަތަމަ ޑިގްރީ ހިލޭ ކިޔަވާ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ވެސް ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން އެ ލޯނު ސްކީމުގެ ދަށުން އަލަށް ކިޔަވަން ފަށާ ކުދިންނަށް 45 ލޯނުގެ ފުރުސަތާއި މިހާރު ކިޔަވާ ދަރިވަރުންނަށް 105 ލޯނުގެ ފުރުސަތު ދޭން ނިންމާފައި ވެއެވެ. އެ ފުރުސަތުތަކުގެ ތެރެއިން އަލަށް ކޯސް ފަށާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލައިފައި ވަނީ 12 ދަރިވަރެކެވެ. އަދި މިހާރު ކިޔަވާ ދަރިވަރުންނަށް ހާއްސަ ކުރި ޖާގަތަކަށް ކުރިމަތިލާފައި ވަނީ 15 ދަރިވަރެކެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ލޯން ދިނުމުގައި އެކައުންޓިން ދާއިރާއިން މިހާރު ކިޔަވާ ދަރިވަރުންނަށް 30 ޖާގަ އަދި އަލަށް ފަށާ ދަރިވަރުންނަށް 20 ޖާގަ ވަނީ ހަމަޖައްސާފަ އެވެ. އަލަށް ފަށާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލައިފައި ވަނީ 10 ދަރިވަރުންނެވެ. ކޯހުގައި މިހާރު ކިޔަވާ ދަރިވަރުން ހާއްސަކުރި ފުރުސަތަށް ކުރިމަތިލާފައި ވަނީ ތިން ކުދިންނެވެ.
މަތީ ތައުލީމާއި ތަމްރީން ޕްރޮގްރާމު ތަކަށް ލޯނު ދޫކުރުމަށް މިއަހަރު ބަޖެޓު ކޮށްފައިވަނީ 137 މިލިއަން ރުފިޔާ އެވެ.