ރާއްޖެ ކުޅިވަރު

އިހަވަންދު އާއި ގުޑީސް މޮޅުވެއްޖެ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި އިއްޔެ ހަވީރުގެ މެޗު އިހަވަންދޫ އަދި ރޭ ކުޅުނު މެޗު ގުޑީސް ކާމިޔާބުކޮށްފި އެވެ.

ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު ގަދަ ހަތަރު ޓީމު ސެމީ އަށްދާ މުބާރާތުގައި އިހަވަންދޫ ކުލަބު ޕޯލްސްޓާ މޮޅުވީ ފޮނަދޫ ޒުވާނުންގެ ރުހާ ވާދަކޮށް 3-1ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް އިހަވަންދޫ ގެންދިޔައީ 16-25 އިންނެވެ. އެކަމަކު ޖެހިގެން އައި ސެޓް 25-22 އިން ކާމިޔާބު ކުރީ ފޮނަދޫ އެވެ. މެޗުގެ ފަހު ދެ ސެޓް އިހަވަންދޫ ކާމިޔާބު ކުރީ 14-25 އަދި 17-25އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އިހަވަންދޫގެ ބުއާލީ އެވެ.

މުބާރާތުގައި ރޭ ގުޑީސް ކުރި ހޯދީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެއީ 12-25، 18-25 އަދި 17-25 އިން ކުރި ހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ގުޑީސްގެ ފާތިމަތު ޝަނީޒާ އެވެ.

މި މުބާރާތުގައި މިއަދު ތިން މެޗު ކުޅޭނެ އެވެ. މެންދުރު ފަހު ކުޅޭނީ ނައިވަރު ޖުވެނައިލް އާއި މަތިމަރަދޫ އެވެ. ހަވީރު ކުޅޭނީ ޕޮލިހާއި ދިއްދޫ އެވެ. މިރޭ ކުޅޭނީ ފޮނަދޫ އާއި ގުޑީސް އެވެ.