ވަޅި ހެރުން

ރަބަރޭ މަރާލީ 140 މިލިޔަން ރުޕީސް ދީގެން: ލަންކާ ފުލުހުން

Nov 11, 2015
1

މީގެ ހަ ދުވަސްކުރިން ސްރީލަންކާގައި މަރާލާފައި އޮއްވާ ފެނުނު ހ. ހަންޑްރެޑް ފްލާވާ ހުސެއިން ރަޒީން (ރަބަރޭ) މަރާލާފައި ފައިސާ ދީގެން ކޮންޓްރެކްޓް އުސޫލުން ކަމަށް ސްރީލަންކާގެ ފުލުހުން ބުނެފި އެވެ.

ލަންކާ ފުުލުހުންނާ ހަވާލާދީ ޑެއިލީ މިރާ ރިޕޯޓް ކޮށްފައިވާ ގޮތުން ރަބަރޭ މަރާލީ ރާއްޖޭގެ ދެ ގޭންގެއްގެ ދެމެދު އޮތް އެއްބަސް ނުވެވޭ ނުތަނަވަސް ކަމެއްގެ ސަބަބުން އެކަން ނިންމާލުމަށެވެ. އަދި ރަބަރޭ މަރާލުމަށް ހެދި ކޮންޓްރެކްޓްގައި "ކޮންޓްރެކްޓް ކިލާ" އަށް 140 މިލިޔަން ރުޕީސް ދީފައިވާ ކަމަށެވެ.

ރަބަރޭ މަރާލި މައްސަލާފައި ލަންކާއިން ދިވެއްސަކާއި ލަންކާ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ގައުމުގެ ބައެއް އެހެން ނޫސްތައް ބުނާ ގޮތުން ދެ ދިވެހިންނާއި ލަންކާ މީހަކު ހައްޔަރުކޮށްފައިވާއިރު ރަބަރޭ މަރާލި ހާދިސާއާ ގުޅުހުން ހުރި ވެހިކަލެއް ވެސް ވަނީ ހޯދާފަ އެވެ.

ޑެއިލީ މިރާ ބުނަނީ ފައިސާގެ ކޮންޓްރެކްޓާބެހޭ މައުލޫމާތު ތަހުގީގަށް ދީފައި ވަނީ ހައްޔަރުކޮށްފައިވާ ދިވެހި މީހާގެ ފަރާތުން ކަމަށާއި ޖުމްލަ ހަރަދު ކުރި ފައިސާގެ އަގު މިހާރު ބެލިފައިވާ ވަރަށް ވުރެ ބޮޑުވާނެ ކަމަށް ބެލެވިފައިވާ ކަމަށެވެ.

ރަބަރޭ މަރާލާފައި އޮއްވާ ފެނުނީ ލަންކާގެ ޕިލިއަންދަލާގެ ތަމްބޯވިލާ ބްރިޖް ކައިރީގައިވާ ދަނޑެއްގެ ތެރެއިންނެވެ. އޭނާ ފެނުނު ސަރަހައްދުން ދެ ރަންފަށާއި ތަޅުދަނޑިފައްޗެއް ފެނިފައިވެ އެވެ.