މީގެ 10 ދުވަސް ކުރިން އަވަށްޓެރި ސްރީލަންކާގައި ވަޅި ހަރައި މަރާލާފަ އޮއްވާ ފެނުނު ހ. ހަންޑްރެޑް ފްލާވާ ހުސެއިން ރަޒީން (ރަބަރޭ) މަރާލަން ހަރަދު ކުރީ ދިވެހި ވިޔަފާރި ވެރިއެއް ކަމަށާއި އެއީ އޭނާގެ ކޮއްކޮއަކު މަރާލި މައްސަލާގެ ބަދަލު ހިފަން ކަމަށް ސްރީލަންކާގެ ފުލުހުން ބުނެފި އެވެ.
ލަންކާގައި ރަބަރޭ މަރާލާފަ އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރަމުންދާ ޓީމްގައި ހިމެނޭ ދެ ފުލުސް އޮފިސަރަކާ ހަވާލާދީ ދަ ސަންޑޭ ޓައިމްސް ނޫހުގައި ބުނެފައިވަނީ ރަބަރޭގެ ހަށިގަނޑު ފެނިގެން ފެށި ތަހުގީގުގައި އޭނާގެ ހަށިގަނޑު އޮތް ސަރަހައްދުގައި ހުރި ގެއެއްގެ ސީސީޓީވީ ފުޓޭޖް ފުލުހުން ބެލި އިރު ހުދު ކުލައިގެ ވެހިކަލެއް ޝައްކު އުފެދޭ ކަހަލަ ގޮތަކަށް އެސަރަހައްދު ވަށާ ބުރުޖަހާފައިވާ ކަމަށާއި އަދި އިތުރަށް ތަހުގީގު ކުރިއިރު އެވެހިކަލަކީ ރަބަރޭގެ އެކުވެރިއެއް ކަމަށްވާ ބިލާލް ނަމަކަށް ކިޔާ ދިވެއްސެއްގެ ވެހިކަލެއް ކަމަށެވެ.
އެނޫހުގައި ބުނެފައި ވަނީ ރަބަރޭ މަރާލުމުގެ ތުހުމަތުގައި ބިލާލް ހައްޔަރު ކުރުމުން އެ ހަމަލާދޭން ފަންޑު ކުރި ދިވެހި ވިޔަފާރިވެރިޔާގެ މައުލޫމާތާއި ކަން ހިގައި ދިޔަގޮތް ވެސް ފުލުހުންނާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.
އެ ނޫހުން އެހެން ބުނި ނަމަވެސް އެ ވިޔަފާރި ވެރިޔާގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ބުނެފައި ވަނީ އެއީ ޓޫރިޒަމް ދާއިރާއާއި ގުޅުހުން ހުރި ވިޔަފާރި ވެރިއެއް ކަމަށެވެ. އަދި ރަބަރޭ މަރާލަން އެވިޔަފާރި ވެރިޔާ ބޭނުން ވަނީ އޭނާގެ ކޮއްކޮއަކު މަރާލީ ރަބަރޭކަމަށް ވާތީ ކަމަށް ހައްޔަރުކޮށްފައ ހުރި ބިލާލް ބުނި ކަމަށެވެ.
ފުލުހުންނަށް ބިލާލް ކިޔާދީފައި ވަނީ ރަބަރޭ މަރައިލީ ވޭނެއްގެ ތެރޭގައި ކަމަށާއި އޭނާގެ ގަޔަށް އަށް ފަހަރު ވަޅިހެރި ކަމަށާއި އެއަށް ފަހު އެ ވިޔަފާރިވެރިޔާއަށް ރަބަރޭ މަރަލާފައި އޮތް ފޮޓޮއެއް ފޮނުވި ކަމަށެވެ. އަދި ފޮޓޯ ފޮނުވުމުން ބިލާލްގެ އެކައުންޓަށް ފަސް ލައްކަ ރުފިޔާ ޓްރާންސްފާ ކުރިކަމަށެވެ. އަދި ބާކީ ހުރި ފައިސާ މަސް ނިމުމުން ޖަމާކުރާން ހަމަޖައްސާފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
ފުލުހުންނާއި ހަވާލާދީ އެނޫހުގައި ބުނެފައިވަނީ ރަބަރޭއަށް ހަމަލާދިން މައްސަލާގައި ބިލާލްގެ އިތުރުން އެހެން މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ އޭނާއަށް ހަމަލާދިން ވަގުތު ވޭން ދުއްވަން އިން މީހާ ކަމަށެވެ. އަދި ފުލުހުންނަށް އޭނާ މަރާލަން ބޭނުން ކުރި ވަޅި ފަދަ ތަކެތި ފެނިފައިވާ ކަމަށްވެސް އެނޫހުގައި ބުނެ އެވެ.
ރަބަރޭއަކީ ހ. ކުބްރާ އަލީ އިޝާރު (ޗޯޓޭ) ގެ މަރާ ގުޅިގެން ތުހުމަތު ކުރެވުނު މީހެކެވެ. މީގެ ކުރިން ލަންކާ ފުލުހުން ބުނެފައި ވަނީ ރަބަރޭއަކީ މަރާލުމުގެ އަގަކަށް 140 މިލިޔަން ރުފީސް ދީފައިވާ ކަމަށެވެ.