މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބައެއް ބިންތަކުގެ ކުލި ކުޑަ ކުރަން ނިންމައިފި އެވެ.
ނޫސްވެރިންނަށް މިރޭ މައުލޫމާތު ދެއްވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ބިންތަކެއް އަމިއްލަ ފަރާތްތަކަށް އެކި ކަންކަމުގައި ކުއްޔަށް ދީފައިވާނެ ކަމަށެވެ.
މީގެއިތުރުން މާލޭގައި ހުރި ދެ މާރުކޭޓް ގޮޅިތަކަކީ ވެސް މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ގޮޅިތަކެއް ކަމަށާއި އަދި މާލޭގެ ފަޅުތެރޭގައި ގިނަ ފައްތިޔާ ތަކެއް ވެސް ކުއްޔަށް ދީފައިވާނެ ކަމަށެވެ.
އެ ހުރިހާ ތަނަކުން ކުއްޔަށް މިހާރު ނަގަމުންދާ އަދަދުން 30 އިންސައްތަ ކުޑަ ކުރަން ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށްވެސް މުއިއްޒު މިރޭ ވަނީ އިއުލާން ކުރައްވާފަ އެވެ.
މުއިއްޒު ވިދާޅުވީ ކުލި ތަކަށް ބަދަލު ގެނައުމަށް ނިންމީ ކޮވިޑްގެ ހާލަތުގައި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"ކޮވިޑްގެ މިކަންކަން ނޯމަލް ވަންދެން ކުއްޔަށް މިގެނައި ބަދަލުގައި ދެން ކުރިއަށްދާނީ. އާންމު ހާލަތަކަށް ދިޔައީމާ އަލުން އެ ކުލިތައް ރިވައިސް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ސައިޒު ތަފާތު އިރު ގޮޅިތަކަށް ނަގަނީ ކުލީގެ ގޮތުގައި އެއް އަދަދެއް ކަމަށެވެ. އެއީ ހައްލުވާން ޖެހޭ މައްސަލައެއް ކަމަށާއި އެކަމަކު ކުއްޔަށް މިރޭ ދިން ލުއީގެ ދަށުން ގޮޅިތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ އެއް އަދަދެއް ކަމަށްވެސް ވިދާޅުވި އެވެ.
މާލޭގެ ފަޅުތެރެއިން ފައްތިޔާތަކެއް ކުއްޔަށް ދީފައި ހުރިއިރު އެތަންތަނުގައި ހުރި ދޯނިތަކުން ވައްކަން ކުރާތީ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަންވެސް މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ. ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުންނަ ތަންތަނުގައި ހުންނަ އާންމު މީހާގެ މުދަލާއި ތަކެއްޗަށް މިހާރަށް ވުރެ ބޮޑު ރައްކާތެރިކަމެއް ދޭން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ގިނަ ބިންތަކުގައި ހިންގަނީ ކެފޭ ރެސްޓޯރަންޓް ތަކެވެ. ކުލިތަކަށް ލުއި ދިނުމަކީ ސިޓީ ކައުންސިލްގެ އާމްދަނީ އަށް އަސަރު ކުރާނެ ކަމެއް ކަމަށްވީ ނަމަވެސް މިއީ ރައްޔިތުންނަށް އެހީތެރިވެ ލުއި ދޭން ޖެހޭ ވަގުތު ކަމުގައިވެސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި އެވެ.