މާލެ ސިޓީ ބްލޮކް ތަކަކަށް ބަހާލައި ކޮންމެ ބްލޮކަކަށް ވެރިޔަކު ހޮވާ، މާލޭގެ ހަ އަވަށް ހިންގަން އަވަށު ބޯޑުތައް އެކުލަވާލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ނޫސްވެރިންނަށް މިރޭ މައުލޫމާތު ދެއްވަމުން މާލޭގެ މޭޔަރު ވިދާޅުވީ މާލެ ބްލޮކް ތަކަކަށް ބަހާލައި ކޮންމެ ބްލޮކަކަށް ވެރިޔަކު އައްޔަންކުރާނެ ކަމަށެވެ. އެ މަސައްކަތް ކުރިއަށް އޮތް އެއް މަސް ތެރޭގައި ނިންމުމަކީ ސިޓީ ކައުންސިލްގެ އަމާޒެކެވެ. ބްލޮކް ވެރިން ނެގުމަށް ހަމަޖައްސާފައިވަނީ މާލެ ސިޓީ ކައުންސިލަށް ކައުންސިލަރުން ހޮވާ 18 ދާއިރާ އަށެވެ. ބްލޮކް ވެރިން މަސައްކަތް ކުރާނީ އެ ދާއިރާއެއްގެ ކައުންސިލަރާ ގުޅިގެންނެވެ.
މުއިއްޒު ވިދާޅުވީ ބްލޮކް ވެރިން ހޮވާނީ އެ ބްލޮކެއް ނިސްބަތްވާ ރައްޔިތުންގެ ފުރިހަމަ ހިޔާލާއި ބައިވެރިވުމާއި އަދި ގިނަ ރައްޔިތުން ބޭނުންވާ މީހާއަށް ބަލައިގެން ކަމަށެވެ. ކޮވިޑްގެ މި އުދަގޫ ވަގުތުގައި އެންމެންނަށް އެއްތަން ވެވޭ ހެން ބައްދަލުވުން ތަކެއް ނުބޭއްވުނު ނަމަވެސް އޮންލައިންކޮށް އަދި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނާ ބައްދަލުކޮށް ބްލޮކް ވެރިން ހޮވުމާ ގުޅޭ ގޮތުން މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އިނގެން ބޭނުން. ބްލޮކްގެ ވެރިން ނެނގިގެން ދިޔައީމާ އެ ބްލޮކްގެ މިވެނި ގެއެއްގައި މިއަދު މީހުން ތިބީ ކައިގެންތޯ؟ އެގޭގައި ބަލިވެ ހުން އައިސް ކޮވިޑްގެ ހާލަތުގައި ނޫނީ އެހެން ހާލަތެއްގައި އެހީތެރިކަން ލިބެންޖެހޭ އެހެންނަމަވެސް އެހީތެރިކަން ނުލިބޭ މީހަކު އެބަހުރިތޯ؟ މިހާ ތަފްސީލްކޮށް އަޅުގަނޑުމެންނާ ހަމައަށް ރިއަލްޓައިމްކޮށް މާލޭގެ ރައްޔިތުން އުޅޭ ހާލަތު އަޅުގަނޑުމެންނާ ހަމައަށް އަންނާނެ ނިޒާމެއް ގާއިމުކުރަން ބޭނުން،" ބްލޮކް ވެރިން މަސައްކަތް ކުރާނެ ގޮތް ހިއްސާކުރެއްވި އެވެ.
މުއިއްޒު ވިދާޅުވީ ބްލޮކް ވެރިން މަސައްކަތް ކުރާނީ ހާއްސަ ހައިސިއްޔަތަކާއި ހާއްސަ "ޕްރިވިލެޖްތަކެއް" ލިބިގެން ކަމަށެވެ. އެކަމާ ގުޅޭ އުސޫލު ވަރަށް އާންމު ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.
ބްލޮކް ވެރިންނަކީ މުސާރައެއް ލިބޭނެ ބައެއް ނޫން ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުވުމުން އެ ބޭފުޅުންނަށް މުސާރައެއް ނުވަތަ އެލަވެންސެއް ދިނުމަކީ ކުރައްވާ އުއްމީދެއް ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒު މިރޭ ވަނީ މާލޭގެ ހަ އަވަށް ހިންގަން އަލުން އަވަށު ބޯޑުތަކެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށްވެސް އިއުލާން ކުރައްވާފަ އެވެ. އަމާޒަކީ އެންމެ ލަސްވެގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އަވަށު ބޯޑުތައް އެކުލަވާލައި މަސައްކަތްތައް ފަށައިގަތުން ކަމުގައިވެސް ވިދާޅުވި އެވެ.
"އެވެސް ހަމަ އަވަށު ރައްޔިތުން ވޯޓު ދީގެން ހޮވާ ބޯޑުތަކެއް. އަވަށުގެ ވާދަވެރިކަން އޭގެ ޕޮޒިޓިވް މާނައިގައި ގެނެސް އެއް އަވަށާއި އަނެއް އަވަށާ ރަށްވެހިކަމާއި ތަރައްގީގެ މައިދާނުގައި މީގެ އަހަރުތަކެއް ކުރިން އެ އޮތް ރޫހު ގެންނަން އަޅުގަނޑުމެން ބޭނުން،" މާލޭގެ އަވަށްތަކުގެ ބޯޑު އެކުލަވާލުމުގެ ބޭނުން ހިއްސާ ކުރައްވަމުން މުއިއްޒު ވިދާޅުވެފައިވެ އެވެ.