ތިމާވެށި

އަހަރުގެ މިހާތަނަށް މާލެއިން 41،230 ޓަނުގެ ކުނި!

  • ދުވާލަކު 32 ލޮރީގެ ކުނި ނަގާ
  • ބާޒާރުމަތިން ދުވާލަކު 15 ޓަނުގެ ކުނި
  • ސަރުކާރު އޮފީސްތަކުން 15 ޓަނު

މާލެ ކުނި ކަހައިގެން ދުވާލަކު 32 ލޮރީގެ ކުނި ނަގާ ކަމަށާއި، މި އަހަރުގެ މިހާތަނަށް 41،230 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ސިޓީ ކައުންސިލުން ކުރިން ކުރަމުން ދިޔަ މާލެ ސާފު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއަށް ބަދަލު ކުރުމާ ހަމައިން ނަގާފައިވާ ކުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިނިސްޓްރީން މާލެ ސާފު ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި ފަހުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް މާލޭގެ ހަތަރު އަވަށުން 32 ޓަނުގެ ކުނި އުކާލާފަ އެވެ. އަދި ގިނަ އަދަދަކަށް ކުނި ޖަމާވާ ބާޒާރުމަތިން ދުވާލެއްގެ މައްޗަށް 15 ޓަނުގެ ކުނި އުކާލާފައިވެ އެވެ. އެއީ ގާތްގަނޑަކަށް ހަތް ލޮރީގެ ކުންޏެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މާލޭގައި ކުނި އުފެދޭ މިންވަރު މަތިވަމުންދާ ކަމަށެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައެއް. ކުރީގެ މައްސަލަ ދަނީ މައްޗަށް،" އޮފިޝަލް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އެ މިނިސްޓްރީން ސަރުކާރުގެ 59 އޮފީހަކުން ފަސް ލޮރީގެ ކުނި ދުވާލެއްގެ މައްޗަށް އުކާލަ އެވެ. އެއީ ގާތްގަނޑަކަށް 15 ޓަނެވެ. މީގެ އިތުރުން ރޯދަ މަހު ބާޒާރުމަތިން 28 ޓަނުގެ ކުނި އުކާލަ އެވެ. އަދި މާލޭގެ 20 ޕާކާއި ފިނި މައިޒާންތައް ކުނި ކަހައިގެން ހައުސިން މިނިސްޓްރީން ދުވާލެއްގެ މައްޗަށް ފަސް ޓަނުގެ ކުނި އުކާލަ އެވެ.