ދުނިޔެ

އިޒްރޭލުގެ އިދިކޮޅު ޕާޓިތަކުން ނަތަންޔާހޫއާ ދުރަށް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގުޅިގެން ސަރުކާރެއް އެކުލަވާލަން ބޭނުން ނުވާ ކަމަށް އެގައުމުގެ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ. ޕާޓީތައް އެކުއެކީގައި ބުނި ގޮތުން ނަތަންޔާހޫއަށް މިހާރު އޮތް ހަމައެކަނި ގޮތަކީ ބޮޑުވަޒީރުކަމުން ދުރުވެ ވަޑަައިގަތުމެވެ.

ލޭބާ ޕާޓީގެ ލީޑަރު މެރާވް މިޚައިލީ ވިދާޅުވީ ބޮޑުވަޒީރު ނަތަންޔާހޫ އަށް ސަރުކާރެއް އެކުލަވާނުލެވި ދިގުލައިގެން ހިނގައްޖެ ކަމަށާއި އިޒްރޭލުގެ ބޮޑުވަޒީރުގެ މަގާމު ދޫކޮށްލެއްވުމާ މެދު އަމިއްލަފުޅަށް ގޮތެއް ނިންމެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މިޚައިލީ ވިދާޅުވީ އިޒްރޭލަށް މިހާރު ބޭނުންވަނީ އާޒައާމަތެއް ކަމަށެވެ.

އިޒްރޭލުގެ ޕަބްލިކް ބްރޯޑްކާސްޓިން ކޯޕަރޭޝަންއަށް ދެއްވި އިންޓަވިއުއެއްގައި ނިއު ހޯޕް ޕާޓީގެ ލީޑަރު ޖިޑޯން ސާރު ވިދާޅުވީ ބޮޑުވަޒީރު ނަތަންޔާހޫ އަށް ވުރެ ގާބިލު ބޭފުޅުން އިޒްރޭލުގައި އެބަ ތިއްބެވި ކަމަށާއި ޒައާމަތު ބަދަލުވާން ވެއްޖެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫގެ ލިކޫޑް ޕާޓީން ދައުވަތު ލިބިވަޑައިގެންނެވި ކަމަށާއި ފުރުސަތު ދޫކޮށްލެއްވީ ކަމަށެވެ.

ބެންޖަމިން ނަތަންޔާހޫ އިޒްރޭލުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވީ 2009 ވަނަ އަހަރު އެވެ. އެހެންނަމަވެސް މަގާމުގައި ހުންނަވައި ދައުލަތުގެ އިސް ވެރިއެއްގެ ފަރާތުން ފެންނަން އާންމުން ބޭނުން ނުވާ އެތައް ކަމަކާ ހެދި މުޅި އިޒްރޭލު ކަހަލަ ގޮތަކަށް މިހާރު ކުރަނީ ޝަކުވާ އެވެ.

އިޒްރޭލުގައި މިއަހަރު އޮތް އާންމު އިންތިހާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ކޯލިޝަން ނުހަދައި ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގާނޫނު ހަދާ މަޖިލިސް، ކްނެސެޓްއިން ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ކްނެސެޓްގައި ހިމެނޭ 120 ގޮޑިއަށް ވާދަކޮށް ސަރުކާރެއް އެކުލަވާލުމަށް އަގުލަބިއްޔަތު ހޯދަން ޖެހެ އެވެ. އެއީ 61 ގޮނޑި އެވެ. އެހެން ނަމަވެސް އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ލިބިފައެއް ނުވެ އެވެ. އަނެއްކޮޅުން ސަރުކާރެއް އެކުލަވާލެއްވުމަށް ނަތަންޔާހޫއަށް ދެއްވި ފުރުސަތުގައި އެކަށީގެންވާ ވަރަށް ބައިވެރިން ލިބިވަޑައިގެންފައެއް ވެސް ނުވެ އެވެ.

އިޒްރޭލުގައި މިހާރު ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު އޮތީ އިދިކޮޅު ޕާޓީތަކަށެވެ.