ދުނިޔެ

ޣައްޒާއިން ދިން ހަމަލާތަކުން އިޒްރޭލު ވިޔަފާރިވެރިންނަށް 370 މިލިއަން ޑޮލަރު ގެއްލުން

އިޒްރޭލުގެ "ދި މެނޫފެކްޗަރާސް އެސޯސިއޭޝަން އޮފް އިޒްރޭލް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޣައްޒާއިން އޮއްސި ރޮކެޓްތަކާ ހެދި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

މުދާ ރައްކަކޮށްފައި ހުރި ގުދަންތަކާއި ފިހާރަތައް ފޫއަޅުވައި ފޭބި ރޮކެޓްތަކުގެ ސަބަބުން ލިބުނު ގެއްލުން މިވަގުތަށް އަގުމަގުކުރެވެނީ 370 މިލިއަން ޑޮލަރުގަ އެވެ.

ދި މެނޫފެކްޗަރާސް އެސޯސިއޭޝަން އޮފް އިޒްރޭލުން ބުނީ ރޮކެޓްތައް ދެކެ މުވައްޒަފުން ގަތް ބިރާ ހެދި ދުވެ ފިލި ގޮތަށް އަދި ވެސް ދައްކައި ނުލާ ކަމަށެވެ. މުވައްޒަފުން މަދުކަމުން ނުހުޅުވިފައި ކިތަންމެ ފިހާރައެެއް އެބަހުރި ކަމަށާއި އެއީ ވެސް އަގުމަގުކުރަން ޖެހޭ ގެއްލުމެއް ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން މެދުކެނޑުމެއް ނެތި 11 ދުވަސް ވަންދެން ޣައްޒާއަށް ދިން ހަމަލާތަކުން ވެސް ހާމާސްގެ ރޮކެޓްތައް ހުސްކުރެވޭ ގޮތެއް ނުވި އެވެ.

އޭގެ ބަދަލުގައި އިޒްރޭލުގެ އަވަށްތަކަށް އޮހެމުން ދިޔަ ރޮކެޓްތައް ވީ ގިނަ އެވެ. އަދި މަދަނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މިގެއްލުންތަކުގެ ތަފުސީލު އިޒްރޭލުން ހާމަނުކުރި ނަމަވެސް ވަކިވަކި ފަރުދުން ދަނީ ގެއްލުންތައް އަންދާޒާކުރަމުންނެވެ.

އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 279 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 69 ކުދިންނާއި 40 އަންހެނުން ފާހަގަކުރެވެ އެވެ. އަދި އެކިވަރުގެ ގެއްލުން 1،910 މީހުންނަށް ލިބިފައިވާ ކަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ޣައްޒާ އަލުން ބިނާކުރަން ގައުމުތަކުން މިހާރު ވަނީ މަޝްވަރާތައް ފަށާފަ އެވެ.