އިންޑިއާގެ އެންމެންނަށް ވީހާވެސް އަވަހަކަށް ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރަން އެ ގައުމުގެ އެކި ސްޓޭޓްތަކުގެ ސަރުކާރުތަކުން ރެއާ ދުވާލު ވަރަށް ބުރަކޮށް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ރަށްފުށުގެ ހިސާބުގަނޑުގައި އޮންނަ އަވަށެއްގެ މީހުންނަށް ވެކްސިންއާ މެދު ކުރެވިފައި ވަނީ ވަރަށް ގޯސް ހީއެކެވެ.
އެ ހިސާބުގައި ކޮރޯނާވައިރަސްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުން ދިޔަ ނަމަވެސް ވެކްސިން ޖަހަން އެމީހުން ބޭނުން ނުވަނީ އެހެންވެ އެވެ.
ބަރަބަންކީ ކިޔާ ހިސާބެއްގައި އޮންނަ ސިސޯޑާ އަވަށުގެ މީހުންނަށް ގަބޫލުކުރެވިފައިވަނީ ވެކްސިނަކީ ވަރަށް ނުރައްކާތެރި އެއްޗެއް ކަމަށެވެ. އެހެންވެ ހެލްތު އޮފިޝަލުން މިދިޔަ އާދިއްތަ ދުވަހު އެ އަވަށުގެ މީހުންގެ ގަޔަށް ވެކްސިން ޖަހަން އަވަށަށް އައުމާއެކު ގިނަ އަދަދެއްގެ މީހުން ވަނީ ކޯރަކަށް ފުންމާލައިގެން ވެކްސިން ނުޖަހާ ވޭތޯ މަސައްކަތް ކޮށްފަ އެވެ.
އެ އަވަށުގެ ދަނޑުވެރިއެއް ކަމަށްވާ ޝިޝޫޕޫލް ބުނީ ވެކްސިން ޖަހާފައި ތިބޭ މީހުން ވެސް މަރުވާ ކަމަށާއި ވެކްސިން ޖެހި ކިތަންމެ ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އެބަ ތިބިކަން ވެސް އޭނާއަށް އެނގޭ ކަމަށެވެ.
"ވެކްސިން ޖެހިޔަސް މަރުވަންޏާ ދެން ކީއްކުރަން ޖަހާ ވެކްސިނެއް،" ޝިޝޫޕޫލް ބުންޏެވެ.
ޝިޝޫޕޫލް އަކީ 10 ވަނަ ގްރޭޑްގައި ކިޔަވާ ދަރިވަރެކެވެ. އަވަށު މީހުން ވެކްސިން ޖަހަން ބިރުން އުޅެނީ ވެކްސިނުން ގެއްލުން ލިބޭ ކަމަށް ބުނެ ޝިޝޫޕޫލް ކިޔައިދޭ ވާހަކަތައް ގަބޫލު ކުރެވިގެންނެވެ.
"ބޮޑެތި ސިޓީތަކުގައި މަސައްކަތްކުރާ އަހަރެންގެ ގާތް އެކުވެރިންގެ ފަރާތުން އަހަންނަށް ވެކްސިނާ ބެހޭ މައުލޫމާތު ލިބިފައިވަނީ. މި އަވަށުގައި ތިބި އޮފިޝަލުން އަހަރެން ކުރާ ސުވާލުތަކަށް ޖަވާބު ނުދޭތީ އަހަރެންނަށް ޔަގީންވޭ އަހަރެން މި ދައްކަނީ ތެދު ވާހަކަ ކަން. ދިއްލީގައި މަސައްކަތްކުރާ އަހަރެންގެ ބޮޑުބޭބެ އެވެސް ދެ ޑޯޒް ހަމަކޮށްފައި ހުއްޓާ މަރުވެއްޖެ. މިއަށް ވުރެ ބޮޑު ހެއްކެއް ދެން ކޮބާ ވެކްސިން މަސައްކަތް ނުކުރާ ކަމުގެ،" ޝިޝޫޕޫލް ބުންޏެވެ.
އަވަށުގެ މީހުންނަށް ހީވެފައިވާ އަނެއް ކުށްހީއަކީ ވެކްސިން ޖެހުމުން ފިރިހެނުންގެ ދަރިން ލިބުމުގެ ގާބިލްކަން ކެނޑޭ ވާހަކަ އެވެ. އެ އަވަށުގެ ފިރިހެނުންގެ ތެރެއިން ގިނަ ބަޔަކު އާދިއްތަ ދުވަހު ތިބީ އެ އަވަށުގައި އޮތް ބޮޑު ކޯރަކަށް އެރި އެވެ. ވެކްސިން ޖަހަން މަޖްބޫރުކޮށްފާނެތީ ގަންނަ ބިރުންނެވެ.
ވެކްސިން ޖަހައިދޭން އަވަށަށް އައިސް އުޅޭ ހެލްތު އޮފިޝަލުން ފެންނަ އިރަށް ކޮންމެ މީހަކު ދުވެފައި ގޮސް ކޯރަށް ފުންމާލަނީ އެވެ.
އަވަށުގެ މެޖިސްޓްރޭޓް ބުނި ގޮތުގައި އެ އަވަށުގެ 200 އަށް ވުރެ ގިނަ ފިރިހެނުން ދުވެ ގޮސް ކޯރަށް ފުންމާލައިގެން ފަތާފައި އަނެއް ފަރާތުގައި އޮތް އަވަށަށް ދިޔަ ކަން އެނގިފައިވެ އެވެ.
މެޖިސްޓްރޭޓް ބުނި ގޮތުގައި އަވަށުގެ މީހުން އެއްކޮށް، އެމީހުން ކައިރީގައި ވެކްސިންގެ ފައިދާ ކިޔައިދީ ވެކްސިން ޖަހަން އެއްބަސް ކުރުވޭތޯ އޭނާ ވަރަށް މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް ހުރިހާ ވާހަކައެއް ކިޔައިދިނީމަ ވެސް ވެކްސިން ޖަހަން އެއްބަސްވީ އެންމެ 18 މީހުން ކަމަށް އޭނާ ބުންޏެވެ.
އަވަށުގެ މީހުންގެ ތެރެއިން ބައެއް މީހުން އެހާ ބޮޑަށް ބިރުގަތީ އެމީހުން ގަޔަށް ޖަހަނީ އަސްލު ވެކްސިން ނޫން ކަމަށާއި ވިހައެއް ކަމަށް ބައެއް މީހުން ވާހަކަ ދައްކާތީއާ ވެސް އެކުގަ އެވެ.
ކޯރަށް ފުންމާލި ބައެއް މީހުންނަށް ވިސްނައިދޭން ހެލްތު އޮފިޝަލުން ވަރަށް މަސައްކަތް ކުރިޔަސް އެމީހުން ދައްކާ ވާހަކަ ގަބޫލުކުރެވުނީ މަދު ބަޔަކަށެވެ.