ބޮލީވުޑް

އިންޑިއަން އައިޑަލް 12: އަމިތު ކުމާރަށް ފާޑުކިޔައިގެން ހޯސްޓް އަދިތުޔާ ހޫނުފެނަށް

ސޮނީ ޓިވީން މިހާރު ދައްކާ މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް 12"ގެ ހޯސްޓް އަދި ލަވަކިޔުންތެރިޔާ އަދިތުޔާ ނާރަޔަން އަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔެއްގެ މަލާމާތާއި ފުރައްސާރަ ވަނީ ކުރިމަތިވެފަ އެވެ.

އަދިތުޔާ އާ ގިނަ ބަޔަކު ދިމާކޮށްލީ އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ބައިވެރިވި ދެ މެހެމާނުން ކަމަށްވާ ކުމާރު ޝާނޫ އާއި އަނޫރާދާ ޕައުޑްވާލް ކައިރީ އަދިތުޔާ ބުނި އެއްޗަކުންނެވެ.

ޝޯގެ ބައިވެރިންނަށް ތައުރީފުކޮށް ކުމާރު ޝާނޫ ވާހަކަ ދައްކަން ފެށުމުން އޭނާ އެ ވާހަކަތައް ދައްކަނީ ޝޯގެ އޮގަނައިޒަރުން ބުނެގެންތޯ ނޫނީ ހަމަ އޭނާއަށް އެގޮތަށް ގަބޫލުކުރެވިގެންތޯ އަދިތުޔާ ސުވާލު ކުރެ އެވެ.

މި ސުވާލަށް ޝާނޫ އާއި އަނޫރާދާ ޖަވާބު ދެމުން ބުނީ އެމީހުން ދެކޭ ގޮތުގައި މިފަހަރުގެ ސީޒަންގެ ބައިވެރިންނަކީ ވަރަށް ރީތިކޮށް ލަވަކިޔާ ވަރަށް ހުނަރުވެރި ބައެކެވެ. އަދި އެމީހުން މިހެން ބުނީ އެއްވެސް މީހަކު އެމީހުންނަށް އެހެން ބުނަން އަންގައިގެން ނޫން ކަމަށާއި އެގޮތަށް އެމީހުންނަށް ފެންނާތީ ކަމަށެވެ.

ނަމަވެސް މި ވާހަކަތައް ވެސް ޝޯ ބެލި ގިނަ ބަޔަކަށް އެހާ ކަމަކު ނުދިޔަ އެވެ. އަދިތުޔާ އެ ސުވާލުކުރީ އަމިތު ކުމާރަށް މަލާމާތްކުރަން ކަމަށް ޝޯ ބެލި ގިނަ ބަޔަކަށް ހީވި އެވެ. އެހާ ބޮޑަށް އަދިތުޔާ ޓްރޯލް ކުރީ އެހެންވެގެންނެވެ.

މި ޝޯގެ ކުރީ ހަފުތާގެ ދެ އެޕިސޯޑު ޚާއްސަކުރީ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރަށެވެ. އެހެންވެ ޝޯގައި ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިކުރީ ކިޝޯރުގެ ދޮށީ ދަރިފުޅު އަމިތު ކުމާރެވެ.

ބޮޑު މައްސަލަގަނޑެއް ޝޯއާ ގުޅޭ ގޮތުން ފެށޭ ގޮތްވީ ޝޯގައި ބައިވެރިވުމަށްފަހު އަނެއް ދުވަހު ނޫސްވެރިން ކައިރީ އަމިތު ދެއްކި ވާހަކަ ތަކެއްގެ ސަބަބުންނެވެ.

އަމިތު ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާއަށް ޝޯގެ ބައިވެރިންނާއި ޖަޖުން ލަވަ ކީ ގޮތް އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށާއި ޝޯގެ ތެރޭގައި ބައިވެރިންނަށް ތައުރީފުކުރީ ޝޯ އިންތިޒާމްކުރާ ފަރާތުން އެދިގެން ކަމަށެވެ. އަދި އޭނާ ޝޯގައި ބައިވެރިވީ ފައިސާ ދީގެން ކަމަށެވެ. އެހިސާބުން ޝޯއަކީ ފޭކެއް ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވާހަކަ ދައްކަން ފެށި އެވެ.

އަދިތުޔާއަށް އިންތިހާއަށް ފާޑުކިއުން އަމާޒުވުމުން އޭނާގެ ބައްޕަ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އުޑިތު ނާރަޔަން ވަނީ އޭނާގެ ދަރިފުޅުގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ.

އުޑިތު ބުނީ އަދިތުޔާ އެ ވާހަކަ ދެއްކީ އޭނާގެ ޚިޔާލު އަދިވެސް ޅަކަމުން ކަމަށެވެ. ޝޯގެ ބައިވެރިންނަކީ ޒުވާން ހުނަރަށް ވާތީ އެމީހުންނަށް އެހާ ބޮޑަށް ފާޑުކިއުމަކީ ވެސް ރަނގަޅުކަމެއް ނޫންކަމަށް އުޑިތު ގަބޫލު ކުރެ އެވެ.

"އަދިތުޔާ ދެއްކީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ. ޝޯގައި ބައިވެރިވާ އެހެން މީހުން ފަދައިން އޭނާއަކަށް އަނގަ މަޑުން ލައިގެނެއް ނުހުރެވޭ. ނަމަވެސް ޝޯގައި ދިމާވި ހުރިހާ ކަމެއްގެ ޒިންމާ އަދިތުޔާ އުފުލަން ޖެހޭ ކަމަކަށް ވެސް އަހަރެން ގަބޫލެއް ނުކުރަން،" އުޑިތު ބުންޏެވެ.

އާޖް ތަކް ޗެނަލް އަށް ދިން އިންޓަވިއު އެއްގައި އުޑިތު ބުނީ އަމިތު ކުމާރު ބައިވެރިވި ދެ އެޕިސޯޑު އޭނާ ވެސް ބެލި ކަމަށެވެ. އަދި ހުރިހާ ލަވަޔެއް ވެސް އޭނާ ވަރަށް ހިތްހަމަޖެހިގެން އުފަލާއެކު ބެލިތަން ފެނިފައިވާ ކަމަށެވެ. އަދި ޝޯގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައި ފަހުން ޝޯގެ އަގު ވައްޓާލަން ވާހަކަ ދެއްކުމަކީ އަމިތު ކުރިޔަސް ރަނގަޅުކަމެއް ނޫން ކަމަށް އުޑިތު ބުންޏެވެ.

"އަމިތު އަކީ އަހަރެންގެ ބޭބެއެއް ކަހަލަ މީޙެއް. އަހަރެން އޭނާއާ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާނަން. އަހަރެން ވަރަށް ގިނައިން މިފަދަ ޝޯތަކަށް ދައުވަތު ދީގެން ގެންގޮސް ބައިވެރިންގެ ހުނަރު ބަލާލުމުގެ ފުރުސަތު ދޭ. އަދި ޝޯތަކުގައި ބައިވެރިވާތީ ފައިސާ ވެސް ލިބޭ. ދަސްކޮށްދިނުމާއި ދަސްކުރުމުގެ މި މަރުހަލާ އުމުރަށް ވެސް މިގޮތަށް ކުރިޔަށް ދާނެ،" އުޑިތު ބުންޏެވެ.

ދަރިފުޅު އަދިތުޔާގެ ދިފާއުގައި އިތުރަށް ވާހަކަ ދައްކަމުން އުޑިތު ބުނީ އަދިތުޔާގެ ވިސްނުން އަދިވެސް ވަރަށް ޅަ ކަމަށެވެ.