ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މުހައްމަދު ނޫރައްދީންގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

May 25, 2021

ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތްތަކެއް ކުރައްވާފައިވާ މާފަންނު ތާންގީދޮށުގޭ އަލްއަމީރު މުހައްމަދު ނޫރައްދީން އަވަހަރާވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް ވިދާޅުވީ މުހައްމަދު ނޫރައްދީން އަވަހާރަވި ޚަބަަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށެވެ. ނޫރައްދީނަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ދިގު މުއްދަތެއްގައި، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

އަމީރު މުހައްމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށްފަހު މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 89 އަހަރެވެ. މުހައްމަދު ނޫރައްދީނަކީ ރާއްޖޭގެ ރަސްކަން ކުރެއްވި އައްސުލްޠާން ހަސަން ނޫރައްދީނުގެ ދަރިކަލެކެވެ.

އަލްއަމީރު މުހައްމަދު ނޫރައްދީން މެދުނުކެނޑި 53 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްގައި ސަރުކާރުގެ ޚިދްމަތުގައި ހޭދަކުރެއްވިއިރު، އެމަނިކުފާނު ވަނީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފަ އެވެ. ސަރުކާރުގެ ހިދުމަތް ފެއްޓެވީ 25 ޖުލައި 1954 ގައެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ވުޒާރަތުލް އަޥްގާފުގެ ސެކްރެޓަރީ ކަމާއި، މަހްކަމަތުލް ޚާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާޚިލިއްޔާއިން އައްޔަންކުރި މެންބަރުކަން ހިމެނެ އެވެ.

އަދި ވަޒީރުލް އައުޒަމް އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމުވެސް ފުރުއްވާފައިވެ އެވެ. އޭގެފަހުން މިނިސްޓާ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓާ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓާ އޮފް ސްޓޭޓް ފޯ ރިލިޖަސް އެފެއާޒް ކަމުގެ މަގާމުވެސް އެމަނިކުފާނު ފުރުއްވި އެވެ. މީގެއިތުރުން ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުގައިވެސް ހުންނެވި އެވެ.

މުހައްމަދު ނޫރައްދީނަކީ ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަލްއަމީރު މުހައްމަދު ނޫރައްދީނަށް ނިޝާން އިއްޒުއްދީނުގެ ޝަރަފުގެ އިއްޒަތް ދައުލަތުން އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ. އަދި ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފަ އެވެ.