ރައީސް އޮފީސް

ފުލުސް ހިންގާނީ ހޯމް މިނިސްޓްރީން: ރައީސް އޮފީސް

ދިވެހި ފުލުހުންގެ ހިދުމަތް ހިންގާނީ ހޯމް މިނިސްޓްރީގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރަސްމީކޮށް ހާމަކޮށްފި އެވެ.

އެ އޮފީހުން މިހެން ބުނެފައިވަނީ ފުލުހުންގެ ހިދުމަތް ހޯމް މިނިސްޓްރީގެ ދަށުން ވަކިކުރި ކުރުމާއި ގުޅޭގޮތުން އާންމުކުރި ދެންނެވުމެއްގައެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ މިދިޔަ އަންގާރަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި އޮތީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ވަކިކުރީ މިއަހަރުގެ މާޗް 28 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި "ދިވެހި ފުލުހުންގެ ހިދުމަތް" އެެއީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ އެވެ.

ނަމަވެސް ރައީސް އޮފީހުން ދެންމެ އާންމުކުރި ދެންނެވުމުގައި ބުނެފައިވަނީ ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" އަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ގާނޫނުގައި ބަޔާންކުރާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް ޕޮލިސް ސާވިސް" އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ އޮތް އޮތުން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަވައިފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ޒިންމާވާނެ މިނިސްޓަރަކީ މިނިސްޓަރު އޮފް ހޯމް އެފެއާޒް ކަމުގައި 27 މާރިޗު 2021 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ ހިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި އަދި ފުލުހުންގެ ހިދުމަތް ހިނގަމުންދަނީ އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި މިނިސްޓަރ އޮފް ހޯމް އެފެއާޒު އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސެވުމުގެ ކަންކަން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެންމިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.