ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޕާކިސްތާން

ރާއްޖެއިން ޕާކިސްތާނަށް ދަތުރުކުރުން މަނާކޮށްފި

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާތީ ވަކި މުއްދަތެއް ނެތި ރާއްޖެއިން ޕާކިސްތާނަށް ދަތުރުކުރުން ޕާކިސްތާން ސަރުކާރުން މަނާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމުތަކުގެ ކެޓަގަރީގައި، ޕާކިސްތާނުން ރާއްޖެ ހިމަނައިފައިވާ ކަމަށެވެ. އެއީ "ސީ" ކެޓަގަރީ އެވެ. އެ ކެޓަގަރީގައި ރާއްޖެއާއެކު ސްރީލަންކާ، އިންޑިއާ ވެސް އޮތީ ހިމަނާފަ އެވެ.

އެހެންކަމުން މާދަމާއިން ފެށިގެން ރާއްޖެއިން ޕާކިސްތާނަށް ދަތުރު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެ ނޫންގޮތަކަށް ޕާކިސްތާނަށް ދެވޭނީ އެގައުމުގެ ވަކި ހާއްސަ ކޮމިޓީއަކުން ހުއްދަ ދިނުމުންނެވެ.

ނަމަވެސް ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންނަށް އަދިވެސް ގައުމަށް އެނބުރި ދެވޭނެ އެވެ.

މުޅި ރާއްޖެއަށް ކޮވިޑް ފެތުރިފައިވާއިރު މީހުން ދިރިއުޅޭ 70 ރަށެއް މިހާރު ވެސް އޮތީ މޮނިޓަރިންގަ އެވެ.

ކޮވިޑްގެ ހާލަތު މިއިން ދުވަހަކު ގޯސް ނުވާ ވަރަށް ރާއްޖޭގައި ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މިންވަރު އުޅެނީ ހާހުން މަތީގަ އެވެ. އަދި މަރުވާ މީހުންގެ އަދަދު ވަނީ ކަންބޮޑުވާ ދަރަޖައަށް އުފުލިފަ އެވެ. މިހާތަނަށް ކޮވިޑް ޖެހިފައިވާ 57،341 މީހުން ރާއްޖެއިން ފެނިފައިވާއިރު ބަލީގައި 142 މީހަކު ވަނީ މަރުވެފަ އެވެ.