ވިޔަފާރި

އެމްޓީޑީސީގެ ހިއްސާދާރުން މި އަހަރުވެސް ހުސްއަތާ!

Nov 11, 2015

ސަރުކާރުގެ އެހެން ކުންފުނިތަކުގެ ހިއްސާދާރުންނަށް "ކޮންމެ ވެސް އެއްޗެއް" ލިބުނުނަމަވެސް، ސަރުކާރުގެ ޓޫރިޒަމް ކުންފުނި މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ހިއްސާދާރުން ހުސްއަތާ އަހަރު ނިންމާލަން ޖެހިއްޖެ އެވެ.

ޓޫރިޒަމް ފައްކާ ކުރުމަށް ސަރުކާރުން އުފެއްދި ކުންފުނި އެމްޓީޑީސީން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ ނުބެހުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރިޝާމް އާދަމް ވިދާޅުވީ މި ނިންމުމަކީ ކުންފުނީގެ ކުރިމަގަށް "ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅަކަށް" ވާތީ ކަމަށެވެ.

ގެއްލުންވަމުންދާތާ ޒަމާންގަނޑަކަށް ފަހު އެމްޓީޑީސީ އަށް އެންމެ ފުރަތަމަ ފައިސާވާން ފަށާގައިވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.ވިދިވިދިގެން އެތައް އަހަރަކު ގެއްލުމާ ކުރިމަތިވެ "ބަނގުރޫޓު" ވާން ކައިރިވެފައިވަނިކޮށް އެމްޓީޑީސީއަށް 2013 ވަނަ އަހަރު ފައިސާގެ ގޮތުގައި 1.3 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އެމްޓީޑީސީގެ އެންމެ ފަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 1.7 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި މި ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.58 މިލިއަން ޑޮލަރެވެ.