ވިލާ ފައުންޑޭޝަންގެ ސްކޮލާޝިޕްސްކީމްގެ ދަށުންނާއި އެ ފައުންޑޭޝަންގެ ބާނީ ގާސިމް އިބްރާހިމްގެ ލޯނު އެހީގެ ދަށުން މެޑިސިން، ނާސިން އަދި މެޑިކަލް ދާއިރާއިން ކިޔެވުމަށް ދޫކުރި ލޯނުތަކުގެ ތެރެއިން މިއަދާ ހަމައަށް ނުދައްކާ ހުރި ހުރިހާ ލޯނެއް މާފުކޮށްދެއްވާ އެކަން އެމަނިކުފާނު އިއުލާނު ކުރައްވައިފި އެވެ.
ގާސިމް އިބްރާހިމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ވިލާ ފައުންޑޭޝަންގެ ސްކޮލާޝިޕްސްކީމްގެ ދަށުން އަދި އެ ނޫން ގޮތަކުން ގާސިމްގެ ފަރާތްޕުޅުން އެކި މިންވަރުގެ އެހީތެރިކަން ސިއްހީ ދާއިރާއިން ކިޔެވުމަށް ފުރުސަތު ލިބުނު ލިބި މެޑިސިން، ނާސިން އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ކިޔަވައިގެން ތިބި ޑޮކްޓަރުންނާއި ނަރުހުން، ފާމަސިސްޓުންނާއި ލެބޯޓަރީ ޓެކްނީޝަނުންގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރާ ބޭފުޅުންނާއި އަދި ރާއްޖެއިން ބޭރުގައި އިންސާނިއްޔަތަށް މަސައްކަތް ކުރަމުންދާ ބޭފުޅުންގެ ތެރެއިން އެއްވެސް މިންވަރެއްގެ ފައިސާއެއް ނުދެއްކި އޮތްނަމަ އެ ފައިސާއެއް މާފުކޮށްދެއްވާ ކަމަށެވެ. ގާސިމްގެ ބަޔާނުގައި ވިދާޅުވެފައިވަނީ އެއީ ދައްކަން ޖެހިފައި އޮތް ކިތަންމެ ގިނަ ފައިސާއެއް ނަމަވެސް ނުވަތަ ކިތަންމެ މަދު އަދަދެއް ކަމުގައިވީނަމަވެސް މާފުކޮށްދެއްވާ ކަމަށެވެ.
"ކޮރޯނާ ބަލިމަޑުކަމުގެ ސަބަބުން މި ފައުންޑޭޝަނާއި ވިލާ ކުންފުންނަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަ ކަމުގައިވިޔަސް، މި ދަނޑިވަޅަކީ މުޅި ދުނިޔެއަށާއި މި ދިވެހި ގައުމަށް ދިމާވެފައިވާ މި ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުން އަދި މެށިކަލް ދާއިރާގެ ސްޓާފުން ވަރަށް ބުރަކޮށް އަދި އެހައިމެ އަވަދިނެތި ވަރަށް ގިނަ ވަގުތު މަސައްކަތުގައި އުޅުއްވަން ޖެހިވަޑައިގެންވުމާއި އިންސާނިއްޔަތަށްޓަކައި ކުރަންޖެހިފައިވާ މި ނުރައްކާތެރި އެހެނަސް މަތިވެރި މި ހިދުމަތްތަކެއް ކެނޑިނޭޅި ކުރައްވަން ޖެހިވަޑައިގެންފައިވާ ދުވަސްވަރަކަށްވާތީ މި ފައުންޑޭޝަނުން އަޅުގަނޑު ނިންމި އިސްވެ ދެންނެވުމުގެ ގޮތަށް ހަމަޖައްސައި އެކަން ތިޔަ އެންމެހާ ބޭފުޅުނަށް ދަންނަވަމެވެ،"
ގާސިމް ވަނީ ސިއްހީ އެހީތެރިންގެ ހިދުމަތާއި ގުރުބާނީގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސިވިލްސާވިސް މުވައްޒިފުންނާއި ސަލާމަތީ ހިދުމަދޭ މުއައްސަސާތަކުގެ މުވައްޒިފުންްނާއި ވިޔަފާރިވެރންނާއި އާންމު ރައްޔިތުންގެ ބުރަ މަަސައްކަަތަށްވެސް އެމަނިކުފާނު ވަނީ ޝުކުުރ އަދާކުރައްވާފައެވެ.
ވިލާ ފައުންޑޭޝަންގެ ސްކޮލާޝިޕްސްކީމްގެ ދަށުންނާއި އެ ފައުންޑޭޝަންގެ ބާނީ ގާސިމް އިބްރާހިމްގެ ލޯނު އެހީގެ ދަށުން ވަރަށް ގިނަ ދަރިވަރުން ކިޔަވާފައިވެއެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއިން ކިޔެވި ގިނަ ބަޔަކު ހިމެނެއެވެ.