ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދަށް އަމާޒުކުރި ހަމަލާ: ތަހުގީގަށް އެއްވެސް ހުއްޓުމެއް ނާދޭ

މި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާރު ކުރިއަށް ގެންދާ ތަހުގީގަށް ހައްޔަރު ކޮށްފައި ތިބި ހަތަރު މީހަކާއި ތަހުގީގުގައި ބައިވެރިވާ ވަރަށް ގިނަ އޮފިސަރުން ކޮވިޑަށް ޕޮޒިޓިވްވީ ނަމަވެސް ތަހުގީގަށް އެއްވެސް ހުއްޓުމެއް ނާންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް މިހާރު ވެސް 450 އެއްހާ މެމްބަރުން ހާއްސަ ކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގަށް އެކަށީގެންވާ ކުރިއެރުން ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގުގެސްޕީޑް ލަސްވާތީ މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ވިދާޅުވީ ތަހުގީގްގެ ސްޕީޑް ލަސް ވަނީ ހައްޔަރު ކޮށްފައި ތިބި ހަތަރު މީހުންނާއި ތަހުގީގުގައި ބައިވެރިވާ ވަރަށް ގިނަ އޮފިސަރުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ކަމަށެވެ.

އިމްރާންގެ އެ ވާހަަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ތަހުގީގު ކުރިއަށްދާ ކަމަށާ ތަހުގީގަށް އެއްވެސް ހުއްޓުމެއް ނާންނަ ކަމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ އިރު ޓެރަރިޒަމާ ދެކޮޅަށް މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި 14 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ ހިޔާ، އަހުމަދު އަދުހަމް ރަޝީދުގެ އިތުރުން މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އަދުހަމްއަކީ ބޮން ގޮއްލި މީހާ އެވެ. ހަމަލާގެ ތުހުމަށް ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަހުމަދު ފާތިހުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ނަޝީދު އަވަހާރަަ ކޮށްލަން ހަމަލާއެއް ދިނީ އެމަނިކުފާނު ގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެނެވެ. ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އެވެ. އަދި ހަތަރު ސާޖަރީއެއް ހެއްދެވި އެވެ. އެމަނިކުފާނު ފަހުން ވަނީ ޖަރުމަނުގެ ހޮސްޕިޓަލެއްގައި އިތުރު ފަރުވާ ވެސް ހޯއްދަވައިފަ އެވެ.