އިމްރާން އަބްދުﷲ

އޮނިގަނޑު އެކުލަވާލައި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރަން ފަށައިފި

ހޯމް މިނިސްޓްރީން އެކުލަވައިލާން ޖެހޭ ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި މައުލޫމާތު ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެ އޮނިގަނޑު އެކުލަވައިލައި އަމަލުކުރަން ފަށައިފައިވާ ކަަމަށް އިމްރާނު ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަަމަލާ ދިނުމަށް ފުރުސަތު ލިބިފައި ވަނީ އެ އޮނިގަނޑު އެކުލަވާލުމުގައި މިނިސްޓަރު އިމްރާން އިހްމާލުވުމުން ކަމަށް މަޖިލީހުގެ 241 ކޮމިޓން އެކުލަވައިލި އިންކުއަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާތީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އިމްރާންގެ އިހުމާލުގެ ގޮތުގައި އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމުކުރާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވުމެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށެވެ. އެ މަސައްކަތް މިއަދު ފެށިގެން މިދިޔައީ ގާނޫނުގައި ބަޔާންކުރާ އިންޓެލިޖެންސް އިދާރާތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"މި ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްކާތެރިކަމާއެކު އަވަހަށް މިފަދަ މައުލޫމާތު ހިއްސާކުރުމާއި އެފަދަ މައުލޫމާތު އެނެލައިޒް ކުރުމުގެ ގާބިލުކަން މުއައްސަސާތަކުގައި އިތުރުކުރުމަށް ކުރަން ޖޭހޭ އިތުރު މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރަމުން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދެވަނަ ނަންބަރުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ ގޮތުގައި ފަސް އިދާރާއެއް ކަނޑައަޅާފައިވެ އެވެ. އެ އިދާރާތަކަކީ އެމްއެންޑީއެފް، ޕޮލިސް، ކަސްޓަމްސް، އިމިގްރޭޝަން އަދި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެވެ.

މި ފަސް އިދާރާގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރާނެ އޮނިގަނޑެއް ނުވަތަ އުސޫލެއް ގާއިމުކުރަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ލާޒިމްކޮށްފައިވެ އެވެ. ގާނޫނުގެ 19 ވަނަ މާއްދާގެ ތިންވަނަ ނަންބަރުގެ (ހ)ގައިވާ ގޮތުން އެކަން ކުރައްވަންޖެހޭ ފަރާތަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެ މާއްދާގައި ބުނެފައިވަނީ ޓެރަރިޒަމްއާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ރައްކާތެރިކަމާ އެކު ބަދަލުކުރުމަށްޓަކައި ކަމާ ގުޅޭ އޮނިގަނޑެއް ހޯމް މިނިސްޓަރު އެކުލަވާލައި، އެ އޮނިގަނޑާ އެއްގޮތަށް ޓެރަރިޒަމްއާ ގުޅޭ އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލައި މޮނިޓާ ކުރަމުން ގެންދަން ވާނެ ކަމަށެވެ. މީގެއިތުރުން ޓެރަރިޒަމްއާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އެއްކުރާ މައުލޫމާތު އެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަސް އިދާރާގެ މެދުގައި ބަދަލުކުރަން ވާނެ ކަމަށްވެސް ގާނޫނުގައިވެ އެވެ.

އިންކުއަރީ ރިޕޯޓްގައިވާ ގޮތުން އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރާނެ އޮނިގަނޑެއް ނެތުމުން މައުލޫމާތު ބަދަލުކުރުމުގައި އެއްވެސް ހަރުދަނާ ކަމެއް ނެތެވެ. އިދާރާތަކުން މައުލޫމާތު ބަދަލުކުރަނީ ކޮންމެ އިދާރާއެއް ވަކިން ހަދާފައިވާ އުސޫލެއްގެ ތެރެއިން އެ އިދާރާ އަކަށް ފެންނަ ގޮތަކަށެވެ.