ދުނިޔެ

ބެލަރޫސްގެ ނޫސްވެރިޔާ ދޫކޮށްލަން އދ. ގޮވާލައިފި

ބަހަނާތައް ނުދައްކައި ރާމޮން ޕްރަޓަސޭވިޗްއާ އޭނާގެ ބައިވެރިޔާ ދޫކޮށްލަން އދ. އިން ބެލަރޫސްއަށް ގޮވާލައިފި އެވެ. އދ. އިން ބުނީ ރާމޮން ޕްރަޓަސޭވިޗް، ބައިވެރިޔާ ގޮވައިގެން ދާން ބޭނުން ތަނަކަށް ދާން މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.

ރާމޮން ޕްރަޓަސޭވިޗް އަކީ އަމިއްލަ ބޮލޮގެއް ހިންގާ މިނިވަން ނޫސްވެރި އެކެވެ. އޭނާއަކީ ބެލަރޫސްގެ ރައްޔިތެކެވެ. އޭނާގެ ކަމަކަށް އޮންނަނީ ރައީސް އެލެގްޒެންދަރު ލުކަޝެންކޯ ޒައާމަތަށް ފާޑުކިޔައި މަލާމާތް ކުރުމެވެ. އަދި ސަރުކާރަށް ފާޑުކިޔަން ބޭނުންވާ މީހުންނަށް ފުރުސަތު ތަނަވަސްކޮށްދީ ގައުމުގައި ހަމަނުޖެހުން އުފެއްދުމެވެ.

ރާމޮން ޕްރަޓަސޭވިޗް ހައްޔަރު ކޮށްފައި ވަނީ ގުރީކުން ފުރައިގެން ލިތުއޭނިއާއަށް ދަތުރުކުރި ރިއާންއެއާގެ މަތިންދާބޯޓު ބެލަރޫސްގެ ވައިގެ ސަރަހައްދުން ހައިޖެ ކްކުރުމަށް ފަހު އެވެ.

ރިއާންއެއާގެ އޮފިޝަލަކު ބުނި ގޮތުން ބޯޓުގައި ގޮވާ ޒާތުގެ އެއްޗެއް އޮތް ކަމަށް ކޮންޓްރޯލް ޓަވަރުން ޕައިލެޓަށް އެންގި އެވެ. އަދި އަސްކަރީ ފައިޓާ ޖެޓެއް ބޯޓާ ކައިރިކޮށް މަގު ބަދަލު ކުރަން ޕައިލެޓަށް އަމުރުކޮށް ބެލަރޫސްގެ ވެރިރަށް މިންސްކްއަށް ބޯޓު ޖައްސަން މަޖުބޫރު ކުރި އެވެ.

ރިއާންއެއާގެ މަތިންދާބޯޓެއް ބެލަރޫސްއިން ހައިޖެކްކުރި މައްސަލަ މިހާރު ވަނީ ވަރަށް ބޮޑު ކަމަކަށް ވެފަ އެވެ. އެއީ ލުކަޝެންކޯއަށް ފާޑުކިޔާ އިދިކޮޅު ނޫސްވެރިއަކު ހައްޔަރު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ބުނެ މުޅި ދުނިޔެއިން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ބެލަރޫސްއަށް މިކަމުން ސަލާމަތް ވެވޭނެ ލާހިކު ގޮތެއް ވެސް މިހާރަކު ނެތެވެ. ރިއާން އެއާގެ މަތިންދާ ބޯޓު ހައިޖެކް ކުރީ ނޫން ކަމަށާއި އެއީ ހަމާސްއިން ދޭން އުޅުނު ހަމަލާއަކުން ބޯޓު ރައްކާތެރި ކުރުމަށް ކުރި ކަމެއް ކަމަށް ކުރިން ބުނި ނަމަވެސް އޮފިޝަލުން މިހާރު ތިބީ އަނގަ ބަންދުވެފަ އެވެ. ހަމާސްއިން ބުނީ އެމީހުންނާ އެ ބޯޓާ އެއް ވެސް ގުޅުމެއް ނެތް ކަމަށެވެ.

ރާމޮން ޕްރަޓަސޭވިޗް ދޫކޮށްލަން އދ. އިން ގޮވާލާފައި ވާއިރު ބެލަރޫސްއަށް ދަތި ކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ ނިންމާފަ އެވެ. އަދި ޔޫރަޕިއަން ޔޫނިއަނުން ބެލަރޫސްއަށް ދޭން ކަނޑައަޅާފައި ހުރި ފައިސާއިން އެއްވެސް އަދަދެއް ނުދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ބެލަރޫސްއަށް ދަތި ކުރަން ޔޫރަޕިއަން ޔޫނިއަނުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެގައުމުގެ މަތިންދާ ބޯޓުތަކަށް ޔޫރަޕްގެ ވައިގެ ސަރަހައްދު ބަންދު ކުރުމާއި ބޯތުތައް ޖައްސަން ހުއްދަ ނުދިނުން ހިމެނެ އެވެ.