ހުޅުމާލޭ މެޑިކަލް ފެސިލިޓީ

ހުޅުމާލޭގައި އިތުރު މެޑިކަލް ފެސިލިޓީއެއް ހަދަނީ

ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި އިތުރު މެޑިކަލް ފެސިލިޓީއެއް ހެދުމަށް ނިންމައިފި އެވެ.

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް މިހާރުވެސް ހުޅުމާލޭގައި މެޑިކަލް ފެސިލިޓީއެއް ވަނީ ހަދާފައެވެ. އެއީ 274 އެނދުގެ ފެސިލިޓީއެކެވެ. ފެސިލިޓީގައި ހުރި 274 އެނދުގެ ތެރޭގައި ޑައިލިސިސް މެޝިނާ އެކު ތައްޔާރުކޮށްފައިވާ ތިން އެނދުވެސް ހިމެނެ އެވެ. އެތަނުގަައި 34 ޑޮކްޓަރުން މަސައްކަތް ކުރަމުންދާއިރު 116 ނަރުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ސޯލިހް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް އިތުރު މެޑިކަލް ފެސިލިޓީއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެއީ 270 އެނދުގެ ފެސިލިޓީއެކެވެ. އެ މަަސައްކަތުގެ މާބޮޑު ތަފްސީލެއް ރައީސް ނުދެއްވައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީ އާއި ކޮވިޑްގެ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާ ދެމުންދާ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫވެސް ވަނީ ފުރުމާ ގާތުގައެވެ. ކޮވިޑް ޖެހި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ގިނަވުމުން ހުޅުމާލެ ހޮސްޕިޓަލްވެސް ވަނީ ކޮވިޑްގެ ބަލި މީހުންނަށް ހާއްސަކޮށްފައެވެ. އަދި އައިޖީއެމްއެޗްގެ ހިޔަލަ ވިންގުން ބައެއް އެނދުތައްވެސް ވަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައެވެ.