މިއީ މަޖާ ކަމެކެވެ. މި ވާހަކައެއް ދެ ތިކި ޕީއަކާ ނުލައި ފަށައިގަނެވެން ނެތް ސަބަބަކީ ވެސް މިއީ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ "ފިޔާތޮށި ގަމީހުގައި" ޝައުގުވެރިވަނިވި އެތައް ކުލައެއް ޖެހިފައިވާތީ އެވެ.
ފިޔާތޮށި އަކީ ޒަމާނުއްސުރެ "އަންހެން" ކުލައެއްގެ ގޮތުގައި ލޭބަލްކުރެވިފައި އޮތް ކުލައެކެވެ. ވަރަށް ފަހަކާ ޖެހެން ދެން މި ރާއްޖެއެއްގައި ވެސް ކޮންމެ ކޮންމެ ފިރިހެނަކު، ހަމަ ހުރެފައި ފިޔާތޮށި ކުލައިގެ ގަމީހެއް ލައިގެން އާންމުންގެ ތެރެއަކަށް ނުކުމެއެއް ނޫޅެ އެވެ. ފިޔާތޮށި ކުލައިން ހެދުން އަޅައިގެން ހުންނަ ފިރިހެން މީހާ ބައެއް ފަހަރަށް އަންހެންދުޅާ ފިރިހެނެއްގެ ގޮތުގައި ސިފަކުރެވިގެންދާތީ އެވެ. ނުވަތަ ބަޔަކަށް ގަބޫލުކުރެވި އޮތީ ފިރިހެން މީހާ ފިޔާތޮށި ކުލައިން ހެދުން އެޅުމަކީ ފިރިހެން ވަންތަކަން ދަށްކޮށްލަދޭ ކަމެއް ކަމަށެވެ.
އެހެން ނަމަވެސް 2011 ވަނަ އަހަރުގެ ފަހުކޮޅު ޕީޕީއެމްއޭ ކިޔުނު ސިޔާސީ ޕާޓީއެއް އުފަންވި ހިސާބުން ފިޔާތޮށި ކުލަ އަށް މި ރާއްޖޭގައި މުޅިން އާ ބާރަކާއި ފޯރިއެއް ލިބިގެން ދިޔައީ އެވެ. އެހެންވީމަ ފިޔާތޮށި ކުލައިގެ ކިރުސަރުބަތު ޖޫސް ތައްޓެއްގެ ބޯލާ މީހާގެ ލޭގެ ކުލަ ވެސް މިއަދު މި އޮންނަނީ ޕީޕީއެމްގެ ކުލަ އަށް ބަދަލުވެފަ އެވެ.
ޝަހީބުގެ "ފިޔާތޮށި ކުލައިގެ ގަމީސް" ގެ އެއް ބަޔަކަށް ފޯރިއަކަށް އަދި އަނެއް ބަޔަކަށް ތުރާލަކަށް ވެފައި ވަނީ މި ދެންނެވި ފޯރިއެއްގެ ތެރެއިންނެވެ. ވެގެން މި އުޅޭ ގޮތަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަން ޝަހީބަށް ލިބިވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ފިޔާތޮށި ކުލައިގެ ގަމީސް އެންމެފަހުން މިއަދު އެ ބޭފުޅާގެ ބަދުނަސީބަކަށް ނުވަތަ ބަޔަކު މީހުން އެ ބޭފުޅާ ދެކެ ރުޅިއަންނަ މައިގަނޑު ކުލައަކަށް ބަދަލުވެފައިވުމެވެ.
ޝަހީބަކީ ވަކި ކުލައަކަށް ވިކި ހުސްވެވަޑައިގެންފައިވާ ފަރާތެކޭ ބުނެ އެ ބޭފުޅާގެ ޝަހުސް ސިޔާސީ ޕޯޑިއަމްތަކުން ފެށިގެން ސިޓިންރޫމްތަކުގައި ކަތިލެވެމުންދާއިރު މީގައި ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެ ވާހަކައެއް ކިޔައި ދޭނީ މަޝްހޫރު ފުޓްބޯޅަ ކޯޗު އަދި ޝަހީބުގެ ނިކަން ގާތްއެކުވެރިއެއް ކަމުގައިވާ އަލީ ސުޒޭން އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެކުލަވައިލި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަން ޝަހީބަށް ލިބިވަޑައިގެން އެ ބޭފުޅާ އަށް ރައީސްގެ އަތްޕުޅުން މެމްބަރުކަމުގެ ސިޓީ ލިބިވަޑައިގަންނަވަން އުޅުއްވާކަން އެނގުމުން އެކަމާ އެންމެ ބޮޑަށް އުފާކުރި އެކަކަކީ ސުޒޭން އެވެ. މި އުފާވެރިކަމެއްގެ ތެރެއިން އޭނާ ނިންމީ އެ ހަފުލާ އަށް ޝަހީބު ތުރުކުރައްވާނެ ގަމީހެއް ހަދިޔާކުރެއްވުމަށެވެ.
"ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް އައްޔަންކުރެވިގެން ހަފުލާ އަށް ދާން ޝަހީބަށް މި ފިޔާތޮށި ގަމީސް ހަދިޔާކުރެއްވި ހަނދާން އަދިވެސް އަޅުގަނޑު އެބަހުރި. އެއީ ހަތަރެއް އެޕްރީލް، 2011،" ސުޒޭން އޭނާގެ ފޭސްބުކް ޕޭޖުގައި ރޭ ޝަހީބުގެ ފިޔާތޮށި ގަމީހުގެ ފޮޓޯއެއް ޝާއިއުކޮށް ލިޔެފައިވެ އެވެ.
"އޭގެ ހަ މަސް ފަހުން 27 އޮކްޓޯބަރު، 2011 ގައި ޕީޕީއެމް އުފެދި އެމީހުންގެ ކުލައަކަށް މި ކުލައެއް އިހްތިޔާރުކުރީ އެވެ. މިއީ ކިހައި ބޮޑު އިއްތިފާގެއް ހެއްޔެވެ؟."
މިހެންނެވެ. އެހެންވީމަ ސިޔާސީ ފިކުރުގައި ޝަހީބުގެ "ފިޔާތޮށި ގަމީސްލީ ފޮޓޯއަށް" ބަޔަކު މީހުން ތީރު އުކަމުން މި ގެންދަނީ "އިއްތިފާގެއްގެ" ތެރެއިން ހުޅުވިގެން ދިޔަ ފުރުސަތަކުން ނޫން ހެއްޔެވެ؟ އެކަމަކު އެނގޭ ހެއްޔެވެ؟ ޝަހީބުގެ މި "ފިޔާތޮށި ގަމީހަކީ" އެ ބޭފުޅާ އަށް ސިޔާސީ ވާދަވެރިންގެ ހަމަލާތައް އަމާޒުވެފައިވާ ހަމައެކަނި ސަބަބެއް ވެސް ނޫނެވެ.
އެއީ އަދި މާ ޝައުގުވެރިވަނިވި ވާހަކަ އެވެ. އެކަމަކު އޭގެ ކުރިން ޝަހީބުގެ ކުރު އިންޓަވިއު އެކެވެ. ކޮމިޝަންގެ މެމްބަރުކަން ލިބިވަޑައިގަތުމުގެ ރަސްމީ ސިޓީފުޅާ ހަވާލުވެ ވަޑައިގަތުމުގެ ހަފުލާ އަށް ފިޔާތޮށި ގަމީހެއް އިހްތިޔާރުކުރެއްވި ސަބަބާ ބެހޭ ގޮތުންނެވެ.
"ބައެއް ފަހަރަށް ވާ ގޮތަކީ އެކުވެރިޔަކަށް ކަމެއް ދިމާވީމަ ނުވަތަ ރަނގަޅު ކަމެއް ދިމާވީމަ އޭނާގެ ދެން ތިބޭ ރަނގަޅު އެކުވެރިންނަށް ވެސް ލިބޭ އުފާ ވަރަށް ބޮޑުވޭ. އެގޮތުން ސުޒޭން އަޅުގަނޑު ގާތުގައި ބުނީ އޮންނާނެއޭ ނިކަން ރީތި ގަމީހެއް ތިޔަ ހަފުލާއަކަށް ދާން ލާން،" މިއަދުގެ ވާދަވެރި ސިޔާސީ މައިދާނުގައި ޝަހީބުގެ ބަދުނަސީބަކަށް ބަދަލުވެފައިވާ ފިޔާތޮށި ގަމީހެއް އުފަންވެގެން އައި ގޮތުގެ ވާހަކަ ކިޔައި ދެމުން ޝަހީބު ވިދާޅުވި އެވެ.
"އަނެއްކޮޅުން އަޅުގަނޑު ވެސް ބޮޑަށް ބޭނުންވެފައި ވަނީ ސިޔާސީ ކުލައެއްގައި ނުޖެހި އެ ހަފުލާގައި ބައިވެރިވާން. ސުޒޭން ދިން ގަމީސް އެކަމަށް ވަރަށް ރަނގަޅު ޗޮއިސް އަކަށް. އޭރަކު ނެތް ފިޔާތޮށި ނުވަތަ އެ ވައްތަރު ކުލައެއްގައި އޮތް ސިޔާސީ ޕާޓީއެއް ވެސް ރާއްޖޭގައި. އަޅުގަނޑަށް ރީތި ނޫ ކުލައިގެ ގަމީހެއް ވެސް އެ ދުވަހު ލާން ބޭނުންނުވީ ސިޔާސީވެދާނެތީ"
"އެހެންވީމަ ފިޔާތޮށި ކުލައިގެ އެ ގަމީހެއް ލައިގެން އެ ދުވަހު ރައީސް އޮފީހުގައި ނެގި ފޮޓޯއެއްގެ މަތިން ހަނދާނެއް ވެސް ނެތް މީހުން އެކަންތައް ބޮޑުކޮށްނުލަނީސް."
ޝަހީބު ވިދާޅުވީ ސިޔާސީ އޮއިވަރެއްގައި ޖެހި އެ ބޭފުޅާގެ "ފިޔާތޮށި ގަމީސް" ކުއްލިއަކަށް ސިޔާސީކޮށްލުމުން މިހާރު އެއްގޮތަކަށް ވެސް އެ ކުލައިން ގަމީސް ތުރުނުކުރައްވާ ކަމަށެވެ.
"މިހާރު އަޅުގަނޑު ފިޔާތޮށި ކުލައިގެ ގަމީހެއް ނުލަން. އަދި ބަލަނީ އެފަދަ ސިޔާސީ ކަމަކާ ގުޅޭ ކުލަތަކެއް ނުލައިވޭތޯ. އަޅުގަނޑު އާންމުކޮށް ލާހިތްވަނީ ހުދުކުލައިގެ ނުވަތަ ކަޅު ކުލައިގެ ގަމީސް،" ޝަހީބު ވިދާޅުވި އެވެ.
"އެކަމަކު ވާގޮތަކީ ބައެއް ފަހަރަށް ގަމީސްތަކުގެ ކުލައަކީ އަންހެނުން ވެސް ހަދިޔާކޮށްފައި ހުންނަ ކުލަތައް."
ޝަހީބު ވިދާޅުވީ ބަޔަކު މީހުން ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް އެ ބޭފުޅާގެ ހިތުގައި ވަކި ކުލައެއް ޖެހިފައި ނެތް ކަމަށެވެ.
"މީހުންގެ ފިކުރުގައި ވަކި ކުލައެއް ޖެހިފައި ވަނީ. އަޅުގަނޑުމެންގެ ހިތަކު ނެތް އެފަދަ ކުލައެއް ޖެހިފައި."
ބްރޯޑްކާސްޓިން ކޮމިޝަނާއި ޝަހީބުއާ ގުޅޭ ކުރީގެ އަދި ފަހުގެ ޚަބަރުތަކަށް އޮންލައިންކޮށް އާންމުން ފޮނުވާފައިވާ ބައެއް ހިޔާލުތައް ހާވައި ބަލައިލިޔަސް ޝަހީބުގެ މި ވާހަކައެއް ގަބޫލުކުރެވޭނެ އެވެ. ފިޔާތޮށި ގަމީހެއް ތުރުކުރައްވައިގެން އެ ބޭފުޅާ މީގެ އެތައް އަހަރެއް ކުރިން ނެންގެވި ފޮޓޯގަނޑެއް ސިޔާސީ ވާދަވެރިކަމެއްގެ ތެރެއިން ބަޔަކު މީހުން ތީރުއުކާ އަމާޒުފަތްގަނޑަށް ހަދާލާފައި ވަނީ ކީއްވެގެން ކަން ވެސް ވަރަށް ރަނގަޅަށް އެނގޭނެ އެވެ.
އެފަދަ ހިޔާލުތަކެއް ތިރީގައި މި އަންނަނީ އެވެ.
"ބަދަލުކުރަންވީ ޝަހީބު. ވަޒީފާ ގެއްލިދާނެތި ބިރުން ޕަޕެޓް އެއް ގޮތުގައި އުޅުއްވާ ބޭފުޅެއް ތިއީ،" މިނިވަން މީޑިއާ އަކަށް މަގުފަހިވާ ގޮތަށް ގާނޫނާއި ގަވާއިދު އިސްލާހުކުރަން ޖެހޭ ކަމަށް މި އަހަރުގެ މެއި މަހު ޝަހީބު ވިދާޅުވުމުން ޚަބަރަކަށް މީހަކު ކޮށްފައިވާ ހިޔާލެކެވެ.
"މި މުވައްސަސާއަކީ ޕީޕީއެމްގެ ގޮތްޕެއްކަން އެގޭ. އެކަންއެގެނީ ޓީވީއެމް އިން ގެނެސްދޭ ޕްރޮގްރާމްތަކުންނާއި، ބްރޯޑްކޮމްގެ ރައީސް ޝަހީބުގެ މިއަދުގެ ވާހަކަތަކުން،" ކުއްލި ހާލަތުގައި ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށް ބްރޯޑްކާސްޓްކުރުމަށް ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ޝަހީބު އިހަކަށް ދުވަހު ގޮވާލި ޚަބަރަށް މީހެއްގެ ހިޔާލު ބަންޑުންކޮށްލާފައިވާ ގޮތަކީ މިއީ އެވެ.
މިއީ އެއްކަހަލަ "ފިޔާތޮށި ކުލައިގެ" ގަމީހުގައި ޝަހީބު ހުއްޓައި ފެނިގެން އެ ބޭފުޅާ ވަކި ގޮތަކަށް ލޭބަލްކުރެވިގެންދާ ސިލްސިލާއެއްގެ ތެރެއިން ދެ ތިން ބޮޅެކެވެ.
ނަމަވެސް ތަންކޮޅެއް ކުރިއަށް ޖެހިލާއިރު އަދި އިދިކޮޅު އެމްޑީޕީގެ ވަފާތެރި ޓީވީ ސްޓޭޝަނެއް ކަމުގައިވާ ރާއްޖެ ޓީވީގެ ދިފާއުގައި ކޮމިޝަނުން ޝަހީބު ނެރުއްވި ބަޔާންތަކާއި ދެއްކެވި ވާހަކަތަކަކީ "ރީނދޫ ހުން ޖެހިފައިވީ" ވާހަކަ އެކެވެ.
"އަނެއްކާ ތިޔަކޮމިޝަނަށް ވެސް ރީދޫ ހުންޖެހުނީބާ؟ މިއީ ވަރަށް ހިތާމަ ހުރިކަމެއް. ޝަހީބަކީ ހަމަ ސީދާ އެމްޑީޕީގެ އެޖެންޓެއް،" މިއީ ރާއްޖެ ޓީވީ މުޅި ރާއްޖެ އަށް ބްރޯޑްކާސްޓްކުރުމުގެ ހުއްދި ދިނުމުން އެކަމާ ހިތްހަމަނުޖެހުނު މީހެއްގެ ހިޔާލެކެވެ.
"މިއަދު ޝަހީބަށް ޤައުމަށްވުރެ މުހިންމު ބޮޑުމުސާރަލިބޭ މަޤާމުގައި ދެމިހުރުން. މިއަދު ޝަހީބު އެހެން ނުބުނެފިނަމަ މާދަމާ އޭނާ މަޖިލިސްތެރެއިން ދުއްވާލާނެ،" މިއީ ރާއްޖެ ޓީވީގެ ނޫސްވެރިންތަކެއްގެ މައްސަލަ ޕީޖީ އަށް ފޮނުވި މައްސަލައެއްގައި ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށް އެކަމާ ދެކޮޅު ހެދުމުން މީހަކު ފާޅުކޮށްފައިވާ ހިޔާލެކެވެ.
އެނގިގެން ދަނީ ޝަހީބު އެ ވިދާޅުވި ވާހަކައިގެ ތެދުކަމެވެ. ވަކި ކުލައެއް ޖެހިފައިވަނީ އާންމުންގެ ފިކުރުގަ އެވެ. އަދި އެ ކުލައެއްގެ އަޅުވެތިކަމުގެ ތެރެއަށް ދަމައިގެން ގޮސްފައި ވަނީ ވެސް އާންމުންނެވެ.
އެކަމަކު ވެސް އާންމުންގެ ހަމަލާތަކުން ޝަހީބަށް އަދިވެސް ސަލާމަތްވެ ވަޑައެއް ނުގަނެވެ އެވެ. ފިޔާތޮށި ކުލައިގެ ގަމީސް ތުރުކުރެއްވުން ހުއްޓާލެއްވިޔަސް ފިޔާތޮށި ކުލައިގެ "ރޯގާއަކުން" އެއްކޮށް އަދިވެސް ރަނގަޅެއް ނުވެ އެވެ.
މި ކުލަ ސިލްސިލާއެއްގެ އަނެއް އެޕިސޯޑެއް ފެށޭ ހިސާބަކީ މިއީ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ކުލައަކީ ގަދަ ރަތް ނުވަތަ މެރޫން ކުލަ އެވެ. އެމީހުންގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ބެކްގްރައުންޑުން އާންމުކޮށް ފެންނަން ހުންނާނީ މި ކުލަ އެވެ. އެކަމަކު ޓީވީގެ ކެމެރާތައް ސެޓްކޮށް ލައިޓް އަޅުވައިލުމުން ޓީވީ އިން އެ މަންޒަރު ފެންނައިރު ބްރޯޑްކާސްޓިން ކޮމިޝަންގެ ކުލައެއްގެ ގޮތުގައި ވެސް މި ފެންނަނީ ޕީޕީއެމްގެ ކުލަ ނުވަތަ ސީދާ މެޖެންޓާ އެވެ.
އާންމުކޮށް ނަގާފައި ހުންނަ ފޮޓޯތަކުން ކޮމިޝަންގެ އަސްލު ކުލަ ފެނުނަސް ޓީވީ އިން ފެންނަ މަންޒަރުގައި އެއީ ހަމަ ޕީޕީއެމްގެ ކޮމިޝަނެކެވެ.
"އަޅުގަނޑަށް އެނގޭ މިވަރުގެ މަގާމެއްގައި ހުންނައިރު އެންމެން ހިތްހަމަޖައްސައި ނުދެވޭނެކަން. އެހެންވީމަ އެކަމަށް އަޅުގަނޑު ނުވެސް ވިސްނަން،" ޝަހީބު ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑުމެންގެ މަސައްކަތަށް ދެ ފަރާތުގެ ފާޑުކިޔުން ލިބޭ ނަމަ އޭގެ މާނައަކީ މި ދެވެނީ ތެދަށޭ. ކުރެވޭ މަސައްކަތް ވަރަށް ވެސް ރަނގަޅޭ."
ޔަގީނަށް ވެސް އެއް ބަޔަކަށް ޝަހީބަކީ "ފިޔާތޮށި ކުލައިގެ" ގަމީހެކެވެ. އަނެއް ބަޔަކު ބުނަނީ "ރީނދޫ ހުން" ޖެހިފައި ހުންނެވި ފަރާތެއް ކަމަށެވެ. އެކަމަކު ޝަހީބު ވިދާޅުވަނީ އޭނާގެ ކުލަފޮށީގައި އެއްވެސް ކުލައެއް ނެތް ކަމަށެވެ.