ތިމާވެށި

ބިޓްކޮއިން އިން ތިމާވެއްޓަށް ނުރައްކާ!

May 26, 2021

ދެހާސް ނުވަ ވަނަ އަހަރު އުފެއްދި "ކްރިޕްޓޯ ކަރަންސީ" ބިޓްކޮއިން އަކީ ދުނިޔޭގައި މިހާރު އެންމެ ކުރީގައިވާ ކްރިޕްޓޯ ކަރަންސީ އެވެ. އެންމެ ބިޓްކޮއިންއެއްގެ އަގު މިހާރު 39،449.90 ޑޮލަރުގައި އުޅޭއިރު މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 607،528.46 ރުފިޔާ އެވެ.

ބިޓްކޮއިންގެ އަގު މަތިވުމުގެ ސަބަބުނެ ބިޓްކޮއިން ހޯދަން މަސައްކަތް ކުރާ މީހުން ވެސް ދުވަހުން ދުވަހަށް އަންނަނީ އިތުރު ވަމުންނެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ކްރިޕްޓޯ ކަރަންސީގެ ސަބަބުނެ ތިމާވެއްޓައް ވަރަށް ބޮޑެތި ގެއްލުން ތަކެއް ވެސް ދަނީ ލިބެމުންނެވެ. މައިގަނޑު ސަބަބަކީ ބިޓްކޮއިން އުފެއްދުމަށާއި ބިޓްކޮއިންގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރާ ކަރަންޓުގެ ސަބަބުނެވެ.

ބިޓްކޮއިން އަކީ "ޑީ ސެންޓްރަލައިޒްޑް" ނުވަތަ ބޭންކެއް މެދުވެރި ނުކޮށް ބޭނުން ކުރާ "ޑިޖިޓަލް" ފައިސާއެއް ކަމުން، ބިޓްކޮއިންގެ ހުރިހާ މުއާމަލާތެއް ކުރިއައް ގެންދަނީ "ބްލޮކްޗެއިން" އޭކިޔާ ނިޒާމެއްގެ ތެރެއިންނެވެ.

މި ސިސްޓަމަކީ އެކި ފަރާތްތަކުގެ ކޮމްޕިއުޓާ ބޭނުން ކޮށްގެން ކުރިއަށް ގެންދާ ނިޒާމަކަށް ވާތީ މި މަސައްކަތް ކުރުމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ޑޭޓާ ސެންޓަރުތައް ވަނީ އުފައްދާފަ އެވެ. އަދި މި ޑޭޓާ ސެންޓަރު ތަކުން ބިޓްކޮއިންގެ މުއާމަލާތްތައް ރެކޯޑުކޮށް މައުލޫމާތުތައް އަޕްޑޭޓްކޮށް އާ ބިޓްކޮއިން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެ އެވެ.

ދުނިޔޭގައި އަދިވެސް ގިނަ ބަޔަކު ބޭނުންކުރާ ކަރަންޓު އުފައްދަނީ ކާބަން ފިއުލް ބޭނުން ކޮށްގެނެވެ. ކާބަން ފިއުލް ބޭނުން ކުރުމުން ދުނިޔެއައް ކާބަންޑައިއޮކްސައިޑް ދޫކުރެ އެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމާއި ސާފުވައި ލިބުން މަދުވުން ފަދަ ގިނަ މައްސަލަތައް ދިމާވެ އެވެ.

ބިޓްކޮއިން މުއާމަލާތްތައް ކުރިއައް ގެންދަނީ ކޮމްޕިއުޓާ ނެޓްވޯކެއްގެ ތެރެއިން ކަމުން މި މަރުހަލާއަށް މަތީ އަދަދެއްގެ ކަރަންޓް ބޭނުންވެ އެވެ. އެގޮތުން މި މަރުހަލާގެ ތެރޭގައި ގަޑިއިރަކު 129 ޓެރަވޮޓް ކަރަންޓް މި ޑޭޓާ ސެންޓަރު ތަކުން ބޭނުން ކުރެ އެވެ. މިއީ މުޅި އާޖެންޓީނާގައި ބޭނުންކުރާ ކަރަންޓަށް ވުރެ އިތުރު އަދަދެކެވެ. އޭގެ ސަބަބުން ބިޓްކޮއިން އިން ދޫކުރާ "ކާބަން ފުޓްޕްރިންޓް" ވަރަށް ބޮޑެވެ.

ކޮންމެ ބިޓްކޮއިން މުއާމަލާތަކުން އެވަރޭޖް ގޮތެއްގައި 360 ކިލޯގްރާމްގެ ކާބަން ދޫކުރާ ކަމަށް އެކި ދިރާސާ ތަކުން ދައްކަ އެވެ. މިއީ ވިސާ ކާޑެއް ބޭނުން ކޮށްގެން ކުރާ މުއާމަލާތަކުން އެވަރޭޖް ގޮތެއްގައި ދޫކުރާ 500 މިލިގްރާމް އާއި އަޅާކިއާއިރު 800،000 ގުނަ ބޮޑު އަދަދެކެވެ.

ބިޓްކޮއިންގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި ގުޅިގެން މިފަހުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ބިޓްކޮއިން އަށް ވަނީ އަމާޒުވެފަ އެވެ. އަދި ބައެއް ބިޓްކޮއިން ޑޭޓާ ސެންޓަރު ތަކުން ވަނީ އެ ޑޭޓާ ސެންޓަރުތައް "ގްރީން އެނާޖީ" އަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ނަމަވެސް، ބިޓްކޮައިންގެ މަގްބޫލުކަން އިތުރުވާ ވަރަކަށް ހުޅުވެމުންދާ ބިޓްކޮއިން ޑޭޓާސެންޓާރތައް ދަނީ އިތުރު ވަމުންނެވެ.

ދިރާސާތަކުން ދައްކައި ގޮތުގައި ކުރިއައްއޮތް އަހަރުދު ވަސް ތެރޭގައި ބިޓްކޮއިންގެ މުއާމަލާތްތަކުން ދޫކުރާ ކާބަން ފުޓްޕްރިންޓް ދުނިޔޭގައި އެކިކަން ކަމަށް ބޭނުންކުރާ ހުރިހާ ޑޭޓާސެންޓާތަކައްވުރެ ވެސް އިތުރުވާނެ އެވެ. ކްރިޕްޓޯ ކަރަންސީތައް އިތުރުވެ މި ފައިސާ ބޭނުން ކުރާ ފަރާތްތައް ގިނަވާއިރު ބިޓްކޮއިން ނޫން އިތުރު ކްރިޕްޓޯކަރަންސީތަކުގެ ކާބަން ފުޓްޕްރިންޓް ވެސް ދަނީ އިތުރުވަމުންނެވެ.