މާލޭ ސިޓީ ކައުންސިލް

މާލޭގައި އިމާރާތްކުރަން ހުއްދަ ދިނުން މެދުކަނޑާލައިފި

May 26, 2021

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރުމަށް ހުއްދަ ދިނުން މެދުކަނޑާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެފަދަ ފިޔަވަޅެއް އެޅީ ކޮވިޑް 19 އިން ރައްކާތެރި ވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅިގެން ކަމަށެވެ.

އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރުމަށް ހުއްދަ ދިނުން މެދުކަނޑާލީ މިއަދުން ފެށިގެން އަންނަ މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

އެކަމަކު މި މުއްދަތު ތެރޭގައި ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ސައިޓްތައް އަދި ސްލެބް އެޅުމަށް ތައްޔާރު ކޮށްފައިވާ ސައިޓްތަކުގެ އިންސްޕެކްޝަނެއް ހެދުމަށްފަހު ގެއްލުމެއް ލިބިދާނެ ފަދަ ހާލަތެއްގައިވާ ސައިޓެއްނަމަ އެ ސައިޓްތަކަށް ހާއްސަ ހުއްދައެއް ދޫކުރުމަށް ވެސް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ކޮވިޑް ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ މިއަދުން ފެށިގެން ވަރުގަދަ އިތުރު ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން މާލެއާއި ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްތަކުގައި ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށް ކާފިއު ހިންގަން ވަނީ ފަށާފަ އެވެ. އަދި ހެނދުނު 8:00 އިން ހަވީރު 4:00 އަށް ގެއިން ނިކުމެވޭނީ ކޮންމެ ގޭބިސީ އަކުން ވެސް ހާއްސަ ހުއްދައެއް ލިބިފައިވާ މީހަކަށް ކަމަށްވެސް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފަ އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައިވެސް މާލެ ސިޓީ ކައުންސިލުން ގެންދަނީ ބުނަމުންނެވެ.