ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާތީ އެ ވީޑިއޯގެ ހަގީގަތް ސަރުކާރުން ސާފުކޮށްދީފި އެވެ.
ރައީީސް އޮފީހުގެ ތަރުޖަމާން މަބްރޫކް މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތްް ބަލި މީީހަކަށް އަނިޔާކޮށްފައިވަނީ އާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި މީހެއް ކަމަށެވެ. އެއީ ބިދޭސީ އެކެވެ.
މަބުރޫކް ވިދާޅުވީ ހާދިސާގެ މައުލޫމާތު އާއިލާއަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އަނިޔާ ކުރި މީހާގެ މައްސަލަ ބަލަމުންދާ ކަމަށެވެ. މިވަގުތު ބަލި މީހާ ކަަންކަން ބަލަހައްޓަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ސިއްހީ އެހީތެރިން ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.
ފުލުހުން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހެއްގެ ގައިގައި އޭނާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި "ކެއާޓޭކާ" އެއް ޖަހާ އަނިޔާކުރި މައްސަލައެއް ފުލުހަށް ހުށައެޅިފައިވާ ކަަމަށެވެ. މައްސަލަ ހުށައެޅީ ހުޅުމާލެ މެޑިކަލް ފެސިލިޓީންނެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާއިރު މި މައްސަލައާ ގުޅިގެން 31 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބަލި މީހާ ކައިރީގައި ހުރި ބިދޭސީ މީހާ ވަރަށް ބާރަށް ބަލި މީހާގެ ކޯތާފަތްމަތީ ޖަހައެވެ. އަދި ތަދުވެގެން އެމީހާ ވަރަށް ބޮޑަށް ރޯން ފަށައެވެ. އެ މީހާ ރޯން ފެށުމުން ބިދޭސީ މީހާ އެ ތަނުން ދުރައްދާތަން ފެނެއެވެ. މި ވީޑިއޯ ކޮށްފައިވާ އެ ވޯޑްގައި އޮތް އެހެން ބަލި މީހެއް ނުވަތަ އެމީހާ ކައިިރި ހުރި އެހީތެރިއެއް ކަމަށް ބެލެވެއެވެ.
މެޑިކަލް ފެސިލިޓީއަކީ އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން ހިންގަމުންދާ ތަނެކެވެ. އެ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފެސިލިޓީގައި ބިދޭސީ މީހާ ހިންގި އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ.
މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް އުމުރުން ދުވަސްވީ މީހަކަށް އޭނާއަށް އެހީތެރިވެދާން ހުރި މީހަކު އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި މިވަނީ މެޑިކަލް ފެސިލިޓީގެ އިންތިޒާމުތަކާ ގުޅިގެން އެތައް ބައެއްގެ ޝަކުވާ ފުނިޖެހިފައިވަނިކޮށެވެ.
މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު އާއިލާއިން އެދުނަސް މި ދުވަސްވަރު ބަލި މީހާގެ ކައިރީގައި އާއިލާގެ މެންބަރަކަށް ނުހުރެވެއެވެ. ނަމަވެސް ބަލި މީހެއް ބެލެހެއްޓުމަށް ފެސިލިޓީގައި ބިދޭސީއަކު ބަހައްޓަން ހުއްދަ ދިން ގޮތަކާ ގުޅޭގޮތުން ސުވާލު އުފެދެއެވެ.