"އިންޑިއަން އައިޑަލް" އަކީ އިންޑިޔާގެ ޗެނަލްތަކުން ދައްކާ ޝޯތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއް ޝޯ އެވެ. އަދި ޝޯގެ ވާހަކަ އަބަދުވެސް ނޫސްތަކުގެ ސުރުހީއަށް އަރަ އެވެ. މިފަހަރުގެ ސީޒަންގެ ބައިވެރިންގެ ތެރެއިން ޕަވަންދީޕް ރާޖަން، ސަވާއީ ބަޓް އަދި އަރުނީތާ ފަދަ ލަވަކިޔުންތެރިން ވަނީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފަ އެވެ.
ނަމަވެސް ބެލުންތެރިންގެ ހިތުން ޖާގަ ނުހޯދި އެމީހުންގެ ފާޑުކިއުމާއި މަލާމާތް ރައްދުވާ ބައެއް ލަވަކިޔުންތެރިން ވެސް މިފަހަރުގެ ޝޯގައި ބައިވެރިވާކަން ފާހަގަ ކުރެވެ އެވެ. އޭގެ ތެރޭގައި މުހައްމަދު ދާނިޝް އާއި ޝަންމުކާ ޕްރިޔާ ހިމެނެ އެވެ. ހާއްސަކޮށް އެންމެ ފަހުން ދެއްކި ދެ ތިން އެޕިސޯޑެއްގައި އޭނާ ލަވަކިޔާފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާއަށް މަލާމާތް ކޮށްފައި ވެއެވެ.
އަދި ޝްރަވަން ރާތޯޑުގެ "ހަމްކު ސިރްފް ތުމްސެ ޕިޔާރް ހޭ" އޭނާ ކީގޮތުން ޝޯގެ ފޭނުންގެ ތެރެއިން ގިނަ ބަޔަކު އަދި ވަކިން ބޮޑަށް ރުޅިގަދަވެ އޭނާއަށް ސޯޝަލް މީޑިއާގައި ވަރަށް އެތިވަރު ގޮވާފައި ވެއެވެ. އަދި ޝޯއިން އޭނާ ވަކިކުރަން ގޮވާ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.
އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފެށުމުން ޝަންމުކާ ޕްރިޔާ ވަނީ އެމީހުންނަށް ޖަވާބު ދީފަ އެވެ.
އިންޑިއާގެ އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނި މިހުން އޭނާއާ ދޭތެރޭ ހިތްހަމަ ނުޖެހޭކަން އެނގުނީ އޭނާއަށް ހެޔޮއެދޭ ބައެއް މީހުންގެ ފަރާތުންނެވެ. ކިތަންމެ ވަރަކަށް މަލާމާތް ކުރިޔަސް އޭނާ އެކަމާ އެއްގޮތަކަށް ވެސް ހާސް ނުވާކަމަށް ވެސް ޝަންމުކާ ޕްރިޔާ ވަނީ ބުނެފަ އެވެ.
މައިކަލް ޖެކްޝަން ފަދަ ބޮޑެތި އާޓިސްޓުންނަށް ވެސް ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނުކަން އޭނާ ފާހަގަ ކުރި އެވެ. އޭނާއަކީ ލަވަކިޔުމަށާއި ޕާފޯމް ކުރުމަށް ލޯބިކުރާ މީހަކަށް ވާތީ އެ ގޮތުގައި ކުރިޔަށް ދާނެކަމަށް ވެސް ޝަންމުކާ ބުންޏެވެ.
ފާޑުކިޔާ މީހުންނަށް އޭނާ ބުނީ އެމީހުން އެ ކުރާ ކަމެއް ކުރަމުން ގެންދިއުމަށާއި އެކަމުން އޭނާއަށް އަސަރެއް ނުކުރާނެ ކަމަށެވެ.
ޝަންމުކާގެ މަންމަ ރަތުނަމާލާ ވެސް ވަނީ ދަރިފުޅަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ޖަވާބުދީފަ އެވެ. އޭނާ ބުނީ ތަފާތު ވައްތަރުގެ ލަވަތައް އެކްސްޕެރިމެންޓްކުރަން ޝަންމުކާ ބޭނުންވާ ކަމަށެވެ. އަދި ޝޯގެ ބައިވެރިން ކިޔާ ލަވަތައް ޚިޔާރުކުރަނީ އެމީހުން އަމިއްލައަށް ނޫން ކަމަށާއި ޝޯ އިންތިޒާމްކުރާ ފަރާތުން ދޭ ލަވަތަކެއް އެމީހުންނަށް ކިޔަން ޖެހޭ ކަމަށް ވެސް ރަތުނަމާލާ ބުންޏެވެ. އަދި ބެލުންތެރިންގެ ލޯބި އޭނާގެ ދަރިފުޅަށް ލިބޭތީ ޝަންމުކާގެ މަންމަ ހުރީ ވަރަށް އުފަލުންނެވެ.