ލައިފްސްޓައިލް

އިންޑިއަން އައިޑަލް 12 ގެ އަސްލު ޖަޖުންގެ ޕެނަލް ކޮބާ؟

"އިންޑިއަން އައިޑަލް 12"ގެ ހޯސްޓް އަދި ލަވަކިޔުންތެރިޔާއަށް ކޮވިޑް ޖެހި ފަރުވާ ހޯދައި ރަނގަޅުވެގެން މިހާރު ވަނީ އެނބުރި އެ ޝޯ އާ ގުޅިފަ އެވެ. ނަމަވެސް އަދިތުޔާ އަލުން ޝޯގެ ޝޫޓިންގްގައި ބައިވެރިވާން ފެށިއިރު ޝޯގެ ފަނޑިޔާޜުންގެ ޕެނަލްގައި ތިބި ތިން ފަންނާނުން ކަމަށްވާ މިއުޒިކް ޑައިރެކްޓަރު ވިޝާލް ދަދްލާނީ އާއި މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމްޔާ އަދި ލަވަކިޔުންތެރިޔާ ނެހާ ކައްކަރް ގެއްލިއްޖެ އެވެ. މި ތިން ޖަޖުންގެ ބަދަލުގައި ޝޯގެ ޖަޖުންގެ ގޮތުގައި މިހާރު ފެންނަނީ މިއުޒިކް ޑައިރެކްޓަރު އަންނޫ މަލިކާއި ލިރިސިސްޓާ މަނޯޖް މުންތަޝިރް އެވެ.

މިކަމާ ގުޅޭ ގޮތުން އިންޑިޔާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ނެހާ އާއި ހިމޭޝް އަދި ވިޝާލް މި ޝޯ އިން ފެނުމުގެ އުންމީދު ކުޑަ އެވެ. ސަބަބަކީ ޝޯ ޝޫޓްކުރާ ތަން ބަދަލުވުމެވެ. ކުރިން މި ޝޯގެ ޝޫޓިން ކުރިޔަށް ދިޔައީ މަހަރަޝްތުރާ ގައެވެ. ނަމަވެސް މިހާރު ޝޫޓިން ވަނީ ދަމަން އަށް ބަދަލުކޮށްފަ އެވެ.

ނެހާ އާއި ހިމޭޝް އަދި ވިޝާލް އަށް ދަމަން އަށް ދަތުރު ކުރެވެން ނެތުމުން ޝޯ ދަމަންގައި ޝޫޓްކުރާ އެއްވެސް އެޕިސޯޑެއްގައި މި ފަންނާނުންނަށް ބައިވެރިއެއް ނުވެވޭނެ އެވެ. ސަބަބަކީ ޝޯގެ ޝޫޓިންގްއަށް ދަމަން އަށް ހިނގައްޖެނަމަ އެނބުރި މަހަރާޝްތުރާ އަށް ނާދެވޭނެތީ އެވެ. މި ފަންނާނުންގެ މަސައްކަތް ހުރި ގޮތުން ހުރިހާ ވަގުތެއް ދަމަންގައި މަޑުކުރެވެން ނެތީއެވެ.

އަލަށް ޖަޖުންގެ ގޮތުގައި ޝޯ އާ ގުޅުނު އަންނޫ އާއި މަނޯޖް އަށް ވެސް ޖެހޭނީ ދަމަންގައި މަޑުކުރާށެވެ. މަހަރަޝްތުރާގައި އަލުން ޝޫޓިންގްތައް ބާއްވަން ހުއްދަ ލިބެންދެނެވެ. ނެހާ އާއި ވިޝާލް އަދި ހިމޭޝް ޖަޖުންގެ ގޮތުގައި ޝޯ އިން އަލުން ފެންނާނީ ވެސް ޝޯގެ ޝޫޓިންގް މަހަރަޝްތުރާ އަށް ބަދަލު ކުރެވުނު ދުވަހަކުންނެވެ.

ކޮވިޑް-19ގެ ހާލަތު މަހަރަޝްތުރާގައި ވަރަށް ބޮޑަށް ގޯސް ވެފައިވާތީ އެއްވެސް ފިލްމެއް އަދި ޝޯއެއްގެ ޝޫޓިންގް އެ ސްޓޭޓުގައި ބޭއްވުން ކަމާ ބެހޭ އިދާރާތަކުން ވަނީ މަނާ ކޮށްފަ އެވެ. އެހެންވެ ޝޯގައި ބައިވެރިޔާ ލަވަކިޔުންތެރިންނާއި ކުރޫން އަދި ދެން ވެސް ޝޯގެ މަސައްކަތުގައި އުޅޭ އެންމެން ދަމަންގެ ވަކި ހޮޓަލަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ކޮވިޑް-19ގެ ޕްރޮޓޮކޯލް އާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް މި ޝޯގެ ޝޫޓީންގްގައި ވަރަށް ބޮޑަށް ވަނީ އަޅާފަ އެވެ. އަދި އިންޑިއަން އައިޑަލްގެ މުޅި ޓީމު އުޅެން ޖެހެނީ 'ބައޯ ބަބްލް' އެއްގެ ތެރޭގަ އެވެ. މާނައަކީ އެމީހުން އުޅޭނީ މުޅިން ވަކިންނެވެ. އެހެން އެއްވެސް ބަޔަކަށް އެމީހުންނާ ބައްދަލުކޮށެއް ނުހެދޭނެ އެވެ. އަދި އެމީހުން ތިބޭ ހޮޓަލުން ޝޫޓިންގް އޮންނަ ތަނަށް ދިއުން ފިޔަވައި އެހެން އެއްވެސް ތަނަކަށް ވެސް އެއްވެސް މީހަކަށް ނުދެވޭނެ އެވެ.

މިއީ ޝޯގެ ބައިވެރިންގެ ތެރޭގައި ކޮވިޑް އިންފެކްޝަން ފެތުރުނަ ނުދިނުމަށް ކޮށްފައިވާ ކަމެކެވެ.
މީގެ ދެ ތިން ހަފުތާ ކުރިން ޝޯގެ ހޯސްޓް އަދިތުޔާ ޕޮޒިޓިވްވީތަނާ ޝޯގެ މުހިއްމު ދެ ލަވަކިޔުންތެރިން ކަމަށްވާ ޕަވަންދީޕް ރާޖަން އާއި އަޝީޝް ކުލްކަރްނީ ވެސް ޕޮޒިޓިވްވެ އެމީހުން ވެސް ކަރަންޓީނުގައި ތިބެން ޖެހުނެވެ. މި ދެ ލަވަކިޔުންތެރިން ވެސް އަލުން ޝޯ އާ ގުޅުނީ އަދިތުޔާ އާއެކުގަ އެވެ.