ބޮލީވުޑް

ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް 7"ގައި ޕްރަބާސް ބައިވެރިވޭތަ؟

އިންޑިޔާގައި އެންމެ މަޝްހޫރު އެއް އެކްޓަރަކީ "ސާހޯ"ގެ ބަތަލު ޕްރަބާސް އެވެ. ތެލުގޫ އަދި ތަމަޅަ ބަހުން ވާހަކަ ދައްކާ ސައުތު އިންޑިޔާ ގިނަ ބަޔަކު ޕްރަބާސް އަށް ސަޕޯޓްކުރާތީ އޭނާގެ ފޭނުން އެތައް މިލިއަނަކުން ގުނާލެވެ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޕްރަބާސް ވަރަށް އަވަހަށް ހޮލީވުޑް ފިލްމުތައް ކުޅެން ފަށާނެ އެވެ. އެގޮތުން ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް 7"ގައި އޭނާގެ ވަރަށް ޚާއްސަ ރޯލެއް ހިމެނޭ ކަމަށް ވެސް ތުންތުންމަތިން ވާހަކަ ދެކެވެ އެވެ. އަދި "އެމްއައި7"ގައި ޕްރަބާސް ބައިވެރިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ކްރިސްޓޮފާ މެކްކުއެރީ ޔަގީން ކޮށްދީފައިވާ ކަމަށް ވެސް ބައެއް ނޫސްތަކުން ޚަބަރު ފަތުރާފައިވެ އެވެ.

ޕްރަބާސް މިހާރު ކުޅެމުންދާ "ރާދޭ ޝާމް"ގެ ޝޫޓިން އަށް އިޓަލީ އަށް ދާދިފަހުން އޭނާ ގޮސް ހުރިއިރު "އެމްއައި7"ގެ ޓީމާ ބައްދަލުކުރި ކަމަށް ވެއެވެ. އަދި އެ ބައްދަލުވުމުގައި "އެމްއައި7"ގެ ސްކްރިޕްޓް ޕްރަބާސް އަށް ޑައިރެކްޓަރު ކިޔައިދިނުމުން ޕްރަބާސް އެ ފިލްމު ކުޅެން އާނ ބަސް ބުނެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި މި ވާހަކައިގެ އަޑުގަދަވެ ޑައިރެކްޓަރު ކްރިސްޓޮފާއާ ހަމައަށް ވެސް މި ޚަބަރު ގޮސް ޑައިރެކްޓަރު ވަނީ އޭނާގެ ރަސްމީ އެކައުންޓުން ޓުވީޓުކޮށް މިއީ ދޮގެއް ކަމަށް ބުނެފަ އެވެ.

"އޭނައަކީ ވަރަށް ހުނަރުވެރި މީހެއް. އަހަރެމެން ދުވަހަކުވެސް ބައްދަލެއް ނުވޭ. އިންޓަނެޓަށް މަރުހަބާ،" ކްރިސްޓޮފާ މެކްކުއަރީގެ ޓުވީޓުގައި ބުނެފައި ވެއެވެ.

"މިޝަން އިމްޕޮސިބަލް 7"ގައި ޓޮމް ކްރޫޒް އަނެއްކާވެސް ފެންނާނީ ސްޕެޝަލް އެޖެންޓް އީތަން ހަންޓްގެ ރޯލަށް އިއާދަވެފައި ހުއްޓަ އެވެ. ކުރިން މި ފިލްމު ރިލީޒްކުރަން އޮތީ މިއަހަރުގެ ތެރޭގަ އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ޕެންޑެމިކްއާ ހެދި ލަސްވީ އެވެ. މިހާރު މި ފިލްމުގެ ޝޫޓީން ކޮވިޑް-19ގެ ގައިޑްލައިންތަކާ އެއްގޮތަށް ކުރިއަށް އެބަދެ އެވެ.

މި ފިލްމުގައި ޓޮމް ކްރޫޒްގެ އިތުރުން ސައިމަން ޕެގް، އެލެކް ބޯލްޑްވިން، ވެނީސާ ކާބީ އަދި ރެބެކާ ފާގަސަން ބައިވެރިވެ އެވެ.

ޕްރަބާސް ހޮލީވުޑް ފިލްމުތައް ކުޅެން ނުފެށިޔަސް އިންޑިއާގެ ބައެއް އެކްޓަރުންނަށް ހޮލީވުޑްގައި މަސައްކަތް ކުރުމުގެ ފުރުސަތުތައް ލިބިފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ސައުތު އިންޑިއާގެ ފިލްމީ ތަރިއެއް ކަމަށްވާ ދަނުޝް ވަނީ ކްރިސް އިވާންސް އާއި ރަޔަން ގޮސްލިންގެ "ދަ ގްރޭ މޭން"ގައި ބައިވެރިވެފަ އެވެ. އަދި ޕްރިޔަންކާ ގެންދަނީ ކިއާނޫ ރީވްސް އާއެކު "މެޓްރިކްސް 4"ގައި މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އަލީ ފަޒާލް ވެސް ހޮލީވުޑްގެ ދަތުރު ވަނީ ފަށާފަ އެވެ. އެގޮތުން އޭނާ ކުޅޭ ފުރަތަމަ ފިލްމަކީ "ދެތުއޮފް ދަ ނީލް" އެވެ.