ފިނިޕޭޖް

ޕްރިޔާންކާ ކައިވެނިކުރަނީ، ވެޑިންއަށް ފުރަން ސުނީތާ ރެޑީވަނީ!

މި ދުވަސްކޮޅު ބޮލީވުޑްގެ އެންމެ ބޮޑު ޚަބަރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ މަޝްހޫރު ބަތަލާ ޕްރިޔާންކާ ޗޯޕްރާ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ވާހަކަ އެވެ.

މި ވާހަކައެއް މިހާރު އެ އޮތީ ދިވެހި ނޫސްތަކަށް ވެސް އަރައިފަ އެވެ. އެކަމަކު އުމުރުން 33 އަހަރުގެ ޕްރިޔާންކާ ކައިވެނިކުރަން އުޅޭ ކަމުގެ ޔަގީންކަމެއް ދެވޭނެ ފަރާތެއް ނެތެވެ. އޭނާ ހިތާވެގެން އުޅޭ ކަމަށް ބުނާ "އެމެރިކާގެ ލޮސް އެންޖެލިސްގެ ބޯއި ފްރެންޑް" ގެ ފޮޓޯގަނޑެއް ވެސް މިހާތަނަށް އާންމުވެފައެއް ނުވެ އެވެ.

އެހެންވީމަ ދެން ހަދަން ޖެހޭ ގޮތަކީ ކޮބައި ހެއްޔެވެ؟ ސުނީތާ އަލީ އަށް ގުޅާލަންވީ އެވެ.

ސަބަބަކީ ޕްރިޔާންކާގެ "އެންމެ ބޮޑު ފޭން" ގެ ގޮތުގައި ލޭބަލްވެފައިވާ މި ކުޅަދާނަ ނެށުންތެރިޔާ އަދި ޕްރިޔާންކާގެ އެންމެ ވަފާތެރި ދިވެހި ސަޕޯޓަރަށް އެހެން ހުރިހައި އެންމެނަށް ވުރެ ރަނގަޅަށް ޕްރިޔާންކާ ނުވަތަ އާންމުކޮށް ލޯބިން ކިޔައިއުޅޭ ނަމުން ނަމަ، ޕީސީއާ ބެހޭ ހުރިހާ މައުލޫމާތެއް އެނގޭތީ އެވެ.

ސުނީތާ އަށް ގުޅާލުމުން އޭނާ ބުނީ ޕްރިޔާންކާ ކައިވެނިކުރަން އުޅޭ ވާހަކަ އަކީ ބޭރުގެ ނޫސްތަކުން ފަތުރައިގެން އުޅޭ ތޯތޯ ވާހަކައެއް ކަމަށެވެ. ސުނީތާ މިހެން ބުނަނީ ނަމަ އެންމެ ރަނގަޅުވާނީ ގޫގްލްއެއް ވެސް ކުރުމެއް ނެތި މި ވާހަކައެއް ގަބޫލުކުރިއްޔާ އެވެ.

"އޭނާ ނުބުނޭ ދޯ ސީދާ ކައިވެނިކުރަން އުޅޭ ވާހަކައެއް. ބޭރުގެ މީޑިއާތަކުން ފަތުރާ ވާހަކަތަކެއް،" ފޯނުން ވާހަކަ ދައްކަމުން ސުނީތާ މިއަދު ބުންޏެވެ.

"އެކަމަކު ޕީސީ ކައިވެނިކުރާ ނަމަ ޔަގީނަށް ވެސް ވެޑިން ޕާޓީ އަށް އަޅުގަނޑު ދާނަން."

ސުނީތާ ބުނީ ޕްރިޔާންކާ ވީހާ ވެސް އަވަހަކަށް ކައިވެނިކުރުމަކީ އޭނާ އެންމެ އެދޭ ގޮތް ކަމަށާއި އޭރުން އަނެއްކާވެސް އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"ކައިވެނިކުރާ ނަމަ ވެޑިން ޕާޓީ އަށް ދައުވަތު ލިބޭނެ ކަމުގެ އުއްމީދު ވެސް އެބައޮތް. އެ އުއްމީދު އޮތީ މާ ކުރިން ލިބިފައި. އެއީ އަޅުގަނޑު އެދިފައިވާނީ ޕާސަނަލްކޮށް ޕީސީގެ ވެޑިންގައި ޕާފޯމްކުރުމުގެ ފުރުސަތަކަށް"

"ބުނެފައި ވަނީ ކޮންމެ ތަނެއްގައި ޕީސީގެ ވެޑިން ޕާޓީ ބޭއްވިޔަސް އެ ޕާޓީއަކަށް އަޅުގަނޑު ގެންދާނަމޭ."

އެހެންވީމަ ސުނީތާ އަށް މިވަރުގެ ޔަގީންކަމެއް އޮވެއްޖެ ނަމަ ދެން މި ވާހަކައަކަށް ކިޔާނެ އިތުރު އެއްޗެއް ނެތެވެ. އަދި ސުނީތާ އަށް ޕްރިޔާންކާއާ ބައްދަލު ނުކުރެވޭނެއެކޭ ވެސް ބުނާނަކަށް ނުކެރޭނެ އެވެ. ސަބަބަކީ ކުރިން ވެސް އެހެން ބުނި މީހުންގެ އަނގަމަތީގައި އަތް އެޅުމަށް ފަހު ސުނީތާ މިހާރު ވެސް ދެ ފަހަރެއްގެ މަތިން ޕްރިޔާންކާއާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާތީ އެވެ.

"ޕްރިޔާންކާގެ ފޭނަކަށް ވެވުމަކީ އަހަރެންގެ ނަސީބޭ ބުނެވޭނީ،" ސުނީތާގެ ހުރިހާ ވެސް ޝުކުރެއް ޕްރިޔާންކާ އަށެވެ.

ޕްރިޔާންކާގެ ވެޑިން ޕާޓީ އަށް ދިއުމުގެ އުއްމީދުގައި ސުނީތާ ހުރިއިރު އޭނާގެ ހިތުގައި ޕްރިޔާންކާ އަށް ދީފައިވާ ޖާގައެއްގެ ބޮޑުކަމުން މިފަހުން ސުނީތާގެ ނެށުމުގެ ވިޔަފާރި ވެސް ވަނީ ވަރަށް ބޮޑަށް ވައިގައި ހިފައިފަ އެވެ. އެގޮތުން ކުރިއަށް އޮތް ދެ މަސް ވެސް މިހާރު އޮތީ އެއްކޮށް ބުކްކޮށް ނިމިފަ އެވެ.

ސުނީތާގެ މަގްބޫލުކަން ބޮޑުވެ ޑިމާންޑްބޮޑުވީ ޕްރިޔާންކާ ރާއްޖެ އަށް ގެނައި ޝޯގެ އާދަޔާހިލާފު ޕާފޯމެންސަށް ފަހު އެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޕްރިޔާންކާ އާއި ސުނީތާއާ ދެމެދު އޮތީ ހަމަ އަސްލަށް ވެސް ހިތާއިހިތުގެ ގުޅުމެއް ކަމެވެ.