އައިޖީއެމްއެޗް

23 މިލިޔަން ރުފިޔާ ހަރަދުކޮށް އައިޖީއެމްއެޗްގައި އެމްއާރްއައި އިފްތިތާހުކޮށްފި

  • ދުވާލަކު 15 މީހުނަށް ހިދުމަތް ދެވޭ
  • އެޕޮއިންޓްމެންޓް ގަޑިތައް އަދި އިއުލާން ނުކުރޭ
  • ބަހައްޓާފައި ވަނީ ޓެސްލާ މެޝިނެއް

ސަރުކާރުން 23 މިލިއަން ރުފިޔާ ހަރަދުކޮށް، އައިޖީއެމްއެއެޗްގައި ބެހެއްޓި ފުރަތަމަ އެމްއާރްއައި މެޝިން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި ހިދުމަތް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފައްޓަވައި ދެއްވީ މިއަދު މެންދުރު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އިރްތިޝާމް އާދަމް އެވެ.

މިނިސްޓަރު އިރުތިޝާމް މިއަދު ވިދާޅުވީ، އެމްއާރުއައި ސްކޭން ހެދުމުގެ ހިދުމަތް އައިޖީއެމްއެޗުން ލިބެން ފެށުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ކުރި އެރުމެއް ކަމަށާއި އައިޖީއެމްއެޗުން ހައްދާ އެމްއާރްއައި އާސަންދައިން ކަވަ ކުރާނެ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އެކަމަނާ ވިދާޅުވީ، އެމްއާރުއައިގެ ހިދުމަތް އައިޖީއެމްއެޗުގައި ފަށަން މީގެ ކުރިން ކުރި މަސައްކަތްތައް އެކި ސަބަބުތަކާ ގުޅިގެން އޮތީ ނުފެށި ކަމަށާއި ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަނތުމަށްފަހު އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަތީ، ކިތަންމެ ބޮޑު ހަރަދެއް ކުރައްވައިގެން ނަމަވެސް އެ ހިދުމަތް ތައާރަފު ކުރަން ކަމަށެވެ. .

ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ، އައިޖީއެމްއެޗަކީ ސަރުކާރުގެ ހޮސްޕިޓަލަކަށް ވާތީ ހުރިހާ ހިދުމަތަކަށް ވެސް އާސަންދައިން ފުލް ކަވާ ލިބޭނެ ކަމަށާއި އެމްއާރުއައި ސްކޭނަކަށް ވުމުން އެއްވެސް އިތުރު އަގެއް ނުނަގާނެ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ ގެނައި އެމްއާރުއައި މެޝިން ބަހައްޓާފައި ވަނީ އައިޖީއެމްއެޗްގައި ކުރިން ޑަޔަލިސިސް ސެންޓަރު ހުރި އިމާރާތުގަ އެވެ. މި އެމްއާރުއައި މެޝިނަކީ ވަރަށް ފަހުގެ ބްރޭންޑެއްކަމަށްވާ ޓެސްލާ 1.5 ގެ އެމްއާރު އައި މެޝިނެކެވެ. އެ މެޝިނުން ހިދުމަތްދޭ އަވަސް މިނަށް ބަލާއިރު ސްކޭނަކަށް ހޭދަވާނީ 40 ނުވަތަ 30 މިނިޓެވެ. ހިދުމަތް ދޭން ފެށުމުން ދުވާލެއްގެ މައްޗަށް 10-15 ޕޭޝަންޓުންނަށް ހިދުމަތްދެވޭނެ ކަމަށެވެ.

އެމްއާރުއައިގެ ހިދުމަތް މިއަދު ތައާރަފްކޮށްފައިވީ ނަމަވެސް ހިދުމަތް ދޭން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެނެވެ. އައިޖީއެމްއެޗުން ބުނީ ސްކޭން ހައްދަން އެޕޮއިންޓްމަންޓް ދޫކުރާނެ ގޮތްތަކާއި އެޕޮއިންޓްމަންޓް ދޫކުރާ ގަޑިތަކާބެހޭ މައުލޫމާތު ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި އެ ހޮސްޕިޓަލުން އާންމު ކުރާނެ ކަމަށެވެ.

ރާއްޖޭގައި އެމްއާރްއައި ޚިދުމަތް މިހާރުދޭ ހަމައެކަނި ހޮސްޕިޓަލަކީ އޭޑީކޭ އެވެ. އެ ހޮސްޕިޓަލުން އެމްއާރު އައިގެ ޚިދުމަތް ދޭތާ 10 އަހަރުވެއްޖެއެވެ.