ކޮވިޑް ފިޔަވަޅުތަކާ ގުޅިގެން ހޮޓާ، ކެފޭ އާއި ރެސްޓޯރެންޓްތައް ބަންދު ކުރަން ޖެހުމުން ލިބުނު ގެއްލުންތަކަށް ބަދަލު ހޯދަން ހުށަހެޅި ނަމަވެސް އެ ބަދަލު ނަގައި ނުދޭން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ނިންމައިފި އެވެ.
ކޮވިޑް ފިޔަވަޅުތަކުގައި ކެފޭ ހޮޓާ ފަދަ ތަންތަން ރޭގަނޑު ބަންދުކުރާ ގަޑިތައް މީގެ ކުރިން އެތައް ފަހަރަކު އަވަސް ކުރި އެވެ. އެކަމާ ގުޅިގެން އެ ތަންތަނުން ބުނެފައި ވަނީ ރޭގަނޑުގެ ޕީކް އަންނަ ތަންތަނަށް އިޔާދަ ނުކުރެވޭނެ ގެއްލުން ކުރިމަތިވަމުން ދިޔަ ކަމަށާއި އެވްރެޖްކޮށް ގިނަ ތަންތަނަށް ގެއްލުންވި ކަމަށެވެ.
އެކަންކަން ހައްލުކޮށް ބަދަލު ހޯދަން އެދި މިދިޔަ މާޗް މަހު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މައްސަލަައެއް މަޖިލީހަށް ހުށަހެޅުއްވި އެވެ.
އެ މައްސަލަ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ދިރާސާ ކުުރުމަށް ފަހު އެކުލަވާލި ރިޕޯޓްގައި ބުނީ ރެސްޓޯރެންޓްތައް ބަންދުކުރި ވަގުތަށް ބަލައި އެކަށީގެންވާ އަދަދަކުން ބަދަލު ދޭން ހުށަހެޅި ނަމަވެސް އެފަދައިން އަމަލު ކުރަން ނުފެންނަ ކަމަށެވެ. އެއީ މި އަހަރަށް ފާސް ކޮށްފައިވާ ބަޖެޓުގައި އެފަދަ ބަދަލެއް ދެވޭ ވަރަށް ފައިސާ ނެތުމާއި ބަދަލު ދީފިނަމަ ބަޖެޓަށް ނޭދެވޭ އަސަރުކޮށް އަންދާޒާ ކޮށްފައިވާ ޑެފިސިޓް ބޮޑުވެ އަދި ފައިނޭންސް ހޯދަން ޖެހޭ މިންވަރު އިތުރު ވެގެން ދާނެ ކަމަށެވެ.
ނަމަވެސް ކޮވިޑާ ގުޅިގެން މުސްތަގުބަލުގައި ފިޔަވަޅު އަޅާނަމަ ވިޔަފާރިތައް ގިންތި ކޮށްފައިވާ ގޮތަށް ބަލައި ކެޓަގަރައިޒްކޮށް ވިޔަފާރިތަކަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ގަވައިދުތަކާ ފިޔަވަޅުތައް އަޅަން ލަފާ ދިނެވެ.
ހޮޓާ ކެފޭ ފަދަ ތަންތަނުގެ ވިޔަފާރިތައް ދިގު މުއްދަތުގައި ދެމެހެއްޓުމުގެ ގޮތުން ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށް ވިޔަފާރިތަކުގެ ފަންނީ ގާބިލްކަން އިތުރު ކުރުމަށް ބޭނުންވާ އެހީތެރިކަމާއި ތަމްރީން ޕްރޮގްރާމްތައް ބައްޓަން ކުރަން ވެސް ލަފާ ދިނެވެ.