ޓޫރިޒަމް

ޑެނިޝް ސުވަރޭޒު ވޮލްޑޯފް އެސްޓޯރިއާ އަށް

May 28, 2021

ސްޕޭންގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑެނިޝް ސުވަރޭޒް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން އަތުވެއްޖެ އެވެ.

ރާއްޖޭގެ އިޝްތިހާރު ޖަހާފައިވާ ސެލްޓަވީގޯ އަށް މިހާރު ކުޅެމުން ގެންދާ ސުވަރޭޒް ބައިވެރިޔާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ އިތާފުށީގައި ތަރައްގީ ކޮށްފައިވާ ވޮލްޑޯފް އެސްޓޯރިއާގަ އެވެ. އޭނާ ރާއްޖެ އައުމާއެކު ޓޫރިޒަމް މިނިސްޓްރީން ވަނީ މަރުހަބާ ކިޔާފަ އެވެ.

ވީއައިޕީ ލައުންޗުން ސުވަރޭޒް އަށް މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ އެވެ.

އުމުރުން 27 އަހަރުގެ ސުވަރޭޒަކީ ދުނިޔޭގެ މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

އޭނާ ކުޅެފައިވާ ޓީމުތަކުގެ ތެރޭގައި ބާސެލޯނާ އާއި ވިލަ ރެއާލް، އާސެނަލްގެ އިތުރުން މެންޗެސްޓާ ސިޓީ ހިމެނެ އެވެ. މިހާރު އޭނާ ކުޅެމުން ދަނީ ސެލްތަ ވީގޯ އަށެވެ.

ސެލްތަ ވިގޯއަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ޖަހާފައިވާ ކްލަބެކެވެ. މީގެ ކުރިން އެ ކްލަބުގެ ވަކިވަކި ކުޅުންތެރިން ވަނީ ރާއްޖެ އައިސް އިޝްތިހާރުކޮށްދީފަ އެވެ. އަދި ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވުނުކަން ދުނިޔޭގެ ގިނަ ބަޔަކަށް މި ކްލަބުން އަންގައިދީފައިވެ އެވެ.

އިތާފުށި މޯލްޑިވްސްއަކީ މަޝްހޫރު ގިނަ ބަަޔަކު އަންނަ ރިސޯޓެވެ. މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން މާލެ އަތޮޅުގައި ތަރައްގީ ކޮށްފައިވާ އިތާފުށި ރިސޯޓުގައިވާ މަތީ ފަންތީގެ ވިލާތަކަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ތަނެކެވެ. އިތާފުށި ނިސްބަތް ވަނީ ޖަނާހުގެ އާއިލީގެ މާލޭ، އިތާމުތް ގެއަށެވެ.