އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ އާންމުންނަށް 11 ދުވަސް ވަންދެން ދިން ހަމަލާތައް އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ ބަލަން ނިންމައިފި އެވެ.
މިމައްސަ އދ އަށް ހުށަހެޅީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނާއި އދ. ގައި ފަލަސްތީން ތަމްސީލްކުރާ ވަފުދު ގުޅިގެންނެވެ.
މިމައްސަލަ ބަލަން ފެންނަ ކަމަށް 24 ގައުމަކުން ވޯޓް ދިންއިރު ނުފެންނަ ކަމަށް ވޯޓް ދިނީ 14 ގައުމަކުންނެވެ.
އދގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ބުނީ އިޒްރޭލުން ޣައްޒާގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަަކަށް ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. އަދި ބުނީ މިހާރު ވެސް ފެންނަން ހުރި މަންޒަރުތަކުން އިޒްރޭލު ހިންގާފައިވަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ކަނޑައެޅިދާނެ ކަމަށެވެ.
އދގެ މިނިންމުމަށް އިޒްރޭލުން ވަނީ ނުރުހުން ފާޅުކޮށް ވަރަށް ބޮޑަށް ދެކޮޅު ހަދާފަ އެވެ.
އިޒްރޭލުން ފަލަސްތީންގެ ބިންތަައް ޖަހައިގަނެ އާންމުންނާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާންތައް ބަލަން ނިންމާ ކޮންމެ ފަހަރަކު އެބަޔަކާ ދެކޮޅަށް އިޒްރޭލާ އެމެރިކާ އަދި އިނގިރޭސިން ތެދުވެ އެވެ.
އދ އިން މިމައްސަލައިގެ ތެރެއަށް ވަދެ އިޒްރޭލުން ހިންގާފައި ހުރި ޖަރީމާތައް ކިތަންމެ ބައެއްގެ ލޮލަށް ސާބިތުކޮށްދިން ނަމަވެސް އިޒްރޭލަށާއި އެމެރިކާއަށް އެކައްޗެކޭ ވެސް ހީނުވާނެ އެވެ.
ޣައްޒާގެ ސުންނާފަތިކޮށްފައި ހުރި ސްކޫލްތަކާއި ސިއްހީ މަރުކަޒުތައް އަދި މަގުތައް އަލުން ބިނާކޮށް އާރާސްތު ކުރުމަށް އަރަބި އެކުވެރި ގައުމުތަކުން ބޮޑެތި އެހީތައް އަންނަނީ ޖަމާކުރަމުންނެވެ.
އދ ގެ މެމްބަރު ގައުމުތަކުން ވެސް އެހީތެރިވާނެ ކަމަށް ބުނެފައިވާއިރު އެމެރިކާއިން ވެސް ވަނީ އެހީވާން ނިންމާފަ އެވެ.
އިޒްރޭލުން ޣައްޒާއަށް ދިން މިސައިލް ހަމަލާތަކުުގައި 232 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 65 ކުދިން އަދި 39 އަންހެނުން ހިމެނެ އެވެ. އެކިވަރުގެ އަނިޔާ 1،700 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް ފަލަސްތީންގެ އިދާރާތަކުން ބުނެ އެވެ.