ފޮރިން މިނިސްޓްރީ

ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަޝިޔާގެ ހާރިޖީ ވަޒީރާ ހިއްސާކުރައްވައިފި

May 28, 2021
1

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފްއާ ފޯނުން މަޝްވަރާކުރައްވައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދެ ބޭފުޅުން ރޭ ވާހަކަފުޅު ދެއްކެވީ ކޮވިޑްގެ ހާލަތާ ގުޅޭގޮތުން ކަމަށެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރާއެކު ކުރެއްވި މަޝްވަރާތަކުގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑްގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ އަދި މިހާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ރަޝިޔާގެ ފޮރިން މިނިސްޓަރަށް މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

ރަޝިޔާއިން ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ވީހާވެސް އަވަހަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރަޝިޔާގެ ފޮރިން މިނިސްޓަރު، ރާއްޖޭގެ ފޮރިން މިނިސްޓަރަށް ދެއްވެވި ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މީގެ އިތުރުންވެސް ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފްއާ ފޯނުން ގުޅުއްވާފައި މިވަނީ ރަޝިޔާއިން ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ސްޕުޓްނިކް ވީ ވެކްސިންގެ 200،000 ޑޯޒް ގަންނަން ދެތިން ދުވަސް ތެރޭގައި އޯޑަރު ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެފައި ވަނިކޮށެވެ. ނަސީމު އެ ވާހަކަތައް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.