(24 މެއި 2021)
ކޮޓަރީގެ ތަށިމުށިގަނޑުު މައްޗަށް ވެއްޓިފައި އޮތް ޖަންނަތު، އޭނާގެ މޭމަތީގައި އަތް އަޅައިގެން ދެފަރާތަށް ވަރަށް އުނދަގުލުން ފުރޮޅެން ފެށިއެވެ. އޭނާގެ މުޅި ގައިން ނަގަމުން ދިޔައީ ހޫނު، އާވި ރިޙުމެކެވެ. ދޫ ހަރަކާތް ކޮށްލައި، މަންމަ އަށް ގޮވައިލަން ވެސް ޖަންނަތު އޮތީ ވަރަށް ބޭނުން ވެފައެވެ. ނަމަވެސް އޭނާގެ ދޫ ހީވަނީ މަރުވެފައިވާ ހެންނެވެ. އެއްވެސް ދިރުމެއް އެ ދުލުގައި ވާހެން ހިއެއް ނުވެއެވެ. ޖަންނަތުގެ ލޮލުން މަޑުމަޑުން އޮހެމުންދާ ކަރުނަތައް ތަށިމުށިގަނޑު މައްޗަށް ތިކިތިކި ޖަހަމުން ދާއިރު، އޭނާގެ މުޅި ގަޔަށް ސަވާރުވެގެންފައި ވަނީ އާދަޔާ ޚިލާފު ބޮޑު ތަދަކާއި ވޭނެކެވެ.
***
"ކާކު ތަ މި ގުޅާ ނަގަނީ؟" ހެނދުނުގެ ނާސްތާއަށް އިންސާފު ކުރަން ނާއިކު އިނީ ރަސްމީ ހެދުމުގައެވެ.
"ތި ނެގީމައެއްނު އެނގޭނީ. ނަގާ ބަލަ!" ނާއިކާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން އައިޝާ ބަލައިލީ ނާއިކުގެ ފޯނަށެވެ.
"ކީއްކުރަން؟ ކުރިން ދުވަހު ވެސް އޮފީހުގަ އެންމެ ބިޒީ ވަގުތުގަ ގުޅީ. ފޯނު ނެގީމަ ހިނިގަނޑެއް ޖަހާލާފަ ބާއްވައިފި. ދެން ގުޅާނެ ތާ މީހުން." ނާއިކުގެ ވާހަކަ ހުރީ ވަރަށް ހަމަޖެހޭ ފާޑަކަށެވެ. އޭނާގެ ޙަޔާތަށް ބިންދައިލަން ތައްޔާރު ވަމުން ދަނީ ކޮން ފަދަ ބޮޑު ރާޅެއް ކަމެއް އަންދާޒާ ކޮށްލަން ވެސް އޭނާގެ ސިކުނޑި ޖާގަ އެއް ނުދިނެވެ.
***
ޖަންނަތުގެ ޙާލު ދިޔައީ ފަހަރަކަަށް ވުރެ، ފަހަރެއް ބޮޑު ވަމުންނެވެ. އަނގައިންނާއި ނޭފަތުން މަޑުމަޑުން ލޭތައް ފައިބަމުން ދިޔައިރު، ޖަންނަތުގެ ބަނޑުން ހީވަނީ ހޫނު ފެންގަނޑެއް ކެކޭ ހެންނެވެ. ލިބެން ފެށި، ކެތްކުރަން ދަތި ދިލަ ތަދުން، ގަޔަށް ނިކަން ބާރެއް ދެމުން "މަންމާ" އޭ ކިޔައި ޖަންނަތު ހަޅޭލަވައިގަތެވެ. ޖަންނަތުގެ އަނގަ ހީވީ ކުއްލިއަކަށް ހުރެފައި، ފަޅައިގެން ދިޔަހެންނެވެ.
"ދަރިފުޅާ!" ސިޓިންގރޫމްގައި އިން ރަޝީދާއަށް ސޯފާއިން ތެދުވެވުނީ، އޭނާގެ ފޫކޮޅަށް ޕިނެއް ހެރިގެން ތެދުވާނެ ފަދަ ގޮތަކަށެވެ. ޖަންނަތުގެ އަޑުގައި އެކުވެފައިވާ ވަރުބަލި ކަމާއި، ވޭން ވަރަށް ރަނގަޅަށް ރަޝީދާއަށް ފަހުމް ވިއެވެ.
"ދަރިފުޅާ! ޖަންނަތު.. ދަރިފުޅާ.." ރަޝީދާގެ ހިތުގެ ހިނގުން އަވަސްވެ، މުޅި މީހާ ހާސްވިއެވެ. އެއް އަތުން ދޮރުގައި ތަޅަމުން އަނެއް އަތުން ރަޝީދާ މަސައްކަތް ކުރީ ލަބީބަށް ފޯނުން ގުޅާށެވެ. ލައިބާ ވެސް ގެންދިޔައީ ހުއްޓައި ނުލައި، ދޮރުގައި ތަޅަމުން މަންމައަށް ގޮވަމުންނެވެ.
***
"ގުޑް މޯރނިން ބޭބީ.." މަލާކުގެ ކޯލަށް ނާއިކު ޖަވާބު ދިނުމާ އެކު، މަލާކު ބުނެލިއެވެ.
"ކީއްވެތަ ފޯނަށް ޖަވާބު ނުދެނީ މިހާރު؟ އައިމް ސޯ ވޮރީޑް. ނާއިކު ޚަބަރު ނުވާތީ. އަހަރެން ގުޅީމަ ފޯނު ނުނަގާތީ." މަލާކު އޭނާގެ ހިތުގައިވާ ޝަކުވާތައް ބަންޑުންކޮށްލިއެވެ. މި ވޭތުވި ދިޔަ ދުވަސްތަކުގައި މަލާކުގެ ކޯލް ތަކަށް ނާއިކު ޖަވާބު ނުދެނީ، އޭނާ ބޭނުން ވެގެންނެވެ. އެއީ ކުރަން ރަނގަޅު ކަމެއް ކަމަށް ނާއިކަށް ނުފެންނާތީއެވެ. ނަމަވެސް މިއަދު އަނެއްކާ މަލާކު ގުޅުމުން، ނާއިކު ފޯނު ނެގީއެވެ. އައިޝާއަށް ދެން ނޭނގޭނޭ ކަމަށް ބަލައިގެންނެވެ. އާނއެކެވެ. ކަށީގައި ހިފާފައި ހުންނަ ކަންކަން ދޫކުރަން އުދަނގޫވާ ބީދައިންނެވެ.
"އާޝާ ހުންނާތީ. އަހަރެން ބުނަން ދޯ މަލް ނުގުޅަން. މަލް ގުޅަނިކޮށް އާޝާއަށް އެނގިދާނެ." ނާއިކު ވާހަކަދައްކަމުން ދިޔައީ އޮފީހުގައި އިނދެގެންނެވެ. ނާއިކާ ޖެހިގެން ދާއިން ވެސް އިނެވެ. އެއްވެސް އެއްޗެއް ނުބުނެ ދާއިން އިނަސް، އޭނާ ހުރީ ހިތްހަމަ ނުޖެހިފައެވެ.
***
އެމަރޖެންސީގައި ޖަންނަތު ފ.އަތޮޅު ހޮސްޕިޓަލަށް ގެނެވި އަވަސް ފަރުވާ ދެވެން ފެށުނެވެ. ހޮސްޕިޓަލަށް ގެނެވުނު އިރު ވެސް ޖަންނަތުގެ އަނގައިން ލޭ މަނާ ނުވެ، ލޭ ފައިބަމުން ދިޔައެވެ.
"ވީ އެންމެ އަވަހަށް މާލެ ގެންދަން ޖެހޭނެ. އަދިވެސް ޕޭޝަންޓު ހެއެއް ނާރާ." ޑޮކްޓަރު އެހެން ބުނުމާ އެކު، ރަޝީދާ އަޑުން އަޑު ނަގާ ފެށީ ރޯންށެވެ.
"ޖަނާ.. އަދި ބަނޑުގަ އޮތް ދަރިފުޅު ސަލާމަތް ވާނެތަ؟" ލަބީބު ފަހަތަށް ފިޔަވަޅެއް އެޅި ގޮތަށް އެހެން އަހައިލީ، ތެޅިތެޅި އޮތް ހިތަކާ އެކުގައެވެ.
"ވީ އާރ ސޮރީ. ދަރިފުޅު ނުވާނެ ސަލާމަތެއް. އެކަމު، ޖަނާ ރަނގަޅު ކުރެވޭނެ އިންޝާ ﷲ. އަވަސް ފަރުވާ ބޭނުން. މާލެ ދެވޭ ގޮތެއް ހޯދާ." ޑޮކްޓަރު އެހެން ބުނުމާ އެކު، ހިތަށް ލިބިގެން ދިޔަ ފުން އަސަރާ އެކުގައި ވެސް ލަބީބު މަސައްކަތް ފެށީ މާލެ ދެވޭނެ ގޮތެއް ބެލުމަށެވެ.
***
"މަލް ގުޅީމަ އަނެއްކާ މި ފޯނު ނެގުނީ. ހުވާ ނޭނގެ މިވާ ގޮތެއް. ދެން އެކަމު ވަރަށް ވިސްނައިގެން އުޅޭނީ.." ފޯނު ބޭއްވުމަށްފަހު، ނާއިކު ބަލައިލީ ދާއިނަށެވެ.
"ބަލައިގެން އަގެއިން ޗީޓް ދޯ؟" ދާއިން އެހެން ބުނެލީ ޖެއްސުމުގެ ރާގެއްގައެވެ.
"ހޮހޮހޯ! ބްރޯ! ހާރޑް ވީތަ؟" ނާއިކު މަޑުމަޑުން ދާއިންގެ ކޮނޑުގައި ޖަހައިލިއެވެ.
"ދެން އެނގޭނު؟ ތީތި ކަޑަ ދޯ؟ ނާއިކު ވާނެ ދޯ ވިސްނަން ތި މަޤާމަށް ވެސް. ލަނޑެއް ލިބޭނީ ބުނެފައެއް ނޫން. އަނެއްކޮޅުން އެ ހުރީ ލޯބިލޯބި ދަރިއެއް. އަނެއްކޮޅުން އައިޝާ ޕްރެގް. ކުރިން ތިކަހަލަ ކަންކަމާ ނުބެހުނަސް، މިހާރު ކައެގެ ތި ކަހަލަ ކަންތަކުގަ މި ބަސް ބުނަނީ ކައެއަށް ރަނގަޅަކަށް ބްރޯ. އެއްޗެއް ނުބުނަން ހުއްޓާ ބްރޯ އެހީމަ މި ބުނެލީ ދެން." ދާއިންގެ މޫނު މަތިން ފެނުނު ސީރިއަސް ކަމުން ނާއިކަށް ހައިރާން ކަމެއް ލިބުނެވެ.
"ޤަބޫލު ކުރަމޭ ބްރޯ! ކައެ ތީ ހަމަ 100. ދާއިން އަހަންނަށް ކަޑަ ގޮތެއް ނޭދޭނެކަން އަހަންނަށް ޔަޤީނޭ. ބްރޯ ހާސްނުވޭ! ކައެ ދެރަ ވާނެ ކަމެއް އަހަރެން ނުކުރާނެ، ނޫނީ ލަނޑެއް ނުލިބޭނެ އަހަންނަށް.." ނާއިކު ހީނލަމުން ބަލައިލީ ދާއިނަށެވެ. ބޯ ޖަހައިލަމުން ދާއިން ވެސް ހީނލިއެވެ.
***
ހަވީރު 5 ޖަހަން ގާތްވެއްޖެއެވެ. އެތައް އިރަކު ވިސްނަން އިނުމަށްފަހު، ރީތި ވެލައިގެން މަލާކު ސިޓިންގރޫމަށް ނުކުތީ، އޭނާގެ މަންމައަށް އޭނާއަށް ލިބިފައިވާ އުފާ ޙިއްޞާ ކުރާށެވެ. މަލާކު ފެނުމާ އެކު، ވާހިދާއަށް މަލާކަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވުނެވެ.
"ދަރިފުޅާ! ހާދަ އުފާވެފަ؟ ކިހިނެއްތަ ވީ އަނެއްކާ؟" ވާހިދާ އެހެން ބުނެލީ، މަލާކަށް ބަލަހައްޓައިގެން އިނދެއެވެ.
"އަހަރެން އެއްވެސް ކަމެއް މަންމަ އަށް ސިއްރެއް ނުކުރަމެއްނު؟ އެހެންވެ އަހަރެން ބޭނުން ވަނީ މި ވާހަކަ ވެސް މަންމަ ގާތު ބުނަން. އަހަރެން ވަރަށް އުފާވާ ކަމެއް މީ.." މަލާކު އައިސް އިށީންދެލީ ވާހިދާއާ ޖެހިގެންނެވެ.
"އެހެންތަ؟ އެހެންވިއްޔާ، ލަސްނުކޮށް އަވަހަށް ބުނޭ! އަނެއްކާ؟؟ ލޯބިވެރިއެއް؟" މަލާކު މޫނަށް ސީދާ ކަޅި ހުއްޓައިގެން އިނދެ ވާހިދާ އެހެން އަހައިލި އިރަށް، ނިކަން އުފާވެފައި ވަރަށް އަވަސްކޮށް މަލާކު ބޯ ޖަހައިލިއެވެ.
"އަނެއްކާ އެއީ ކާކު ދަރިފުޅާ؟" ވާހިދާ ހިފައިލީ މަލާކުގެ އަތުގައެވެ. ދެމައިންގެ ތުންފަތުން ވެސް ފެންނަނީ ހިނިތުންވުމެކެވެ. (ނުނިމޭ)