މޯލްޑިވްސް ޕޮލިސް ސާވިސް

ހަރުކަށި ފިކުރުގެ ތިން މީހަކު ހައްޔަރު ކޮށްފި

ހަރުކަށި ފިކުރުގެ މީހުން ހޯދާ ހުއްޓުވަން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގަައި އިތުރު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިޒަމްގެ ހަމަލާއަށް ފަހު ހަރުކަށި ފިކުރުގެ މީހުން ހޯދަން ފުލުހުން ދަނީ މުޅި ރާއްްޖޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

ފަހުން ހައްޔަރު ކުރި ތިން މީހުންނަކީ މާލެ ސަރަހައްދުގައި ކަނޑުމަތީ އަދި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ތިން މީހުންނެވެ. މި އޮޕަރޭޝަންގެ ތެރެއިން ސަފާރީއަކާ އެހެން ބައެއް ކަނޑު އުޅަނދުތައް ވެސް ވަނީ ބަލާ ފާސްކޮށްފަ އެވެ.

މި އޮޕަރޭޝަންއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ނަމަވެސް ތިން މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ޔަގީން ކޮށްދެއެެވެ.

މީގެ ކުރިންވެސް ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހުރި މީހަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް 25، އާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހްމީން އަހްމަދު 32، އާއި، މއ. ފޭރުގެ، މުޖާޒު އަހްމަދު 21، ގެ އިތުރުން ލ. ގަން، ދުންފިނި އުފާ، އަހްމަދު ފާތިހު 23، އެވެ.