ލައިފްސްޓައިލް

ފިރިމީހާގެ ފޯނު ސިއްރުން ބެލި މީހަކު ޖޫރިމަނާކޮށްފި

ޔޫއޭއީގެ އަންހެނަކު އޭނާގެ ފިރިމީހާގެ ފޯނު ސިއްރުން ބަލައިގެން ޖޫރިމަނާ ކޮށްފި އެވެ. ރަސް އަލް ޚައިމާގެ ސިވިލް ކޯޓުން އަރަބި ނަސްލުގެ މި އަންހެންމީހާއަށް ކުރި ހުކުމުގައި ބުނެފައި ވަނީ ފިރިމީހާގެ އަމިއްލަ މިނިވަން ކަމަށް އަރައިގަނެ އޭނާގެ ފޯނު ސިއްރުން ބަލައި އޭގައި ހުރި ފޮޓޯތަކާއި ރެކޯޑިންތައް ޓްރާންސްފާކޮށް އާއިލާގެ މީހުންނާ ޝެއާކޮށް އާއިލާގެ މީހުންގެ ކުރިމަތީގައި ފިރިމީހާގެ އަބުރު ނަގާލަން މަސައްކަތް ކުރިކަން ސާބިތުވާ ކަމަށެވެ.

ޔޫއޭއީ ނޫހަކުން ބުނެފައިވާ ގޮތުގައި އެމީހާގެ ފޯނު ސިއްރުން ބަލައިގެން އެކަމާ ރުޅިގަދަ ވެގެން ފިރިހެންމީހާ ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދިފައި ވެއެވެ. އެއީ އޭނާގެ ފޯނުގައި ހުރި ފޮޓޯތައް އާއިލާގެ މީހުންނަށް ދައްކައި އޭނާއަށް އެމީހުން ލައްވާ އެއްޗެތި ކިޔުއްވާފައި ވާތީ އެވެ.

ފިރިހެންމީހާ ކޯޓުގައި ބުނީ މި މައްސަލަ ކޯޓަށް ވެއްދުމަށް މަސައްކަތް ކުރަން ހަދައިގެން ވަޒީފާއަށް ބަރާބަރަށް ނުދެވި މުސާރައިގެ ބައެއް ކެނޑުނު ކަމަށެވެ. އަދި މައްސަލައިގައި ވަކާލާތު ކުރަން ނެގި ގާނޫނީ ވަކީލަށް ބޮޑު ހަރަދެއް ކުރަން ޖެހުނު ކަމަށެވެ. އަދި މި ކަމާ ހެދި އޭނާއަށް ނަފްސާނީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ފިރިހެންމީހާ ކޯޓުގައި ބުންޏެވެ.

އަންހެންމީހާގެ ގާނޫނީ ވަކީލު ކޯޓުގައި ބުނީ އަންހެންމީހާ ފޯނު ސިއްރުން ބަލައިގެން ރުޅިއައިސްގެން ފިރިހެންމީހާ ވަރަށް ހުތުރު ބަހުން އަންހެންމީހާއަށް އެއްޗެތި ގޮވައި، އެ ދެ މީހުންނަށް ލިބިފައިވާ އަންހެންދަރިފުޅާއެކު ގެއިން ބޭރު ކޮށްފައިވާ ކަމަށާއި އޭގެ ފަހުން އެއްވެސް އެހީއެއް ވެސް ނުވާ ކަމަށެވެ.

ކޯޓުން މި މައްސަލަ ބެލުމަށް ފަހު ފަނޑިޔާރު ބުނެފައި ވަނީ ފިރިމީހާގެ ފޯނު ސިއްރުން ބަލައި އޭގައިވާ ފޮޓޯތަކާއި ރެކޯޑިންގްސް އާއިލާ އާ ޝެއާކޮށް އަދި މެސެޖުގެ ޒަރިއްޔާއިން އެމީހާއާ އެއްޗެތި ގޮވާފައިވާކަން ކޯޓަށް ސާބިތުވާ ކަމަށެވެ. އަދި މީގެ ސަބަބުން ފިރިހެންމީހާގެ އަތުން ވަރަށް ގިނަ ފައިސާ ހަރަދުކުރަން ޖެހުނު ކަމަށް ވެސް ސާބިތުވާ ކަމަށެވެ.

ނަމަވެސް މި މައްސަލައާ ހެދި އޭނާގެ މުސާރައިން ބައެއް ގެއްލުނު ކަމަށް ފިރިހެންމީހާ ބުނާ މައްސަލަ ކޯޓަށް ސާބިތު ނުވާ ކަމަށް ވެސް މި ހުކުމުގައި ވެއެވެ.

ހުރިހާ ހެއްކަކަށް ރިއާޔަތްކޮށް ކޯޓުން ކުރި ހުކުމުގައި އަންހެންމީހާ 5،431 ދިރްހަމް (1400 ޔޫއެސް ޑޮލަރު) އިން ޖޫރިމަނާ ކޮށްފައި ވެއެވެ. މިއީ ފިރިހެންމީހާއަށް ކުރަން ޖެހުނު ޚަރަދުގެ ބަދަލެއްގެ ގޮތުން އަންހެންމީހާ އަށް ދޭން ޖެހުނު ފައިސާ ކަމަށް ވެސް ކޯޓުން ވަނީ ބުނެފަ އެވެ.