ލައިފްސްޓައިލް

ދުނިޔޭގެ އެންމެ އަގުބޮޑު އެއް ވަރީގެ އަގު 733 މިލިއަން ޑޮލަރު

ވަރި އަކީ މުއްސަނދިންނަށް ވަރަށް "އަގުބޮޑު" ކޮށް ކުރެވޭ ކަމެކެވެ. ޑުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް-މަޚްތޫމް އެމަނިކުފާނުގެ ކުރީގެ އަނބިކަނބަލެއް ވަރި ކުރެއްވުމުން ބަދަލެއްގެ ގޮތުގައި 733 މިލިއަން ޑޮލަރު ދިނުމަށް އިނގިރޭސި ވިލާތުގެ ހައި ކޯޓުން އެމަނިކުފާނަށް އަމުރުކުރުމުން މުއްސަނދިންނަށް ވަރީގެ އަގު ބޮޑު މިންވަރު އަންދާޒާ ކޮށްލެވެ އެވެ.

ރޮއިޓާސްގައިވާ ރިޕޯޓެއްގައިވާ ގޮތުން މުހައްމަދުގެ ކުރީގެ އަނބިކަނބަލުންނާއި އެ ދެކަނބަލުންނަށް ލިބިފައިވާ ދެ ދަރިންގެ ކަސްޓަޑީ ކޭސް ނިންމި ހުކުމްގައި ބުނެފައިވަނީ ކުރީގެ އަނބިކަނބަލުންނަށް 554 މިލިއަން ޕައުންޑް (733 މިލިއަން ޑޮލަރު) ދިނުމަށް ހުކުމް ކުރާ ކަމަށެވެ.

ޑުބާއިގެ ވެރިޔާގެ ކުރިގެ އަނބިކަނބަލުން ހަޔާ ބިންތު އަލް-ހުސެއިން އަކީ ޖޯޑަންގެ ރަސްގެފާނު އަބްދުﷲގެ ކޮއްކޮއެކެވެ.

މި ހުކުމް ކުރި ފަނޑިޔާރު ފިލިޕް މޫރް ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ފައިސާ އެ ތިން މައިންނަށް ދޭން ޖެހެނީ ޑުބާއީގެ ވެރިޔާގެ ފަރާތުން އެ ތިން މައިންނަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށާއި އެމީހުންގެ ރައްކާތެރިކަން މުޅި އުމުރަށް ޔަގީން ކުރުމަށެވެ.

"އެކަމަނާ އަމިއްލަފުޅަށް އެވޯޑެއް ބޭނުންފުޅެއް ނުވޭ. އެކަމަނާ ބޭނުންފުޅުވަނީ އެކަމަނާ އާއި ދެ ދަރިންގެ ރައްކާތެރިކަން. އަދި ކައިވެނި ރޫޅުމުގެ ސަބަބުން އެކަމަނާއަށް ގެއްލުނު މުދަލާއި ތަކެތީގެ ބަދަލު،" ފަނޑިޔާރު ވިދާޅުވި އެވެ.

މި ހުކުމްގައިވާ ފައިސާގެ ތެރެއިން 251.5 މިލިއަން ޕައުންޑް، ކުރިޔަށް އޮތް ތިން މަސް ތެރޭ މުހައްމަދަށް އެމަނިކުފާނުގެ ކުރީގެ އަނބިކަނބަލުންނަށް ދެއްވަން ޖެހިވަޑައިގަންނަވާނެ އެވެ. އެއީ އިނގިރޭސި ވިލާތުގައި ހަޔާ އުޅުއްވާ މެންޝަންގެ ޚަރަދުތައް ބެލެހެއްޓުމަށާއި އެކަމަނާއަށް މުހައްމަދު ދޭން ޖެހިވަޑައިގަންނަވާ ގަހަނާ އާއި ރޭސްޖަހާ އަސްތަކުގެ ބަދަލެއްގެ ގޮތުންނާއި މުސްތަގްބަލްގެ ސެކިއުރިޓީ ޚަރަދު ތަކަށެވެ.

ޝައިޚް މުހައްމަދަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވައިސް ޕްރެޒިޑެންޓް އަދި ބޮޑުވަޒީރު ވެސް މެއެވެ.

ހަޔާ އާއި ޝައިޚް މުހައްމަދުގެ ދެ ބޭފުޅުންގެ ތެރެއިން ޖަލީލާ، 14، އާއި ޒައިދު، 9، ގެ ތައުލީމަށް ތިން މިލިއަން ޕައުންޑް އަދި އެ ކުދިންގެ އެހެނިހެން ކަންކަމަށް 9.6 މިލިއަން ޕައުންޑް އިތުރަށް ދެއްވަން ވެސް ކޯޓުގެ އަމުރުގައި ވެއެވެ.

އަދި މި ދެބެން ބޮޑެތި މީހުންނަށް ވުމަށްފަހުވެސް އެކުދިންގެ ޚަރަދު ބަރަދަށް އަހަރަކު 11.2 މިލިއަން ޑޮލަރު ދެއްވަން ޝައިޚް މުހައްމަދަށް ކޯޓުން ހުކުމް ކޮށްފައި ވެއެވެ.

ހަތް ގަޑިއިރަށް ދެމިގެން ދިޔަ ކޯޓު އަޑުއެހުމުގައި ހަޔާ، 47، ވިދާޅުވީ މި ހުކުމްގެ ސަބަބުން އެކަމަނާ އާއި ދެ ދަރިންނަށް ޝައިޚް މުހައްމަދުގެ މުށުގެ ތެރެއިން ސަލާމަތްވެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަހަރެން އަސްލުވެސް މިނިވަންވާން ބޭނުން. އަދި އަހަރެން ބޭނުންވަނީ ދަރިން ވެސް މިނިވަން ވާން،" ހަޔާ ކޯޓުގައި ވިދާޅުވި އެވެ.