ޔޫއޭއީގެ ފިރިހެނަކު އޭނާގެ އަނބިމިހާގެ އަވިއައިނު ހަލާކު ކޮށްލުމުން ބަދަލުގައި 5000 ދިރުހަމް އޭނާއަށް ދިނުމަށް އެ ފިރިހެންމީހާ އަށް ކޯޓުން އަމުރު ކޮށްފި އެވެ. ރަސް އަލްޚައިމާ ކޯޓުން ފިރިހެންމީހާއަށް އަމުރު ކުރީ އޭނާގެ އަނބިމީހާގެ އަވިއައިނު ގަސްތުގައި ހަލާކު ކޮށްލިކަން ސާބިތު ވެގެންނެވެ.
އެމީހާގެ އަންހެނުން ކޯޓުގައި ބުނި ފިރިމީހާ ރުޅި އައިސްގެން އޭނާ ގެއިން ނެރެލާފައިވާ ކަމަށާއި އަންނައުނާއި އެނޫން ވެސް އެއްވެސް އެއްޗެއް ވެސް ނުދިން ކަމަށެވެ. އަދި ގޭގައި ހުރި އޭނާގެ ބައެއް އެއްޗެތި ހަލާކު ކޮށްފައިވާ ކަމަށެވެ.
އަންހެންމީހާ ކޯޓުގައި އެދުނީ ފިރިމީހާ ހަލާކުކޮށްލި ތަކެތީގެ ބަދަލުގައި 20،000 ދިރުހަމް ހޯދައި ދިނުމަށެވެ.
އަންހެނުންގެ ބައެއް ތަކެތި ހަލާކު ކުރި ކަމަށް ފިރިހެންމީހާ ވެސް ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ. ނަމަވެސް އޭނާގެ އެއްޗެތި ނުދީ ހިފެހެއްޓި ކަމަކަށް އެއްބަހެއް ނުވެ އެވެ. ފިރިހެންމީހާ ކޯޓުގައި ބުނީ އަންހެނުންގެ އަންނައުނާއި އެނޫން ވެސް ތަކެތި ދަބަހަކަށް އަޅާފައި އޭނާއަށް ދިނުމަށް އޭނާގެ ތިމާގެ މީހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ.
ފިރިހެންމީހާއާ އެއްކޮޅަށް ބަޔަކު ކޯޓުގައި ހެކިބަސް ދީފައި ވެއެވެ. އެމީހުން ބުނީ އަންހެންމީހާގެ އަންނައުނާއި އެނޫން ވެސް ތަކެތި ދިނުމުން އޭނާ ނުގެންގޮސް އޭގެ ބަދަލުގައި ފައިސާ ދޭން ޑިމާންޑް ކުރި ކަމަށެވެ.
އެހެން ކަމުން ކޯޓަށް ސާބިތުވީ އަންހެންމީހާގެ އަވިއައިނެއް ފިރިހެންމީހާ ހަލާކުކޮށްލި ކަން އެކަންޏެވެ. ނަމަވެސް މި ހުރިހާ ކަމެއް މެދުވެރިވީ އަނބިމީހާ އާ ދޭތެރޭ ފިރިހެންމީހާ ކަންތައްކުރި ގޯސް ގޮތުންކަން ސާބިތުވާ ކަމަށް ބުނެ 5،000 ގެ ބަދަލެއް އަންހެނުންނަށް ދިނުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.