ޔޫއޭއީގެ ޝާރްޖާގެ ޖަލެއްގައި މި ވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފިރިހެނަކު އޭނާގެ ދޮށީ އަންހެންދަރިފުޅުގެ ކައިވެނީގެ އޮންލައިންކޮށް ބައިވެރިވެއްޖެ އެވެ. ފައިސާގެ މައްސަލައެއްގައި ޖަލަށް ލާފައި ހުރި މި މީހާއަށް ދަރިފުޅުގެ ކައިވެނީގައި ވާޗުއަލް ކޮށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ އިތުރުން ކުރިޔަށް އޮތް ދުވަސްތަކުގައި ޖަލުގައި ވެސް އަލަތު ކައިވެނިކުރި ދަރިފުޅާއެކު ކުޑަ ރަސްމިއްޔާތެއް އިންތިޒާމް ކޮށްދޭނެ ކަމަށް ޖަލުގެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
މިކަން ކޮށްދީފައި ވަނީ ޔޫއޭއީ ޖަލުތަކުގައި ތިބޭ މީހުންނަށް އެމީހުންގެ އާއިލާއާ އޮންނަ ގުޅުން ދެމެހެއްޓޭނެ ގޮތް ހަދައިދިނުމުގެ ގޮތުން އަލަށް ހެދި ގަވާއިދެއްގެ ދަށުންނެވެ.
ޖަލުތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނެވި ބްރިގޭޑިއާ އަހުމަދު އަބްދުލް އަޒީޒް ޝުހައިލް ވިދާޅުވީ ޖަލުގައި ތިބޭ މީހުންނަށް އާއިލީ ގުޅުން ދަމަހައްޓައި އެމީހުންނަށް ނަފްސާނީ ގޮތުން ހިތްހަމަޖެހެން ގެނެސް ދިނުމަށް ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ. އެއީ ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއާ ބައްދަލު ކުރެވޭނެ ގޮތް ހަދައި ދިނުން ފަދަ ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތަށް ކައިވެނި ފަދަ ޚާއްސަ ކަންތައްތަކުގައި ގައިދީއަކު ބައިވެރިވާނަމަ އާއިލާގެ ފަރާތުން އެކަމަށް ހާއްސަ އެޕްލިކޭޝަނެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އެ އެޕްލިކޭޝަނަށް ބަލާފައި އެ ގައިދީއަކަށް މިފަދަ ހުއްދަ ދޫކުރާނެ ކަމަށް ވެސް ބްރިގޭޑިއާ ވަނީ ވިދާޅުވެފަ އެވެ.
ދަރިފުޅުގެ ހަޔާތުގެ މިހާ މުހިއްމު ދުވަހެއްގައި އެ ހަފުލާގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީތީ އޭނާގެ ހިތް ޝުކުރުން ފުރިފައިވާ ކަމަށް ގައިދީ އޭނާގެ އާއިލާގެ މެމްބަރުންނާ އޮންލައިންކޮށް ވާހަކަ ދައްކަމުން ބުނި ކަމަށް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.