ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
އަލަށް މަރުވެފައި ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް ދަރުމަވަންތައިގެ 11 ވަނަ ބުރީގައި ފަރުވާދެމުން ދިޔަ އުމުރުން 86 އަހަރުގެ ފިރިހެނެކެވެ.
މިއީ މި ބަލީގައި މިއަދު މަރުވި ފުރަތަމަ މީހާ އެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން 157 މީހުން ވަނީ މަރުވެފަ އެވެ. ރޭ ވެސް މީހަކު މަރުވި އެވެ. ރޭ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް މީހެކެވެ. އެއީ އުމުރުން 84 އަހަރުގެ މީހެކެވެ.
ކޮވިޑް މަރު ރާއްޖޭގައި 157 އަށް އުފުލިފައިވާއިރު ނިމޭން މިދާ މޭ މަސްތެރޭ އެކަނި ވެސް އެ ބަލި ޖެހިގެން 80 އަށް ވުރެ ގިނަ މީހުން ރާއްޖެއިން ވަނީ މަރުވެފައި ވެއެވެ.