ރިޕޯޓް

އައިޖީއެމްއެޗްގެ އެމްއާރްއައި ކޮޓަރިން ފާހަގަ ނުކުރެވުނު ހިތްގައިމުކަން!

"އެމްއާރުއައި ސްކޭނެއް ކުރުމަށް އެތަނުގައި އޮށޯވެލީމަ ބަލި މީހާ އަށް ފެންނަނީ ސާފުކަން ފެތުރިފައިވީ ނޫ އުޑެވެ. ބޮޑު އުއްމީދެއްގެ ނިޝާނެވެ،" މިއީ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގައި އިއްޔެ އަލަށް ތައާރަފްކުރި އެމްއާރްއައިގެ ހިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ކޮޓަރީގެ ހިތްގައިމުކަމަށް ތައުރީފު އޮއްސަމުން މަޝްހޫރު އޮޕަރޭޝަން ޑޮކްޓަރު ޔޫސުފް ޝާން އެ ބޭފުޅާގެ ފޭސްބުކް ޕޭޖުގައި ރޭ ލިޔުއްވާފައިވާ ވާހަކަ ކޮޅެކެވެ.

ޝާން އެ ބޭފުޅާގެ ޕޭޖުގައި ޝާއިއުކުރައްވާފައިވާ ފޮޓޯ އާއި ސިފަކުރައްވާފައިވާ މި ހިތްގައިމުކަމެއްގެ ވާހަކަ އަކީ އައިޖީއެމްއެޗުގެ އެމްއާރުއައިގެ ހިދުމަތް ދޭ ކޮޓަރި ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން މާ ގިނަ ބަޔަކަށް ފާހަގަކުރެވުނު ކަމެއް ނޫނެވެ. މަޝްހޫރު މީޑިއާތަކުގެ ފޮޓޯގްރާފަރުން ވެސް އެތަނަކަށް އެއްވެތިބިއިރު ވެސް މި އެމްއާރްއައި ކޮޓަރިއެއްގެ "ބްލޫ ސްކައި" ގެ ހިތްގައިމުކަން އެމީހުންގެ ލެންސްތަކަށް ދަމައިގަންނާކަށް ނޭނގުނެވެ.

އެހެންވީމަ ޑރ. ޝާން އެ އޮތީ އެންމެންގެ ގައިގައި އުޅަބޮށިން ކޮއްޓަވާލެއްވުމަށް ފަހު އެ ހިތްގައިމުކަމެއް އެންމެނަށް ފާހަގަކޮށް ދެއްވައިފަ އެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ ކޮޓަރި ތެރެއިން ނުވަތަ އެމްއާރުއައި ހައްދަން އޮށޯވެލައިގެން އޮންނަ މީހާ އަށް "ސާފު ނޫ އުޑު" ފެންނަ ވާހަކަ އަކީ ހަގީގަތެއް ނޫނެވެ. ތަނުގެ ހިތްގައިމުކަން ސިފަކޮށް ދެއްވުމަށް ޑރ. ޝާން އެފަދަ އިބާރާތެއް ބޭނުންކުރައްވާފައިވިޔަސް ކޮޓަރި ތެރެއިން އެ ފެންނަނީ ސީލިންގުގައި ހަރުކޮށް ދިއްލާފައިވާ "ބްލޫ ސްކައި" އެކެވެ. ނުވަތަ ދިއްލާފައިވާ ފޮޓޯގަނޑެކެވެ.

އައިޖީއެމްއެޗްގެ އެމްއާރްއައި ކޮޓަރީގެ މި ހިތްގައިމުކަމުގެ ފަހަތުގައި އޮތީ މާޒިޔާ ސާވިސްއޭ ކިޔުނު ކުންފުންޏެކެވެ. އެމީހުންނަކީ އެއްގޮތަކަށް ވެސް މިފަދަ މަސައްކަތްތަކަށް އާ ބައެއް ނޫނެވެ. އެކަން އިއްޔެ ވެސް އެ ވަނީ ސާބިތުކޮށްދީފަ އެވެ.

މާޒިޔާ ސާވިސް އަކީ ރާއްޖޭގައި މީގެ 25 އަހަރު ކުރިން "ފިނިޝިން ވޯކްސް" ގެ މަސައްކަތް ޕްރޮފެޝަނަލް ސާވިސްއެއްގެ ގޮތުގައި ފަށައިގަތް ކުންފުނިކަން މި ފުރުސަތުގައި ފާހަގަކޮށްލަން ޖެހެ އެވެ.

އެނބުރި އައިޖީއެމްއެޗުގެ އެމްއާރްއައި ކޮޓަރިއަށް ވަނުމާ އެކު އަނެއްކާވެސް މި ބައްދައިގަންނަނީ އެތަނުގެ ރީތިކަމެވެ. މި ކޮޓަރިއެއް ރަސްމީކޮށް ހުޅުވުމަށް އެތަނުގައި ބޭއްވި ހަފުލާގެ ތެރެއިންނާއި އެ ހަފުލާ އަށް ފަހު ވެސް މީހުން އެތަނުގެ ތެރޭގައި ސެލްފީ ނަގައި އެތަނުގެ ރީތި "ފިނިޝިން" ގެ ކުލަތަކާއި އޮމާންކަން އެމީހުންގެ ކެމެރާތަކުގައި ރައްކާކުރަމުން ދިޔަ މަންޒަރު ފެނިގެން ގޮސްފައިވެ އެވެ.

ކޮންމެއަކަސް އައިޖީއެމްއެޗުގައި އެމްއާރްއައި ސްކޭންގެ ހިދުމަތްދޭ ތަނެއް ތައާރަފްކުރުން ވެގެން ގޮސްފައި މި ވަނީ ވަރަށް ގިނަ ބަޔަކަށް ލިބުނު ހިތްހަމަޖެހުމަކަށެވެ. މިއޮތްހާ ދުވަހު ރާއްޖެ އިން ބޭރަށް ނުގޮސް އެމްއާރްއައި ހެއްދި މީހުން އެކަމެއް ކުރީ އޭޑީކޭގެ ކިޔޫއެއްގައި ޖެހިގެން އެތައް ފައިސާއެއް ޚަރަދުކޮށްގެންނެވެ.

އައިޖީއެމްއެޗުގައި ބަހައްޓާފައިވާ އެމްއާރްއައި މެޝިނުން ހިދުމަތް ދޭން ފަށާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. މިއީ ސަރުކާރުން 23 މިލިއަން ރުފިޔާ ހޭދަކޮށްގެން ރައްޔިތުންނާ ހަމަ އަށް ގެނެސްދީފައިވާ ފަސޭހަކަމެކެވެ.

އެތަނުގައި ބޭނުންކުރާ ޓެސްލާ 1.5 ގެ އެމްއާރްއައި މެޝިން ބޭނުންކޮށްގެން ސްކޭނަކަށް ހޭދަވާނީ 30 މިނެޓާއި 40 މިނެޓްގެ ވަގުތެވެ. މި މެޝިން ބަހައްޓާފައި ވަނީ އައިޖީއެމްއެޗުގައި ކުރިން ޑައިލަސިސް ސެންޓަރު ހުރި ތަނުގަ އެވެ.