ރާއްޖޭގެ ދެކުނުގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރަން އުޅޭތީ އިދިކޮޅު ޕީޕީއެމް / ޕީއެންސީން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި އެ ގައުުމުގެ ކެބިނެޓްގެ ބައްދަލުވުމެއްގައި ވަނީ މިއަހަރު ނިމުމުގެ ކުރިން ދިވެހި ރާއްޖޭގެ އައްޑު އަތޮޅުގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރަން ނިންމާފަ އެވެ. އެ ނިންމުމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެމްބަރުންގެ ތާއީދު ވެސް ވަނީ ދީފަ އެވެ.
އިދިކޮޅު ޕީޕީއެމް / ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް އައްޑު އަތޮޅުގައި އިންޑިއާއިން ގާއިމް ކުރަން ނިންމުމުން ސުވާލު އުފެދޭ ކަމަށެވެ. ބޭރު ގައުމެއްގެ އޮފީހެއް ނުވަތަ ކޮންސިއުލޭޓެއް ގާއިމު ކުރަން ގައުމުތަކުގެ ސަރުކާރުތަކުން ކަން ކުރާ އާދަކާދައަށް ބަލާއިރު ވެސް މި ކަމުގައި ސުވާލު އުފެދޭ ކަމަށް ބުނެފައި ވެއެވެ.
ކޮންސިއުލޭޓެއް ސ. އަތޮޅުގައި ގާއިމްކުރަން ނިންމާފައިވާކަން އިންޑިއާއިން ހާމަކުރި ދުވަހުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެފަދަ ކޮންސިއުލޭޓެއް ގާއިމް ކުރަން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާއެކު މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.
"... ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ގާއިމު ކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި އެ އޮފީހެއް ނިސްބަތްވާ ގައުމުގެ ރައްޔިތުން ގިނަ އަދަދަކަށް އޮފީސް ގާއިމު ކުރެވޭ ސަރަހައްދުގައި އުޅޭތީ އެފަރާތްތަކަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިވުން އެއީ މައިގަނޑު އެއްސަބަބު ކަމުގައި ވަނީ ބެލެވިފަ އެވެ. އެހެންކަމަށްވާއިރު، ރާއްޖޭގެ ވެރިރަށް މާލޭގައި ގާއިމު ކުރެވިފައިވާ އިންޑިއާގެ ހައިކޮމިޝަންގެ އިތުރުން، އިތުރު އެހެން ސަރަޙައްދެއްގައި އެ ގައުމުގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުންނަން ޖެހޭ ސަބަބެއް ފެންނާން ނެތް އިރު، މިފަދަ ހައްސާސް ވަގުތެއްގައި އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ގާއިމު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައި ވުމަކީ ސުވާލު އުފެދޭ ކަމެކެވެ." އިދިކޮޅުގެ ބަޔާނުގައި ވެއެވެ.
ކޮންސިއުލޭޓެއް ގާއިމްކުރުމުގެ ގޮތުން ރާއްޖޭގެ ސަރުކާރުން އަމަލު ކުރަމުންދާ ގޮތާމެދު ވެސް އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
އެގޮތުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އަޅަން ޖެހޭނީ އެއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްކަމަށް ރާއްޖޭގެ ސަރުކާރަށް ފެނި ގެޒެޓް ކުރެވޭ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށް ބުނެފައި ވެއެވެ.
މިފަހަކަށް އައިސް އިންޑިއާ އާއި ރާއްޖެއާ ދެމެދު ހިނގާ ބައެއް މުއާމަލާތްތަކުގެ ފުރިހަމަ ތަފްސީލް އާންމު ކުރަން ދިވެހި ސަރުކާރުން ފަސްޖެހުމާއި އެކަމުގެ ކަންބޮޑުވުން ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ފާޅުކުރަމުން ގެންދެ އެވެ. އެހެން އޮވާ އައްޑު އަތޮޅުގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވާ ވާހަކަ ތިލަވެގެން އައީ އެކަން ހިނގަންވާނެ އެންމެ ރަނގަޅު މަގުން ނޫން ކަމަށް އިދިކޮޅުން ބުނެ އެވެ.
އަދި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ގާއިމު ކުރުމަށް ބޭނުންވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކުރަން އިދިކޮޅުޖން ސަރުކާރަށް ގޮވާލަ އެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އިސްކަންދީ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކޮށް ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަމަށް ޖާގަ ނުދޭން ގޮވާލައިފައި ވެއެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމްކުރަން އުޅޭތީ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. އަދި މިއީ ރާއްޖޭގައި އިތުރަށް އިންޑިއާއގެ ނުފޫޒު ފޯރުވުމަށް ހިންގާ އަމަލެއް ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ. އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހުޅުވަން ނިންމާފައި މިވަނީ 200 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް އިންޑިއާގެ އެހީގައި އައްޑޫގައި ފަށާފައި ވަނިކޮށެވެ.