އެމްއެންޑީއެފް

އެސްޕީޖީގެ ކޮމާންޑަރުން ބަދަލު ކޮށްފި

ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލު ކޮށްފި އެވެ.

އަވަސް އިން ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެސްޕީޖީގަައި ކުރިން ތިއްބެވި ކޮމާންޑަރުން ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި އިސް މަގާމުތަކަށް އިތުރު ބޭފުޅުން ހަމަޖައްސަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސަވާފައި ވަނީ ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާ އެވެ. އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސަވާފައިވަނީ މޭޖާ މޫސާ ރަމީޒެވެ.

އެސްޕީޖީގެ ކޮމާންޑަރުން ބަދަލު ކޮށްފައި މި ވަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނި ކޮށެވެ. އަދި އެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ސެކިއުރިޓީއާބެހޭ ގޮތުން ސުވާލުތަކާއި ތުހުމަތުތައް އުފައްދާފައި ވަނިކޮށެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއަ ގުޅިގެން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެއްދެވުމަށް އެކަމަށް ހާއްސަ ޓީމެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކުލަވާލައްވާފައެވެ.

ރައީސް ސޯލިހް ކުރީން ވިދާޅުވީ އެވަރު ބޮޑު ހާދިސާއެއް ހިނގާދިޔައިރު އިންޓެލިޖެންސަށް ނޭނގުނީ ކީއްވެގެންތޯ ބައްލަވަން އެމަނިކުފާނު ވެސް ބޭނުންފުޅުވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި ގުޅިގެން ދިރާސާއެއް ހެއްދެވި ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭ ރިޕޯޓެއް އެމްއެންޑީއެފްގެ ފަރާތުން ވަރަށް އަވަހަށް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިންޓެލިޖެންސް ވަރުގަދަކުރަން ޖެހިފައިވާ ކަމަށް ރައީސް ގަބޫލުފުޅު ވެސް ކުރެއްވި އެވެ. އެ ދެ ރިޕޯޓު ބެއްލެވުމަށްފަހު އިންޓެލިޖެންސާއި ރައީސް ނަޝީދުގެ ސެކިއުރިޓީ މިހާރަށް ވުރެ ވަރުގަދަ ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވި އެވެ.