ހަބަރު

އޮޑިޓަރުން ގިންތި ކުރާ އުސޫލުތައް މީރާއިން ލުއިކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، (މީރާ) ގައި ރަޖިސްޓްރީ ކުރާ އޮޑިޓަރުން ގިންތި ކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އޮޑިޓަރުން ފެންވަރު ކަނޑައެޅުމުގައި ބަލައި ކަންތައްތަކަށް ލުއިތަކެއް ދީފި އެވެ.

މިއަދު އާންމު ކުރި ޓެކްސް ރޫލިންއެއް މެދުވެރިކޮށް ގެނައި ބަދަލުތަކަކީ ކެޓަގަރީ ސީގެ އޮޑިޓަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ކުޑަކުރުމާއި އެކު ކެޓަގަރީ ބީ އަށް ކޮލިފައިވާ އޮޑިޓަރުންގެ ޝަރުތުތައް ވެސް ވަނީ ކުޑަކޮށްފަ އެވެ.

އެގޮތުން އެކައުންޓަންސީ ނުވަތަ އޮޑިޓިން ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ވެފައިވާ ފަރާތްތަކުން އޮޑިޓް ދާއިރާގައި އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ  ކެޓަގަރީ ސީ އަށް މިހާރު ޝަރުތު ހަމަވާނެ އެވެ. މީގެ ކުރިން އެ ކެޓަގަރީގެ އޮޑިޓަރަކަށް ވެ ވޭނީ ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރެގެންނެވެ. އަންޑަގްރެޖުއޭޓް އޮޑިޓަރެއް ނަމަ، އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މުއްދަތު، ފަސް އަހަރުން ތިން އަހަރަށް ވަނީ ކުޑަކޮށްފަ އެވެ.

މީގެ އިތުރުން، ފަސް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ އޮޑިޓަރެއް ކެޓަގަރީ ސީ ގެ އޮޑިޓަރެއްގެ ގޮތުގައި ދެ އަހަރު ދުވަސް ހަމަކޮށްފިނަމަ، އެ ފަރާތަކުން ކެޓަގަރީ ގެ އޮޑިޓަރަކަށް ޕްރޮމޯޓް ވާ ގޮތަށް ވެސް ވަނީ ޓެކްސް ރޫލިންގައި ކަނޑައަޅައިފަ އެވެ. އަދި ކެޓަގަރީ ބީ ގެ އޮޑިޓަރުންގެ ތެރެއިން ޕާޓްނަރޝިޕެއް ރަޖިސްޓަރީ ކުރާނަމަ އޭގެ ޕާޓްނަރުންގެ ތެރެއިން މަދުވެގެން އެއް ޕާޓްނަރަކީ ދިވެއް ސަކަށް ވާން ޖެހޭ ގޮތަށް މިރާއިން ވަނީ ޝަރުތުކޮށްފަ އެވެ.